ކޮންޓްރެކްޓާ ބެހޭ މައްސަލައެއްގައި، އެކަށީގެންވާ ސަބަބެއް ނެތި ދައުވާ ނުކޮށް ލަސްކޮށްފައި ވާތީ، އެ ދައުވާ ނުކުރެވޭނެ ކަމަށް ފުރަތަމަ ފަހަރަށް ރާއްޖޭގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފި އެވެ.
އުރީދޫ ކުންފުނިން އަމީން ކޮންސްޓްރަކްޝަނަށް ފަސް ލައްކަ އަށް ވުރެ ގިނަ ޑޮލަރު (7.7 މިލިއަން ރުފިޔާ) ލިބެންޖެހޭ ކަމަށް ބުނެ އަމީން ކޮންސްޓްރަކްޝަނުން ކުރި ދައުވާގެ ހައްގު އަމީން ކޮންސްޓްރަކްޝަނަށް ނެތް ކަމަށް ސިވިލް ކޯޓުން ނިންމީ އެކަށީގެންވާ ސަބަބެއް ނެތި، އެ ދައުވާ ނުކޮށް 11 އަހަރު ހޭދަވެފައި އޮތުމުންނެވެ.
ރާއްޖޭގައި އެފަދަ މައްސަލަތަކުގައި ދައުވާކުރަން ޖެހޭ މުއްދަތެއް ގާނޫނެއްގައި ބަޔާންކޮށްފައި ނެތަސް ގާޒީ ހުސައިން މަޒީދު ކުރެއްވި ހުކުމުގައި އެގޮތަށް ނިންމެވީ ކުންފުންޏާ ބެހޭ ގާނޫނުގައި ކުންފުނިތަކުގެ ހިސާބު ބަލަހައްޓަން ޖެހޭނީ ހަ އަހަރުގެ މުއްދަތަށް ކަމަށް ބަޔާންކޮށްފައި އޮންނަ އޮތުން ތަތުބީގް ކޮށްފަ އެވެ.
އެ ހުކުމުގައިވާ ގޮތުން ކޮންޓްރެކްޓާ ގުޅޭ އެފަދަ މައްސަލަތަކުގައި ދައުވާ ކުރަންޖެހޭ މުއްދަތެއް ރާއްޖޭގެ ގާނޫނުތަކުގައި ބަޔާންކޮށްފައި ނެތަސް ގާނޫނުތަކުގައި ސާފުކޮށް ބަޔާންކޮށްފައި ނުވާ ކަންކަމަށް ފަރުވާ ދިނުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެކެވެ. ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި، ދައުވާ ކުރަންޖެހޭ މުއްދަތު ގާނޫނުތަކުގައި ނެތީސް ދައުވާ ކުރަންޖެހޭ މުއްދަތެއް އެ ގައުމުތަކުގެ ކޯޓުތަކުން ކަނޑައަޅާފައިވާ ކަމަށާއި އެ ނިންމުންތަކާ އެއްގޮތަށް އެ ގައުމުތަކުގައި ގާނޫނުތަކަށް ވެސް ބަދަލު ގެނެސްފައި އެބަހުރި ކަމަށް އެ ހުކުމުގައިވެ އެވެ.
އެގޮތުން އިނގިރޭސިވިލާތާއި ތުރުކީގެ އިތުރުން ސިންގަޕޫރު އަދި މެލޭޝިއާގައި، ދައުވާ ކުރަންޖެހޭ މުއްދަތު ކަނޑައަޅާފައި ހުރިކަން މިސާލެއްގެ ގޮތުން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
އެ މައްސަލާގައި ދައުވާ ކުރުމުގެ ހައްގު 2005 ވަނަ އަހަރު އަމީން ކޮންސްޓްރަކްޝަނަށް ލިބުނަސް އެ ދައުވާ އެ ކުންފުނިން ކުރީ މިދިޔަ އަހަރު ކަމަށާއި ހައްގު ހޯދަން އެއްވެސް މަސައްކަތެއް ނުކޮށް، އެ ކުންފުނިން 11 އަހަރު ހޭދަކޮށްފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އެކަށީގެންވާ ސަބަބެއް ނެތި ދައުވާ ކުރުން ލަސްކޮށްފައިވާތީ، އެ ދައުވާ ކުރުމުގެ ހައްގު އަމީން ކުންފުންޏަށް ނެތީ ކަމަށް ހުކުމުގައިވެ އެވެ.
ރާއްޖޭގައި ދައުވާކުރަންޖެހޭ މުއްދަތެއް (ލިމިޓޭޝަން) ކަނޑައަޅާފައިވަނީ ވަޒީފާގެ މައްސަލަތަކާއި ވަރަށް މަދު ބާވަތެއްގެ މަދަނީ މައްސަލަތަކުގަ އެވެ.
ދައުވާ ނުކޮށް 11 އަހަރު ވުމުން، ދައުވާ ކުރުމުގެ ހައްގު ނެތް ކަމަށް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ