މުދާ އެތެރެކުރުމަށް ޑޮލަރު ނޫން ފައިސާއެއް ބޭނުންކުރެވޭ ގޮތް ހަދަނީ

ރާއްޖެއަށް މުދާ އިމްޕޯޓުކުރުމުގައި ޑޮލަރު ނޫން ފައިސާއެއް ބޭނުންކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފިއެވެ. އެ އޮތޯރިޓީގެ ގަވަރުނަރު ޢަލީ ހާޝިމް މިފަދައިން ވިދާޅުވީ މިއަދު އޮތް ރައްޔިތުން މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ޑޮލަރަށް ބޭނުންޖެހިފައިވާ މިންވަރު ދަށްކުރުމަށް މަރުކަޒީ ބޭންކުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމުގައެވެ. އެގޮތުން އެ ޑިމާންޑު ދަށްކުރުމަށްޓަކައި ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ދެ ޤައުމު ކަމުގައިވާ އިންޑިޔާއާއި ޗައިނާގެ ފައިސާ ބޭނުންކުރެވޭނެ އިންތިޒާމެއް ހަމަޖެއްސިދާނެ ކަމުގައި ގަވަރުނަރު ވިދާޅުވިއެވެ. ޢަލީ ހާޝިމް ވިދާޅުވި ގޮތުގައި ޑޮލަރުގެ ބަދަލުގައި އިތުރު ފައިސާ އެކްސްޗޭންޖަށް ގެނައުމަށް މަސައްކަތްކުރައްވާ ކަމަށެވެ. އެގޮތުން ޗައިނާގެ ޔުއާނާއި އިންޑިޔާގެ ރުޕީސްއަށް ސީދާ ދިވަހި ފައިސާ ބަދަލުކުރެވޭނެ އިންތިޒާމު ހަމަޖެއްސިދާނެ ކަމުގައިވެސް ޢަލީ ހާޝިމް ވިދާޅުވިއެވެ. އަދި މިފަދައިން ވިޔަފާރީގައި ގުޅިފައިވާ ޤައުމުތަކުގެ ފައިސާއަށް ސީދާ އެ ޤައުމެއްގެ ފައިސާ ބަދަލުކުރެވޭ ނިޒާމަކީ އެހެން ޤައުމުތަކުގައިވެސް ހަމަޖެހިފައި ހުންނަ ނިޒާމެއް ކަމުގައި މަރުކަޒީ ބޭންކުގެ ޑެޕިއުޓީ ގަވަރުނަރު އަޙްމަދު އިމާދު ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ލޯކަލް ކަރަންސީ ބޭނުން ކޮށްގެން އެހެން ޖުރިސްޓިކްޝަނެއްގައި ހުންނަ މުދަލާއި ހިދުމަތް އަޅުގަނޑުމެންނަށް ހޯދޭނެ މެކޭނިޒަމެއް އެސްޓަސްބްލިޝް ވީމަ ޔޫއެސް ޑޮލަރަށް އޮންނަ ޑިމާންޑް ދަށްވާނެ. އެހެން ގައުމުތަކުން ވެސް މިހާރު ބޭނުން ކުރަމުން އަންނަ އެކްސަސައިޒެއް މިއީ،" މަޖިލިސް ކޮމިޓީގައި ވާހަކަދައްކަވަމުން އިމާދު ވިދާޅުވިއެވެ. ކޮވިޑް-19އާ ގުޅިގެން ބޭރު ފައިސާ ލިބުން ދަތިވެ ޑޮލަރުގެ ތާށިކަން ބޮޑުވެ، ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި ޑޮލަރުގެ އަގު 19 ރުފިޔާއަށްވުރެ މައްޗަށް އުފުލިގެން ގޮސްފައިވެއެވެ. މި މައްސަލަ ހައްލުކުރުމަށް ބޭންކުތަކަށް 521 މިލިއަން ޑޮލަރު އެމްއެމްއޭއިން ދޫކޮށްފައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ