ދަނބިދޫ އިންޖީނުގޭގައި ރޯވެ ރައްޔިތުން ކަނު އަނދިރީގައި

ލ ދަނބިދޫ އިންޖީނުގޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން މުޅި ރަށުން ކަރަންޓު ކެނޑިއްޖެއެވެ.
ދަނބިދޫ ކައުންސިލްގެ ނާއިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އަލިފާން ރޯވީ އިންޖީނުގޭގައި ހުރި ޖަނަރޭޓަރެއްގައި ކަމަށެވެ.
ޖަނަރޭޓަރުގައި ރޯވީ، ހިންގާފައި ހުއްޓައި މިރޭގެ އިޝާ ނަމާދު ވަގުތުގައެވެ. އެއާއި އެކު މުޅިރަށުން ވަނީ ކަރަންޓްކެނޑިފައެވެ.
އަހުމަދު ޝަރީފް ވިދާޅުވީ، އަލިފާން ރޯވި ޖަނަރޭޓަރު ބޭނުން ނުކުރެވޭ ވަަރަށް އަނދާފައިވާ ކަމަށާއި، އެ ޖެނެރޭޓަރުގެ ދެފަރާތުގައި ހުރި ދެ ޖެނެރޭޓަރަށްވެސް ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
އަދި އެ ޖަނަރޭޓަރުގައި ރޯވީ އޯވަހޯލް ކުރުމަށް ފަހު ބޭނުން ކުރަންފެށި ތަނުން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ،
ޝަރީފް ވިދާޅުވީ، މައްސަލަ ހައްލުކޮށް ކަރަންޓް ފޯރުކޮށް ދިނުމަށް ފެނަކައިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހެން ނަމަވެސް މަރާމާތު ކޮށްލައިގެން ހިންގިދާނެ ހާލަތުގައި މިހާރު ހުރި ޖަނަރޭޓަރުންވެސް މުޅިރަށަށް އެކުގައި ކަރަންޓްގެ ޚިދުމަތް ނުދެވޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
ލ ދަނބިދޫއަކީ އާބާދީގައި 1100 މީހުން ތިބި ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ