ބުރާސްފަތި ދުވަހުން ފެށިގެން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

ބުރާސްފަތި ދުވަހުން ފެށިގެން، ކުރިއަށް އޮތް ހަފްތާ ބަންދުގައި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ބެލެވޭ ކަމަށް މެޓް އޮފީހުން ބުނެފިއެވެ. މެޓް އޮފީހުން މިއަދު ބުނީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުއިރުދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރުގައި ދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، މާދަމާ ހަވީރުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެ ތޫފާން ހުޅަނގަށް ދަތުރުކޮށް ތިނެއް ޑިސެމްބަރުވާ ބުރާސްފަތި ދުވަހު ސްރީލަންކާ ހުރަސްކޮށް ދެކުނު އިންޑިއާ އައްސޭރިފަށާ ކައިރިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން ބުނީ އެ ކޮޅިގަނޑު އުފެދި އަންނަމުންދާ ބަދަލުތައް ބަލަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން، ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި ވެސް ވަނީ ކޮޅިގަނޑެއް އުފެދިފައެވެ. އެހެންކަމުން ތިނެއް ޑިސެމްބަރުވާ ބުރާސްފަތި ދުވަހުން ފެށިގެން ހަފްތާ ބަންދުތެރެއާއެކު ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވެގެންދާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. މެޓުން ބުނީ އެ ނިޒާމްތަކާ ގުޅިގެން ރާއްޖޭގެ މޫސުމަށް ކުރާނެބެލެވޭ އަސަރު އެ އޮފީހުން އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ނެރޭ ސަމާލު އަދި އިންޒާރުގެ މެސެޖު މެދުވެރިކޮށް އާންމުކުރަމުން ދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ