އައްޑު އާއި ފުވައްމުލަކުގައި ވައިން ކަރަންޓު އުފެއްދުމަށް ތަނބު ޖަހާނެ ތަންތަނުގެ ސާވޭއެއް ފަށަނީ

އައްޑު އާއި ފުވައްމުލަކުގައި ކުރިއަށް ގެންދަން ނިންމާފައިވާ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުގެ ދަށުން ދެ ސަރަހައްދުގައި، ބުރަފަތި ހަރުކުރާ ތަނބުތައް ޖަހާނެ ތަންތަނުގެ ފެންވަރު ބެލުމުގެ ސާވޭއެއް އަންނަ މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ސަދަން ޔުޓިލިޓީސް ކުންފުނިން ބުނެފި އެވެ.
އެ ކުންފުނީގެ ޗެއާމަން އަހުމަދު ޒަރީރު އިއްޔެ ވިދާޅުވީ ވައިން ހަކަތަ އުފެއްދުމަށް 20 އަހަރުގެ މުއްދަތަށް މި ސަރަހައްދުގައި އިންޑިޔާގެ ސުޒްލޯން ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން އައްޑު އާއި ފުވައްމުލަކުގައި ނުވައެއް ނުވަތަ 12 ވަރަކަށް ތަނބު (ވިންޑް މާސްޓް) ޖެހުމަށް ހަމަޖެހިފައިވާ އިރު އަންނަ މަހުގެ މެދު ތެރޭގައި ސުޒްލޯންގެ ޓީމެއް އައިސް ސާވޭގެ މަސައްކަތް ފަށާނެ ކަމަށެވެ.
ކުރިން 40 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ބެލެވުނު މި ޕްރޮޖެޖްޓަށް ފަހުން އެއްކުރެވުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް، މިހާރު 50 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ވެސް ސަދަން ޔުޓިލިޓީސް ކުންފުނިން ބުނެފައިވެ އެވެ. އަދި ފައިސާ ހޯދުމަށް އިންޑިޔާގެ އެގްޒިމް ބޭންކާ އެކު ސުޒްލޯން އިން މަޝްވަރާކުރަމުން އަންނަ ކަމަށް ޒަރީރު ވިދާޅުވި އެވެ.
ވައިން ހަކަތަ އުފެއްދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން އެއްކުރަން ޖެހޭ މައުލޫމާތު ނެގުމަށް އޮގަސްޓް ،16 2010 ގައި ހިތަދޫ ސަރަހައްދީ ބަނދަރާ އިންވެގެން އޮންނަ ހުސް ބިމުގައި 80 މީޓަރުގެ ވިންޑް އެސިސްޓެންސް މާސްޓް (މެޓް މާސްޓް) އެއް ޖަހައި މިހާތަނަށް ހަ މަސް ދުވަހުގެ މޫސުމާ ބެހޭ މައުލޫމާތު އެއްކޮށްފައިވެ އެވެ. އަދި މި ސަރަހައްދުގައި ވައިން ހަކަތަ އުފެއްދުމުގެ ވަރަށް ފުރިހަމަ މަޝްރޫއެއް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީން ލިބިފައިވާ ކަމަށް ޒަރީރު ވިދާޅުވި އެވެ.
ސަދަން ޔުޓިލިޓީސް އިން ބުނެފައިވަނީ މި ޕްރޮޖެކްޓުގެ ދަށުން 25 މެގަވޮޓްގެ ކަރަންޓް ވައިން އުފެއްދޭނެ ކަމަށެވެ. އެ ގޮތުން އައްޑޫގައި 20 މެގަވޮޓް އަދި ފުވައްމުލަކުގައި ފަސް މެގަވޮޓްގެ ކަރަންޓް އުފެއްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސަދަން ޔުޓިލިޓީސް އާއި ސުޒްލޯން އިން ޑިސެމްބަރު ،6 2009 ގައި އެމްއޯޔޫއެއްގައި ސޮއިކުރި މި މަޝްރޫއު ރަސްމީކޮށް އިފުތިތާހުކޮށްފައި ވަނީ ޖުލައި ،26 2010 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ