ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު އިސްތިއުފާ ދެއްވައިފި

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު ފަނޑިޔާރު ކަމުން މިރޭ އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވީ އޭނާ މަގާމުން ދުރުކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅާފައި ވަނިކޮށެވެ.
ގާޒީ ހަސަން ނަޖީބު ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވިކަން "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ "އެމްޑީޕީގެ ޖަގަހައެއްގެ ގޮތުގައި އޮތް ޖޭއެސްސީ" އިން އޭނާގެ މައްސަލަ ބަލާފައި ވަނީ އެމްޑީޕީގެ ނިސްބަތްވާ އެކްޓިވިސްޓުންތަކެއްގެ އަތުން ބަޔާން ނަގައިގެން ކަމަށާއި އޭނާ އާއި މެދު ޖޭއެސްސީ އިން ނިންމި ނިންމުމަކީ އިންސާފާއި ހަމައިން އެއްކިބާވެގެން ނިންމާފައިވާ ނިންމެވުމެއް ކަމަށެވެ.
"މައްސަލަ ތަޙްޤީޤު ކުރުމުގައި ވެސް އިންސާފުން ބޭރުން ކަންކަން ކުރީ. އެންމެ ފަހުން އަޅުގަނޑަށް ފަހުގެ ބަޔާން ދޭން ގުޅީ ވެސް ރަމަޟާން މަހު ފުރަބަންދުގައި އޮއްވާ. ވީޑިއޯ ކޯލެއް ވެސް ނޫން ކުރީކީ. އޯޑިއޯ ކޯލަކުން ބަޔާން ނެގީ. އެބަޔާނުގައި އަޅުގަނޑު ސޮއި ކުރަން ފޮނުވާނެ ކަމަށް ޖޭއެސްސީން ވިދާޅުވި. ނަމަވެސް ސޮއި ކުރަން އަދި މިހާތަނަށް ވެސް ބަޔާން ލިބިފައެއް ނުވޭ." ހަސަން ނަޖީބު ވިދާޅުވިއެވެ.
ހަސަން ނަޖީބު ވިދާޅުވީ އޭނާގެ މައްޗަށް ޖޭއެސްސީ އިން ތުހުމަތު ކުރީ ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމުގެ ތުހުމަތު ކަމަށާއި އެފަދަ ތުހުމަތެއް އޭނާގެ މައްޗަށް ކުރިއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދަކީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށެވެ. އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން އަކީ އެމްޑީޕީގެ މެންބަރެއްގެ އިތުރުން ރައީސް ނަޝީދުގެ ކެމްޕޭން އެޖެންޓް ކަމަށް ވެސް ހަސަން ނަޖީބު ވިދާޅުވިއެވެ.
"އުއްތަމަ ފަނޑިޔާރަކީ ރައީސް ނަޝީދުގެ ކެމްޕޭންގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅެއް. ހިސާން އާއި ރިއްފަތަކީ ރައީސް ނަޝީދު ފަނޑިޔާރަކު ހިޞާރުކޮށް ވަގަށްނެގި މައްސަލައިގައި ރައީސް ނަޝީދުގެ ދިފާއީ ވަކީލުން. އެހެންވީމަ މިދަންނަވަނީ އަޅުގަނޑަށް މިހާރު ޖޭއެސްސީ ސިފަވަނީ އެމްޑީޕީގެ ޖަގަހައެއްގެ ގޮތުގައި." ހަސަން ނަޖީބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޭނާ މަގާމުން ދުރުކުރީ އެމްޑީޕީގެ ކުލައަށް ތާއިދުކޮށް ޙުކުމްނުކޮށް އިންސާފުން މައްސަލަތައް ބަލަމުން ގެންދާތީ ކަމަށެވެ.
ހަސަން ނަޖީބު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވިއިރު އޭނާގެ މައްސަލަ ވަނީ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ތާވަލް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ