ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އިތުރުކޮށްފައިވާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން ހުޅުވާލައިފިއެވެ.ޖޭއެސްސީން މި ފުރުސަތު ހުޅުވާލާފައިވަނީ އިއްޔެ ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ އެޕްލިކޭޝަން ބަލައިގަތުން މިއަދު މެންދުރުފަހު ދެގަޑި ސުންމިނެޓުން ފެށިގެން ހަވީރު ހަތަރެއް ޖެހުމާ ހަމައަށެވެ.އަދި އާދީއްތަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން މެންދުރު 12:00 އަށް ކުރިއަށްދާނެ ކަމަށް ޖޭއެސްސީން ބުނެއެވެ. މީގެއިތުރުން ޖޭއެސްސީގެ ބައްދަލުވުމުގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ރައީސް ޞާލިހް ލަފަޔަކަށް އެދިލެއްވި ދެ ނަންފުޅަކީ ފަނޑިޔާރުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުށަހަޅުއްވާ ނަންފުޅުތަކެއް ކަމަށް ބަލައިގަތުމަށް ވެސް ނިންމާފައެވެ.ރައީސް ޞާލިހް ޖޭއެސްސީއަށް ފޮނުއްވި ދެ ނަންފުޅަކީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދާއި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ނަންފުޅެވެ.ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތް ކުރުމަށް ކޮމިޝަންގެ ހުރިހާ މެމްބަރުން ހިމެނޭ ގޮތަށް ކޮމިޓީއެއް އެކުލަވާލުމަށް ނިންމާފައެވެ.އަދި އަމާޒަކީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އެ މަސައްކަތް ނިންމައި ރައީސް އަށް ނަންފުޅުތަކެއް ފޮނުއްވުން ކަމަށްވެސް ޖޭއެސްސީން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ