ފަހު ވަގުތު ޖެހި ލަނޑުތަކުން ވިލާއަށް މުހިންމު މޮޅެއް

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފަހު ވަގުތު ވައްދާލި ލަނޑުތަކާއެކު އެސްޓަން ވިލާއުން 3-1 ގެ ނަތީޖާއަކުން ވުލްވްސް ބަލިކޮށްފިއެވެ.
މި ނަތީޖާއާއެކު ވިލާ ވަނީ އެންމެ ކުރީގައި އުޅޭ ލިވަޕޫލާއި، މެންޗެސްޓާ ސިޓީއާ އެއްވަރަށް 12 ޕޮއިންޓް ހަމަކޮށްފައެވެ. ވިލާއަށް ތިންވަނަ ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. މީގެތެރެއިން، އެންމެ ފަހުގެ ޗެމްޕިއަން، ސިޓީ އަށް މިއަދަދަށް ޕޮއިންޓް ލިބިފައިވަނީ އެއްމެޗު މަދުން ކުޅެގެންނެވެ.
ވިލާ ޕާކްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ވުލްވްސްގެ ބްރެޒިލް ފޯވާޑް، މަތެއުސް ކޫންހާ އެ ޓީމަށް ލީޑްނަގައިދީފައިވަނިކޮށް، 73 ވަނަ މިނެޓުގައި އިނގިރޭސި ފޯވާޑް، އޮލީ ވަޓްކިންސް ވަނީ ވިލާ އަށް އެއްވަރުކޮށްދީފައެވެ.
މި މެޗުގައި ވިލާ އިން ފުރަތަމަ ފަހަރަށް ލީޑްނެގީ، 88 ވަނަ މިނެޓުގައި އެޒްރީ ކޮންސާ ވައްދާލި ލަނޑުންނެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު، ޔޫރީ ޓީލަމެންސް ނަގައިދިން ހުރަހަކުން ލިބުނު ބޯޅަ އެއްފަހަރުން ގޯލްގެތެރެއަށް ފޮނުވާލައިގެންނެވެ.
އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ތެރޭގައި ވިލާގެ ތިންވަނަ ލަނޑުޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މި ހާފުގެ ކުރީކޮޅު ކުޅެން ނިކުތް، ޒުވާން ފޯވާޑް، ޖޮން ޑުރާން އެވެ. މިއީ ލީގުގައި އޭނާ މިހާތަނަށް ކުޅުނު ފަސް މެޗުގައި ޖެހި ހަތަރުވަނަ ގޯލެވެ. މި ހުރިހާ ގޯލެއްވެސް ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެއެވެ.
ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާގެ ދަނޑުގައި އެ ޓީމުން ވަނީ ފަހަތުންއަރައި 3-1 އިން ބްރެންޓްފޯޑް ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ މިނެޓުގައި ބްރަޔާން އެމްބުއެމޯ، ބްރެންޓްފޯޑަށް ލީޑްނަގައިދީފައިވަނިކޮށް، ޑޮމިނިކް ސޮލާންކޭ އާއި ބްރެނާން ޖޯންސަންގެ ލަނޑުތަކާއެކު ޓޮޓެންހަމް ފުރަތަމަ ހާފު ނިންމާލީ 2-1 އިން ކުރީގަ އޮވެގެންނެވެ. އޭގެފަހުން، މެޗު ނިމެންދަނިކޮށް ޓޮޓެންހަމްގެ ތިންވަނަ ލަނޑުޖަހައިދިނީ ޖޭމްސް މެޑިސަން އެވެ.
ފުލަމް އަތުން ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑް ބަލިވީ ވެސް 3-1 އިންނެވެ. މި މެޗުގައި ފުލަމްގެ ލަނޑުތައް ޖަހައިދިނީ ރައުލް ހިމެނޭޒް އާއި އެމީލް ސްމިތު ރޯވް އަދި ރީސް ނެލްސަން އެވެ. ނިއުކާސަލްގެ ހަމައެކަނި ލަނޑުޖެހީ ހާވީ ބާންސް އެވެ.
ލެސްޓާ ސިޓީގެ ދަނޑުގައި ކުޅުނު މެޗުގައި އެވަޓަން ވަނީ 1-1 އިން އެއްވަރުކޮށް، މި ފަހަރުގެ ސީޒަނުގެ ލީގުގައި ފުރަތަމަ ފަހަރަށް ޕޮއިންޓެއް ހޯދައިފައެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު އެވަޓަން އަށް ލީޑްނަގައިދިނީ އިލިމާން އެންޑިއާޔޭ އެވެ. ފަހު ހާފުގައި ލެސްޓާ އަށް އެއްވަރުކޮށްދިނީ ސްޓެފީ މަވިޑީޑީ އެވެ.
ސައުތެމްޓަންގެ ދަނޑުގައި އެ ޓީމުން ވަނީ 1-1 އިން އިޕްސްވިޗް ޓައުންއާ އެއްވަރުވެފައެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ސައުޓެމްޓަނުން ލީޑްނެގީ ޓައިލާ ޑިބްލިންގެ ގޯލުންނެވެ. މި ނަތީޖާގައި އޮވެ، ނިމެންދަނިކޮށް އިތުރުވަގުތުގެ ތެރޭގައި އިޕްސްވިޗަށް އެއްވަރުކޮށްދިނީ ސޭމް މޯރްސީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ