ކްރީގްލާއާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ދެއްކި ވާހަކަތައް ދިފާއުކުރަން ޑީޖޭއޭ އިން ނިކުމެއްޖެ

ރާއްޖޭގެ ޝަރުއީ ދާއިރާގެ ދިރާސާ ކުރުމުގެ މަސައްކަތުގައި އުޅުއްވާ ދެކުނު އެފްރިކާގެ ރިޓަޔާޑް ފަނޑިޔާރު ޔޮހާން ކްރީގްލާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދެއްކި ކަމަށް އެ ކޯޓުން ބުނުމުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ސުޕްރީމް ކޯޓުގެ ދިފާއުގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިކުމެއްޖެ އެވެ.
ކްރީގްލާ ފަނޑިޔާރުންނަށް ބިރު ދައްކާ އިންޒާރު ދިން ކަމަށް ބުނެ ސުޕްރީމް ކޯޓުން އިއްޔެ ވަނީ ބަޔާނެއް ނެރިފަ އެވެ. އެކަމާއި ގުޅިގެން އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ރޭ ވިދާޅުވީ ސުޕްރީމް ކޯޓުން އެފަދަ ގޮތަކަށް ބަޔާނެއް ނެރުމުން ކްރީގްލާގެ ނަންފުޅަށް ހުތުރުވާ ކަމަށާއި، ގެއްލިފައިވާ އިތުބާރު އެ ކޯޓަށް އަލުން ނުލިބޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ވާހަކަތައް ދިފާއު ކުރުމަށް މިއަދު ޑީޖޭއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދު ވިދާޅުވީ ފަނޑިޔާރުންނާއެކު ކްރީގްލާގެ ބައްދަލުވުމުގައި ކޯޓުގެ އެހެން ބައެއް މުވައްޒަފުން ބައިވެރިވި ކަމަށާއި، ސުޕްރީމް ކޯޓުގެ ބަޔާނުގައި އޮތީ ހަގީގަތް ކަމަށެވެ.
އޭގެ އިތުރުން ކްރީގްލާއާ ވަކިން ބައްދަލުކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެދިވަޑައިގަތް ކަމަށް އެޓާނީ ޖެނެރަލް ވިދާޅުވި ނަމަވެސް، އެއީ ހަގީގަތާއި ހިލާފު މައުލޫމާތެއް ކަމަށާއި، އެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ބައިވެރިވާން ހަމަޖެހުނު ނަމަވެސް، ކްރީގްލާ ވަޑައިގެންނެވީ އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރުއީ ދާއިރާ އިސްލާހް ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ ޝަރުއީ ދާއިރާގެ ތެރެއިން ކަމަށް ވިދާޅުވެ، ކުރިން ބޭއްވި ޖުޑިޝަލް ރިފޯމް ކޮންފެރެންސާއި، އެކްޝަން ޕްލޭނުގެ ވާހަކަ މާޖިދު ތަކުރާރު ކުރެއްވި އެވެ. އެކަމަކު މައްސަލަ އޮތީ ހަމައެކަނި ޝަރުއީ ދާއިރާގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އިހްލާސްތެރިކަމާ އެކު ކުރަންޖެހޭ މަސައްކަތަކީ އެންމެން ގުޅިގެން އެ ހުރިހާ މައްސަލަތަކެއް ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރުން. ރައްޔިތުން ވެސް އެދޭ ގޮތަކީ އެއީ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" މާޖިދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ