ފަނޑިޔާރަކު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން، ނިންމާ ރައްޔިތުން މަޖިލީހަށް އެ މައްސަލައިގެ ރިޕޯޓް ހުށަހެޅުމުން، އެ ފަނޑިޔާރު މަގާމުން ވަކިކުރުމަކީ ސުޕްރީމް ކޯޓަށް ލިބިފައިވާ ބާރެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ، ދުސްތޫރީ ޒިންމާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ވިދާޅުވެއްޖެ އެވެ.
ސުލޫކީ މައްސަލައެއްގައި، ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން، ޖޭއެސްސީން ތަހުގީގުކޮށް، ނިންމުމަށްފަހު، އެ މައްސަލައިގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.
ނަމަވެސް މަޖިލީހުގެ ރައީސް މުހައްދު ނަޝީދު ވަނީ، 22 މެއި 2017 ގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި، ފަނޑިޔާރުން ހިމެނޭ ގޮތަށް، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ މެމްބަރުން ވަކިކުރުމުގެ ބާރު ލިބިގެން ވަނީ ސުޕްރީމް ކޯޓަށް ކަމަށް އެކޯޓުން ހުކުމް ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަމީން އާއްމު ވަނީ ސުޕްރީމް ކޯޓުގެ އެހުކުމް އިއްވާ ދެއްވާފަ އެވެ.
ސުޕްރީމް ކޯޓުގެ އެހުކުމް އިއްވުމާއެކު، ޖޭއެސްސީން މަޖިލީހަށް ހުށަހަޅާފައިވާ ރިޕޯޓަށް ބަހުސް ކުރުމަށް ފުރުސަތު ހުޅުވާލުމުން، އެކަމަށް ބަހުސް ކުރެއްވި ހުރިހާ މެމްބަރުން ވެސް ވިދާޅުވީ ފަނޑިޔާރެއް ސުލޫކީ މައްސަލައެއް ތަހުގީގު ކުރުމަށްފަހު، އެ ފަނޑިޔާރު މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމައި މަޖިލީހަށް ހުށަހެޅުމުން ފަނިޑޔާރު މަގާމުން ވަކިކުރުމަކީ ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރެއް ކަމަށާއި، އެއީ ސުޕްރީމް ކޯޓަށް އޮތް ބާރެއް ނުވަތަ އެ ކޯޓުގެ ޒިންމާއެއް ނޫން ކަމަށެވެ.
ސުލޫކީ މައްސަލައެއްގައި، ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން، ޖޭއެސްސީން ތަހުގީގުކޮށް، ނިންމުމަށްފަހު، އެ މައްސަލައިގެ ރިޕޯޓާ ގުޅިގެން ބަހުސް ކުރެއްވި ގިނަ މެމްބަރުން ވިދާޅުވީ، މިގޮތަށް ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ހުށަހެޅުނު މިއީ ފުރަތަމަ ފަހަރު ކަމަށެވެ.
އެހެންކަމުން، ޖޭއެސްސީން އެމައްސަލާގައި އަމަލުކޮށްފައި ވަނީ އިޖުރާއަތާ އެއްގޮތަށްތޯ ބެލުމަށް މަޖިލީހުގެ ކަމާ ބެހޭ ކޮމެޓީއަށް އެ ރިޕޯޓް ފޮނުވުމަށް ބައެއް މެމްބަރުން ހުށަހެޅުއްވި އެވެ.
ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ތަހުގީގު ކުރުމަކީ ގާނޫނު އަސާސީން ހަމައެކަނި ޖޭއެސްސީއަށް މަތިކޮށްފައިވާ ޒިންމާ އެކެވެ. ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު މަޖިލީހަށް ވެސް ލިބިގެން ނުވެއެވެ.
އެހެންކަމުން، މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން އެމައްސަލަ ދިރާސާކޮށް ނިންމުމަށްފަހު، މަޖިލީހަށް ރިޕޯޓް ހުށަހެޅުމުން މަޖިލީހުން އެ މައްސަލައަށް ގޮތެއް ނިންމުމަށް ގިނަ މެމްބަރުން ތާއީދު ކުރެއްވި އެވެ.
ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ ބާރު އޮތީ މަޖިލީހަށް، ސުޕްރީމް ކޯޓަކަށް ނޫން: މެމްބަރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ