ކ. އަތޮޅު ކައުންސިލް އާއި ށ. އަތޮޅު ކައުންސިލް ހިންގަން ޖެހޭ ރަށަކާ މެދު އުފެދިފައިވާ ދެބަސްވުމުގެ ތެރޭގައި ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރާ ވިއްދައިގެން މާފުށީ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރާއި ށ. ފުނަދޫ ކޯޓުން ނެރުނު އަމުރާ ގުޅިގެން އެ އަތޮޅު މިލަންދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ބުނެފައިވާ ގޮތުގައި މާފުށީ ކޯޓާއި މިލަންދޫ ކޯޓުގެ އަމުރު ބާތިލްކުރަން ޖެހުނީ އެއް މަރުހަލާއެއްގެ އެހެން ކޯޓަކުން ކުރާ ހުކުމެއްގެ ބާރު ކެނޑޭ ގޮތަށް ހަމަ އެ މަރުހަލާގެ އެހެން ކޯޓަކުން ހުކުމް ކުރަމުން ގެންދިއުމަކީ ގާނޫނު އަސާސީގެ ބާރު ކެނޑި ފިތުނަވެރިކަމެއް އާންމުވެދާނެ ކަމަކަށް ވާތީ އެއީ ވަގުތުން މަނާކުރަން ޖެހޭ ބާތިލް ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާގުވެވިގެންނެވެ.
ސުޕްރީމް ކޯޓުން މާފުއްޓާއި މިލަންދޫ ކޯޓުގެ އަމުރު ބާތިލްކުރި އިރު ހައި ކޯޓުން މިއަދު ހަވީރު ވަނީ ތުލުސްދު އާއި ފުނަދޫގައި އެ ދެ އަތޮޅުގެ އަތޮޅު ކައުންސިލް ހިންގުމަށް ހުރަސްނޭޅުމަށް އެ ދެ ރަށުގެ ކޯޓުން ފުލުހުންނަށް ކުރި ވަގުތީ އަމުރު ސައްހަ ކަމަށް ހުކުމްކޮށްފަ އެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުގައި އަދުލު އިންސާފު ލިބިދިނުން ކަށަވަރުކުރުމަށް ތަފާތު އިޚުތިސާސް ލިބިގެންވާ ތިން މަރުހަލާއެއް ވާއިރު އެއްވެސް ކޯޓަކުން އެމަރުހަލާގެ އަނެއް ކޯޓެއްގެ ޚާއްސަ އިޚުތިސާސްގެ ތެރެއަށް ވަނުމަކީ އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅިދާނެ ކަމެކެވެ.
ދަށު ކޯޓަކުން ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ ހައި ކޯޓުގައި އިސްތިއުނާފުކުރުމުގެ ފުރުސަތު އޮންނަ ކަމަށާއި ހައި ކޯޓުގެ ހުކުމަކާ މެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުގެ ފުރުސަތު ވެސް ގާނޫނު އަސާސީން ވަނީ ލިބިދީފަ އެވެ.
"އެއް މަރުހަލާއެއްގެ ކޯޓަކުން ނިންމާފައިވާ ނިންމުމެއްގެ މައުޟޫއު ހަމަ އެމަރުހަލާގެ އެހެން ކޯޓަކުން ބެލުމާއި، އެފަދަ އެއްވެސް ނިންމުމަކަށް ހުރަސް އެޅިދާ ފަދަ އެއްވެސް ނިންމުމެއް ހަމަ އެ މަރުހަލާގެ އެހެން ކޯޓަކުން ނިންމުމަކީ އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އެޅިދާނެ ކަމެއް" ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައިވެ އެވެ.
"...އިސްތިއުނާފުކުރުމުގެ ބަދަލުގައި އެ މައްސަލަ ހަމަ އެމަރުހަލާގެ އެހެން ކޯޓަކަށް ހުށަހަޅައި، ކުރީގައި ނިމިފައިވާ އެ މައްސަލަ ނުވަތަ ކުރީގައި ނިމިފައިވާ އެ މައްސަލައިގެ މައުޟޫއުއާ ގުޅިގެން ކުރީގެ ހުކުމަށް އަސަރެއް ފޯރަފާނެ އެއްވެސް މައްސަލައެއް ހަމަ އެމަރުހަލާގެ އެހެން ކޯޓެއްގައި ބެލެވުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ގާއިމްކޮށްފައިވާ ޝަރުއީ ނިޒާމު ބިނާވެފައިވާ އަސާސީ އުސޫލުތަކާ އަދި އަދުލު އިންސާފުގެ ހަމަތަކާ ތައާރުޟުވާ ކަމެއްކަން ރަނގަޅަށް އެނގެން އޮންނަ" ކަމަށް ވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވެ އެވެ.
ސަރުކާރާއި ސަރުކާރާ އިދިކޮޅު ފަރާތްތަކާ ދެމެދު މިހާރު އެންމެ ބޮޑު އަރައިރުމެއް އުފެދިގެން އުޅޭ މައްސަލައާ މެދު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުގައި އެއް މަރުހަލާއެއްގެ ކޯޓަކުން ކުރާ ހުކުމަކަށް އަސަރުކުރާ ފަދަ ހުކުމެއް އެ މަރުހަލާގެ އެހެން ކޯޓަކުން ކުރުމަކީ "...ރާއްޖޭގެ އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅި، މުޅި ދިވެހި މުޖުތަމައުގެ ހަމަހިމޭންކަމާއި ސުލްހަ މަސަލަސްކަމަށް ބުރޫއަރާފާނެ ކަމެކެ"ވެ.
ސުޕްރީމް ކޯޓުން ބުނީ މި މައްސަލައިގެ ތެރެއަށް އެ ކޯޓުން ވަނީ އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ އިސް ފަރާތަށް ސުޕްރީމް ކޯޓުވުމާއި "ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށްޓަކައި ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ ފަރާތުން އުފުލަން ޖެހޭ ގާނޫނީ މަސްއޫލިއްޔަތުގެ މައްޗަށް" ފަނޑިޔާރުން ވިސްނަވާ ބެއްލެވުމަށް ފަހު ކަމަށެވެ.
މާފުއްޓާއި މިލަންދޫ ކޯޓުގެ އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ