ބޭންކު އެކައުންޓުތައް ފްރީޒުކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ދެ މިލިއަން ރުފިޔާ ހޯދައިފި

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ކުރާ މަސައްކަތުގެ ތެރެއިން ބޭންކު އެކައުންޓުތައް ފްރީޒު ކޮށްގެން ދެ މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
މިރާގެ މިއަހަދުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުގައި ބުނެފައިވަނީ، ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، 169.3 މިލިއަން ރުފިޔާ ދައުލަތަށް ހޯދާފައިވާ ކަމަށެވެ.
މީރާގެ ތަފާތު ޕޮލިސީތަކުގެ ދަށުން ހޯދި އެ ފައިސާގެ ތެރޭ ހިމެނެނީ ބޭންކް އެކައުންޓުތައް ފްރީޒުކޮށްގެން ހޯދި ދެ މިލިއަން ރުފިޔާ އާއި ޑަނިން ޕޮލިސީގެ ދަށުން ހޯދި 61.1 މިލިއަން ރުފިޔާގެ އިތުރުން ރިމައިންޑާ ކޯލްސް އަދި އީމެއިލްސް މެދުވެރިކޮށް ހޯދި 71.2 މިލިއަން ރުފިޔާ އެވެ.
އޭގެ އިތުރުން ޑިއުސް ކްލިޔަރެންސް ޕޮލިސީގެ ދަށުން 31.7 މިލިއަން ރުފިޔާ ހޯދާފައިވާއިރު މީރާ އެރިއާސް މެދުވެރިކޮށް 155،174 ރުފިޔާ އަދި ގާނޫނީ ފިޔަވަޅު އަޅައިގެން 6،000 ރުފިޔާ ހޯދާފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.
މީރާގެ ރިޕޯޓުގައި ބުނެފައިވަނީ، ފައިނަލް ނޯޓިސް ހަވާލުކޮށްފައިވާ ޓެކްސް ދައްކާ ފަރާތްތަކުގެ ތެރޭގައި ބަޔާން ހުށަނާޅައި 2،938 މީހުން އަދި ފައިސާ ނުދައްކާ 1،932 މީހުން ހިމެނޭ ކަމަށެވެ. އަދި މި މުއްދަތުގައި 52 ފަރާތަކަށް އިންސްޓޯލްމެންޓަށް ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖައްސާދީފައިވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.
މީރާ އިން ބުނީ، އެ އިދާރާއިން ކުރިއަށްގެންދިޔަ ތަހުގީގުތަކާއި އޮޑިޓްތަކަށް ފަހު، 140 ފަރާތަކަށް އިތުރަށް ޓެކްސް ދެއްކުމަށް އަންގާފައިވާ ކަމަށެވެ. އެގޮތުން 114.6 މިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި އިތުރަށް ދެއްކުމަށް އަންގާފައިވާ ކަމަށް މީރާ އިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ