ނިލަންދޫގެ އިންޖީނުގެ ފެނަކައާ ހަވާލު ކުރުމާ މެދު އާންމުންގެ ވޯޓެއް ނަގަނީ

ފ. ނިލަންދޫގެ އިންޖީނުގެއާއި އެރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ހިންގުން ފެނަކަ ކޯޕަރޭޝަންއާ ހަވާލު ކުރުމާ މެދު އާންމުންގެ ހިޔާލު ހޯދުމުގެ ސިއްރު ވޯޓެއް ނަގަން ނިންމައިފި އެވެ. ނިލަންދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެރަށުގެ އިންޖީނުގެއާއި އެރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ހިންގުން ފެނަކަ ކޯޕަރޭޝަންއާ ހަވާލު ކުރާނީތޯ ނުވަތަ ކައުންސިލުން ބަލަހައްޓާނީތޯ ބެލުމަށް މި މަހުގެ 20 ވަނަ ދުވަހު ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ވޯޓު ނަގާނީ މި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 7:00 އިން 13:00އަށް ކަމަށް އޭނާ ވިދާޅުވި އެވެ. ނިލަންދޫ ކައުންސިލުން ނިންމާފައި ވަނީ އެ ރަށުގައި ދެ ވޯޓު ފޮށި އަދި މާލޭގައި އެއް ވޯޓު ފޮށި ބެހެއްޓުމަށެވެ. އަދި މާލޭގައި ބަހައްޓާ ފޮއްޓަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން އެކަން ހާމަކޮށް މި މަހުގެ 15 ވަނަ ދުވަހުގެ 14:00ގެ ކުރިން ސިޓީއަކުން ކައުންސިލަށް އެންގުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. މާލޭގައި ބަހައްޓާ ފޮއްޓަށް ވޯޓުލެވޭނީ ސިޓީ ފޮނުވާ ފަރާތްތަކަށެވެ. ނިލަންދޫ ކައުންސިލުގެ އިއުލާނުގައިވާ ގޮތުން ހިޔާލު ހޯދުމަށް ނަގާ ވޯޓުގައި ވޯޓުލުމުގެ ހައްގު މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އުމުރުން 18 އަހަރު ފުރިފައިވާ ނިލަންދޫގެ ރަށްވެހިންނަށް ލިބޭނެ އެވެ. ނިލަންދޫ ކައުންސިލުގެ ރައީސް މުހައްމަދު ޖަލީލު ވިދާޅުވި ގޮތުގައި އެ ހިޔާލު ހޯދުމުގެ ވޯޓުގައި ވޯޓުލުމުގެ ހައްގު 1400 އެއްހާ މީހުންނަށް ލިބިގެންވެ އެވެ. ޖަލީލު ވިދާޅުވީ، ފެނަކަ ކޯޕަރޭޝަން އުފެއްދި ދުވަސްވަރު ވެސް ނިލަންދޫގެ އިންޖީނުގެއާއި ފެނާއި ނަރުދަމާގެ ނިޒާމު ފެނަކައާ ހަވާލު ކުރުމާ މެދު އާންމުންގެ ވޯޓެއް ނެގި ކަމަށެވެ. އަދި މިއަދާ ހަމައަށް ކައުންސިލުން އެރަށުގެ އިންޖީނުގެއާއި ފެނާއި ނަރުދަމާގެ ނިޒާމު ބަލަހައްޓާފައި ވަނީ އެފަރު ނެގި ވޯޓުގައި ކައުންސިލުން އެތަންތަން ބަލަހައްޓަން ރައްޔިތުން ނިންމުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ