ދުޢާއަކީ ނުކުޅެދޭ މީހުންގެ އުންމީދު ހަގީގަތަކަށްވުން: ފަޒްނާ އަހުމަދު

ދުޢާއަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާ، މީހުންނާ އެ ފަރާތްތަކުގެ އާއިލާތަކުން އެމީހުންގެ ކުރިމަގަށް ކުރާ އުންމީދު ހަގީގަތަކަށްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެކަމަނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާ މީހުންނާއި އެ ފަރާތްތަކުގެ އާއިލާތަކުން އެމީހުންގެ ކުރިމަގަށް ކުރާ އުންމީދު ހަގީގަތަކަށްވެ ދުވަހުންދުވަަހަށް ޚިދުމަތްތައް ފުޅާވެ ފެންވަރު ރަނގަޅުވަމުން ދިއުމަކީ އިޚްލާސްތެރި ދުޢާ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުން އަދި ކުދިންގެ ހައްގުގައި އެކަމަނާ އަންނަނީ ގިނަ މަސައްކަތްތަކެއް އެކި މުނާސަބަތުތަކާއި ގުޅުވައިގެން ކުރައްވަމުންނެވެ.
އެގޮތުން އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރާ ގުޅޭ އެންމެފަހުގެ މަޢުލޫމާތާއި ހޯދުންތައް ބެލެނިވެރިންގެ މެދުގައި ހިއްސާކޮށް އެކަކު އަނެކަކަށް ހިތްވަރުދޭ ސަޕޯޓް ގްރޫޕުތައް ހަރަކާތްތެރިވުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށާއި، މިފަދަ ގްރޫޕްތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމަށްވެސް ފަޒްނާ ވަނީ މީގެކުރިން ގޮވާލައްވާފައެވެ.
އަދި އަސާސީ ހައްގުތައް ލިބިދިނުމުގައި އެއްވެސް ރައްޔިތެއްގެ މެދުގައި ތަފާތުކުރުމެއް އޮވެގެން ނުވާނެކަމަށް ގާނޫނުއަސާސީގައި ބުނާ ކަމަށާއި، އެހެނިހެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެކޭ އެއްފަދައިން އޯޓިޒަމް ހުންނަ ކުދިންނަށްވެސް އެންމެ މުހިންމީ އެބަލީގެ އުނދަގޫތައް އިހުސާސްކުރަން ނުޖެހި، އިތުރު ވޭންތައް ތަހައްމަލުކުރަން ނުޖެހޭނެގޮތަކަށް މުޖުތަމަޢުގެ ކަންކަން ބައްޓަންވެފައި ހުރުން ކަމުގައިވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ