ނޫސްވެރިންނަށް އަމާޒުކޮށް އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު ނޫސް ބަޔާން ކުށްވެރިކޮށް އެ ނޫސް ބަޔާނަށް އިދިކޮޅު ސިޔާސީ ޕާޓީން ފާޑު ކިޔައިފި އެވެ.
އެމްޑީޕީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން ޚުދުމުހުތާރު ސިޔާސީ ފަރާތްތަކުން ނެރޭފަދަ ސިޔާސީ ނޫސްބަޔާން ނެރެމުންގެންދާތީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރާކަމަށެވެ.
“ކްރިމިނަލް ކޯޓުން މިއަދު ނެރެފައިވާ ނޫސްބަޔާނަކީ ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއްގެ މައިގަނޑު އެންމެހާ އަސާސްތަކާއި އިހުތިޞާސުން ބޭރުވެ، ނެރެފައިވާ މިނިވަންކަމާއެކު ނޫސްވެރިކަން ކުރާ ފަރާތްތަކަށް ބިރުދެއްކުމުގެ ޢަމަލެކެވެ.” އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ކޯޓުތަކަކީ އެ ކޯޓުތަކަށް ހުށަހެޅިގެން ފައިސަލާކޮށް ބެލެވޭ މައްސަލައެއްގެ އިތުރަށް އަމިއްލައަށް ބަސްބުނެ ގޮތް ކިޔަން ހުންނަ ތަންތަނެއް ނޫން ކަމަށެވެ. އެ ހަމައިން ބޭރުން މިފަދަ ނޫސްބަޔާން ނެރެ، ފިޔަވަޅު އަޅާނޭކަމުގެ އިންޒާރު ރައްޔިތުންނަށާއި ނޫސްވެރިންނަށް ދިނުމަކީ ޚުދުމުހުތާރު ސިޔާސީ ފަރާތްތަކުން ކުރާ ޒާތުގެ ޢަމަލެއް ކަމަށެވެ.
“ނޫސްވެރިންނަށާއި ރައްޔިތުންނަށް އިންޒާރުދީ މިފަދަ ނޫސްބަޔާން ކްރިމިނަލް ކޯޓުން ނެރުމަކީ ޖުޑީޝަރީގެ މިނިވަންކަން ގެއްލި، އިތުބާރު އިތުރަށް ގެއްލިދާ ކަމެކެވެ. ކޯޓުތަކުގެ ގަދަކަމަކީ ކޯޓުތަކަށް ހުށަހެޅި ފައިސަލާ ކުރެވިފައިނުވާ ކަންކަމުގައި އަމިއްލަ ގޮތްތައް ނިންމައި އިންޒާރުގެ ނޫސްބަޔާން ނެރުމެއްނޫނެވެ. އެއާ ޚިލާފަށް ކޯޓުތަކުގެ ގަދަކަމަކީ ރައްޔިތުންގެ އިތުބާރު ހޯދުމެވެ. ނަމަވެސް އިތުބާރު ހޯދުމުގައި ކޯޓުތައް ނުކުޅެދިފައިވާކަން ކަންބޮޑުވުމާއެކު ފާހަގަ ކުރަމެވެ. ދިވެހި ގިނަ ރައްޔިތުންނާއި އދ. އާއި އިންޓަރނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް އާއި، އިންސާފާއި ޙައްޤުތަކަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ އެންމެހައި ބޮޑެތި ޖަމްޢިއްޔާތަކުން ތަކުރާރުކޮށް ގެންދަނީ މިކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމުންނެވެ.” އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
އެމްޑީޕީގެ ބަޔާނުގައި ނޫސްވެރިންނަށް ކޯޓުތަކުންނާއި ސަރުކާރުން ބިރުދެއްކުމުގެ މިފަދަ ޢަމަލުތަކަކީ ދުނިޔޭގެ ސަފުން ބޭރުވެފައިވާ ޚުދުމުހުތާރު ދަށުދަރަޖައިގެ ޤައުމުތަކުގެ ސިފައެއްކަން ފާހަގަކޮށް، އެ ސަފަށް މި ރާއްޖެ ވައްޓާލަމުން ގެންދިއުން ވަގުތުން ހުއްޓާލުމަށް އެ ޕާޓީން ގޮވާލާފައި ވެ އެވެ.
އެމްޑީޕީން އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ނޫސްވެރިޔަކު ވަގަށް ނަގާފައިވާ މައްސަލައާއި، ޓީވީ ސްޓޭޝަނެއް ރޯކޮށްލި މައްސަލައާއި، ނޫސްވެރިންނަށް މަރުގެ ހަމަލާތައް ދިން މައްސަލައާއި، ނޫސްވެރިންނަށް މަރުގެ އިންޒާރު ފޮނުވަމުން ގެންދާ މައްސަލަތަކުގައި އިންސާފު ޤާއިމުކޮށްދިނުމަށް ނުކުޅެދިފައި ތިބެމެ، ދެންވެސް ނޫސްވެރިންނަށް ކޯޓުތައް މެދުވެރިކޮށް އިންޒާރުގެ ނޫސްބަޔާންތައް ނެރެމުންދާ އެ ނާއިންސާފު ގޮތްތައް ވަގުތުން ދޫކޮށްލުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މިނިވަން ނޫސްވެރިކަމުގެ ދިފާޢުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަޤީންކަން އެންމެހައި ނޫސްވެރިންނަށް އަރުވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަޔާން ކުށްވެރިކޮށް އެމްޑީޕީން ފާޑު ކިޔައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ