ކުޅުދުއްފުށިން އެންމެ ފަހުން ފެނުނު ކޭސްގެ ކޮންޓެކްޓުންގެ ގޮތުގައި ސްކޫލް ދަރިވަރުންނާ ޓީޗަރުން ހިމެނޭ

ކުޅުދުއްފުށިން އެންމެ ފަހުން ޕޮޒިޓިވްވި ކޭސްއާ ގުޅިގެން ސްކޫލު ދަރިވަރުންނާއި ޓީޗަރުން އަދި ފުޓްބޯޅަ އެކެޑަމީއެއްގެ ކުދިންތަކެއް ކޮންޓެކްޓްވެ އެކަހެރިކޮށްފައިވާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ކުޅުދުއްފުށިން އެންމެ ފަހުން ޕޮޒިޓިވްވެފައިވަނީ ފުލުހެއްގެ އާއިލާއެއްގެ ހަތަރު މެމްބަރުންނެވެ. މިރޭ ބޭއްވި އެޗްއީއޯސީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިބުރާހިމް ނާޒިމް ވިދާޅުވީ، އެންމެ ފަހުން ކުޅުދުއްފުށިން ފެނުނު ކޭސްއާ ގުޅިގެން 15 ސްކޫލު ދަރިވަރުންނާއި 7 ޓީޗަރުން އަދި ފުޓްބޯޅަ އެކެޑަމީއެއްގައި ހަރަކާތްތެރިވާ 38 ކުއްޖަކު ކޮންޓެކްޓްވެ އެކަހެރިކޮށްފައިވާ ކަމަށެވެ.
ކޭއޯއަށް އެނގިފައިވާގޮތުގައި ކޮންޓެކްޓްވެގެން ކަރަންޓީނުކޮށްފައިވަނީ އަފީފުއްދީން ސްކޫލްގެ ދަރިވަރުންތަކަކާއި ޓީޗަރުންތަކެކެވެ. އަދި ފުޓްބޯޅަ އެކެޑަމީއަކީ ބަސީރު އެކެޑަމީގެ ކުދިންތަކެކެވެ.
މިރޭ ބައްދަލުވުމުގައި އެޗްއީއޯސީން ބުނީ، ކުޅުދުއްފުއްޓަށް ބަލި ފެތުރުނީ 24 ސެޕްޓެމްބަރުގައި 18 ފުލުހުންނާއެކު މާލޭން ދިޔަ ޓީމަކުން ކަމަށެވެ. އެ ޓީމު އުތުރުގެ ފަސް ރަށަކަށް ގޮސްފައިވާ ކަމަށެވެ. އެއީ ކުޅުދުއްފުށި، ބާރަށް، ދިއްދޫ، ހޯރަފުށި، އަދި ށ ފުނަދޫ ކަމަށެވެ.
ފުރަތަމަ ޕޮޒިޓިވް ކޭސް 6 އޮކްޓޯބަރުގައި ފެނުނުއިރު އެ ކޭސްގެ ޑައިރެކްޓް ކޮންޓެކްޓުން 10 ރަށަކުން ފާހަގަކުރެވިފައިވާ ކަމަށެވެ. އެރަށްތަކަކީ ހއ ހޯރަފުށި، ށ ފުނަދޫ، ހދ ކުރިނބީ، ހއ އިހަވަންދޫ، ށ މިލަންދޫ، ށ ފޯކައިދޫ، ށ ކަނޑިތީމް، ކުޅުދުއްފުށި، ހއ ބާރަށް އެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގް ވިދާޅުވީ، ކުޅުދުއްފުށީގައި މިވަގުތު އޮތީ ލޯކަލް ޓްރާންސްމިޝަނެއް މެދުވެރިވެފައިވާ ކަމަށެވެ. އަދި މިވަގުތު އެޗްއީއޯސީން ދަނީ ކުޅުދުއްފުށީ ޓާސްކް ފޯސްއާއެކު މަސައްކަތްކުރަމުންދާ ކަމަށާ މިހާލަތު ކޮންޓްރޯލްކުރުމަށްޓަކާ ކުރިއަށްގެންދަންޖެހޭ މަސައްކަތްތައް ކުރަމުން ކަމަށް ނަޒްލާ ވިދާޅުވި އެވެ.
ޑރ ނަޒްލާ ވިދާޅުވީ، ޒަރޫރީ ހާލަތެއްގައި މެނުވީ ބޭރަށް ނުކުމެ އުޅުމަކީ ރައްކާތެރިކަމެއް ނޫން ކަމަށާ ކޮންމެހެން ބޭރަށް ނުކުންނަށް ޖެހިއްޖެނަމަ މާސްކް އަޅައިގެން ގައިދުރުކޮށް އުޅުމަށް ކުޅުދުއްފުށީ ރައްޔިތުންނަށް އިލްތިމާސްކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ