ސަރުކާރު ޒިންމާދާރު ކުރެވޭ ވަރަށް އިދިކޮޅު މެމްބަރުން، އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ހޮވާދެއްވުމަށް މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފި އެވެ.
ތިން ވަނަ ދައުރަކަށް މާމިގިލި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމަށް ކެމްޕެއިން ފެށުމަށް އެ ދާއިރާގައި ހިމެނޭ އދ. ފެންފުށީގައި ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ، ސަރުކާރު ކޯލިޝަނުގެ މެމްބަރުންގެ އިތުރުން، ސަރުކާރު ޒިންމާދާރު ކުރެވޭ ވަރަށް މަޖިލީހުގައި އިދިކޮޅު މެމްބަރުން ތިބެންޖެހޭނެ ކަމަށެވެ.
ގާސިމް ވިދާޅުވީ އެއީ ގައުމަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ. ނަމަވެސް ޒިންމާދާރު ކުރެވޭ ވަރަށް އިދިކޮޅު މެމްބަރުން ހޮވައިދޭން ގާސިމް އެދިވަޑައިގެންނެވި އިރު، "ޒިންމާދާރު ކުރެވޭ ވަރަކީ" ކޮބައިކަމެއް ގާސިމް ވިދާޅެއް ނުވެ އެވެ.
"އެއީ އަޅުގަނޑުމެންނަށް ފައިދާވާނެ އަދި ރާއްޖެ އަށް އެންމެ ރަނގަޅު ގޮތް ކަން ކަށަވަރު،" ރައީސް ޔާމީނުގެ ޕީޕީއެމް އާއި ޕީއެންސީ އާ ގުޅިގެން މަޖިލީސް އިންތިހާބުގައި މަސައްކަތް ކުރަން ޖޭޕީން ނިންމާފައިވާ ކަމުގެ އަޑު ގަދަވެފައި ވަނިކޮށް ގާސިމް ވިދާޅުވި އެވެ.
ގާސިމް އެހެން ވިދާޅުވި އިރު އާންމު އިންތިހާބުގައި ޕީޕީއެމް އާއި ޕީއެންސީ އާ ގުޅިގެން ޖޭޕީން ކުރިއަށް ދިއުމަށް ނިންމައި، ރައީސް ޔާމީނުގެ ތާއީދާ އެކު ބައެއް ދާއިރާތަކަށް ވާދަކުރާނެކަން އިއުލާނުކޮށް ކެމްޕޭން ކުރަމުން ދިޔަ ބައެއް ކެންޑިޑޭޓުންގެ ޓިކެޓް މިހާރު ވަނީ އަތުލާފަ އެވެ. އަދި އެ ދާއިރާތަކުން ޕީޕީއެމް އާއި ޕީއެންސީގެ ތާއީދު، ޖުމްހޫރީ ޕާޓީގެ ކެންޑީޑޭޓުންނަށް ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.
އޭގެ އިތުރުން އެ ރަސްމިއްޔާތުގައި ގާސިމް ވަނީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަށް ދިނުމަކީ ހެޔޮވާވަރު ކަމެއް ނޫން ކަމަށް ވެސް ވިދާޅުވެފަ އެވެ. އޭގެ ބަދަލުގައި މަޖިލީހުގެ މެޖޯރިޓީ އޮންނަންވާނީ ވަކި ޕާޓީއަކަށްވުރެ ބޮޑަށް ވެރިކަންކުރާ ކޯލިޝަނަށް ކަމަށް ގާސިމް ވިދާޅުވި އެވެ.
ސަރުކާރު ޒިންމާދާރު ކުރެވޭ ވަރަށް އިދިކޮޅު މެމްބަރުން މަޖިލީހަށް ހޮވައިދޭން ގާސިމް އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ