ފިލިޕީންސް ރައްޔިތުން ވަޒީފާ އަށް ރާޖެ އައުން މަނާކޮށްފައި އޮތް އޮތުން ދޫކޮށްލައިފި

ފިލިޕީންސް ރައްޔިތުން ރާއްޖޭގައި ވަޒީފާ އަދާކުރުން އެ ގައުމުގެ ސަރުކާރުން މަނާކޮށްފައި އޮތް އޮތުން އެގައުމުގެ ސަރުކާރުން ނިމުމަކަށް ގެނެސްފި އެވެ.
ފިލިޕީންސްގެ "ސަން ސްޓާ" ނޫހުން މިއަދު ބުނީ އެ ގައުމުގެ، އިމިގްރަންޓް ވޯކާސް އާ ބެހޭ ގާނޫނުގެ ދަށުން ޝަރުތު ހަމަވާކަމަށް ފެނިގެން ބޭރު ގައުމުތަކަށް މަސައްކަތުދާ އެ ގައުމުގެ ރައްޔިތުންނާ ބެހޭ އިދާރާ، ފިލިޕީން އޯވާސީސް އެމްޕްލޯއިމެންޓް އެޑްމިނިސްޓްރޭޝަންގެ ގަރާރަކުން، ފިލިޕީންސް މީހުން ވަޒީފާއަށް ދިއުން މަނާކޮށްފައިވާ 32 ގައުމަކަށް ވަޒީފާއަށް ދިއުމުގެ ހުއްދަ އަލުން ދީފައިވާ ކަމަށެވެ.
ވަޒީފާ އަދާކުރުމަށް ފިލިޕީންސް މީހުން ދިއުން އެގައުމުގެ ސަރުކާރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައި 32 ގައުމުގެ ތެރޭގައި ރާއްޖެއާއެކު ދެން ހިމެނޭ ދެކުނު އޭޝިއާގެ ގައުމުތަކަކީ ބޫޓާނާއި ބަންގުލަދޭޝް އެވެ.
ވަޒީފާ އަދާކުރުމަށް ރާއްޖެއަށް އައުން ފިލިޕީންސް ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް މަނާކުރި ސަބަބެއް ނޫހުގައި ބުނެފައެއް ނުވެއެވެ. ނަމަވެސް ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި މަނާކުރީ ރާއްޖޭގައި މަސައްކަތް ކުރި އެގައުމު 40 މީހަކާ މެދު ރާއްޖޭގެ ކުންފުންޏަކުން އިންސާނިއްޔަތާ ހިލާފު ގޮތަކަށް އަމަލުކުރި ކަމުގެ ޝަކުވާ ގުޅިގެންނެވެ.
ރާއްޖޭގައި މަސައްކަތް ކުރަމުން ދަނިކޮށް އިންސާނިއްޔަތާ ހިލާފު ކަންތައްތައް ކުރިމަތިވި ކަމަށް ބުނާ 40 މީހެއްގެ ވާހަކަ 2009 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރިޕޯޓްކުރި، ފިލިޕީންސްގެ ޓީވީޗެނަލެއް ކަމަށްވާ ޖީއެމްއޭ ނެޓްވޯކުން އޭރު ބުނެފައި ވަނީ އެމީހުން މަސައްކަތް ކުރީ އޭޝްލީ އެލެކްސިސް ބިލްޑާސް ނަމަކަށް ކިޔާ ކުންފުންޏެއްގައި ކަމަށެވެ. ނަމަވެސް އެއީ ރާއްޖޭގެ ޕްރޮޖެކްޓެއް ހިންގަން އައި ބޭރުގެ ކުންފުންޏެއްކަން ވެސް ވަނީ އެނގިފައިވާ ކަމަށެވެ.
ރާއްޖޭގައި މިހާރު ވެސް ގިނަ އަދަދެއްގެ ފިލިޕީސްން މީހުން ވަޒީފާ އަދާކުރެ އެވެ. އަދި ފަހަކަށް އައިސް ފުލުހުން ވަދެ ބަންދުކުރި ބައެއް މަސާޖްޕާލާތަކުން ހައްޔަރުކުރި އަންހެނުންގެ ތެރޭގައި ވެސް ފިލިޕީންސް މީހުން ހިމެނެ އެވެ.
ފިލިޕީންސް ރައްޔިތުން ވަޒީފާ އަދާކުރުމަށް ރާއްޖެ އައުމުގެ ހުއްދަ އެގައުމުގެ ސަރުކާރުން ދީފައި ވާއިރު އިންސާނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ހާލަތު، ވަޒަން ކުރަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އަހަރަކު އެއްފަހަރު އެކުލަވާލާ "ޓްރެފިކިން އިން ޕާސަންސް 2012" އިގެ ރިޕޯޓްގެ ހިއުމަން ޓްރެފިކިން ވޮޗް ލިސްޓުގައި ރާއްޖެ ވަނީ އަނެއްކާވެސް ހިމަނާފަ އެވެ.
މިއީ އެ ރިޕޯޓްގެ "ޓަޔާ 2 ވޮޗް ލިސްޓް" ކެޓަގަރީގައި ވިދިވިދިގެން ރާއްޖެ ހިމެނުނު ތިން ވަނަ އަހަރެވެ. އެ ކެޓަގަރީގައި ހިމެނެނީ ހިއުމަން ޓްރެފިކިންގެ ހާލަތު ގޯސް ގައުމުތަކުގެ ތެރެއިން އެ މައްސަލަ ހައްލުކުރަން އެންމެ އެދެވޭ ފިޔަވަޅުތަކެއް އަޅަމުން ގޮސްފައިނުވާ ގައުމުތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ