ބޭރު ގައުމުތަކުގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ރާއްޖޭގައި ވަޅުލުމަށް މައުމޫން ދެކޮޅު!

ކޮވިޑް-19 ގައި މަރުވާ އެހެން ގައުމުތަކުގެ މީހުން ރާއްޖެ ގެނެސް ވަޅުލާން ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި އަންދާތީ، އެ މައްސަލަ ބޮޑުވެ ރާއްޖޭގައި ލަންކާ މުސްލިމުން ވަޅުލުމުގެ އިންތިޒާމެއް ހަމަޖައްސައިދޭން އެދިފައި ވަނިކޮށް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެހެން ގައުމުތަކުގެ އެކި ދީންތަކުގެ މީހުން ރާއްޖެ އައިސް އުފާވެރިކަމާ އެކު ރާއްޖޭގައި އުޅެން ރާއްޖޭން މަރުހަބާ ކިޔާ ކަމަށެވެ."އެކަމަކު ކޮވިޑް ޖެހިގެން މަރުވާ ބިދޭސީން ރާއްޖެ ގެނެސް ވަޅުލުމަކީ އަޅުގަނޑަށް ތާއީދުކުރެވޭ ކަމެއް ނޫން،" ރައީސް އޮފީސް ޓެގް ކުރައްވައި މައުމޫން ކުރެއްވި ޓްވީޓްގައިވެ އެވެ.ނަމަވެސް މިކަމުގައި ދީނީ ގޮތުން ދެކެވަޑައިގަންނަވާ ގޮތެއް މައުމޫން ހާމަކުރައްވައިފައެއް ނުވެ އެވެ.ނަމަވެސް ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ސޯޝަލް މީޑިއާގައި ވިދާޅުވެފައި ވަނީ ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން އެ ގައުމުގައި ވަޅުލުމުގެ ފުރުސަތު އެ ގައުމުގެ ސަރުކާރުން ދޭން ޖެހޭނެ ކަމަށާއި އެއީ އިންސާނީ އަދި ދީނީ ހައްގެއް ކަމަށެވެ."އެ ގައުމުގެ ސަރުކާރުން އެ ފުރުސަތު މުސްލިމުންނަށް ނުދީ މުސްލިމުންގެ ހަށިތައް އާއިލާތަކުގެ ނުރުހުމުގައި އެ މީހުންގެ އަމިއްލަ ގައުމުން ބޭރުކުރުމުގެ ތެރެއަށް އެހެން ގައުމަކުން ތަދައްހުލްވުމަކީ ހައްލެއް ނޫން. ހައްލަކީ އެ މީހުންގެ ހައްގުތައް ހޯދައިދިނުމަށް ވަކާލާތުކުރުން،" ޝަހީމް ލިޔުއްވާފައިވެ އެވެ.ކޮވިޑް ބަލީގައި މަރުވި 19 ލަންކާ މީހަކު އަންދާލުމަށް ލަންކާ ސަރުކާރުން ވަނީ ނިންމާފައެވެ. އެކަމުގެ ސަބަބުން ލަންކާގެ މުސްލިމް ރައްޔިތުން އަންނަނީ ފާޅުގައި ދެކޮޅު ހަދަމުންނެވެ.ފޮރިން މިނިސްޓްރީ އިން މިއަދު ބުނީ ކޮވިޑް19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ދިވެހިރާއްޖޭގައި ސްރީލަންކާގެ އެފަދަ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީ އިން ބުންޏެވެ."އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަގުސަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ހާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުންނެވެ" ފޮރިން މިނިސްޓްރީ އިން ބުންޏެވެ.ކޮވިޑް19: ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލެވޭނެ ގޮތެއް އޮއްތޯ ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ