ގައުމީ އިއްތިހާދު ޕާޓީގެ ކުރީގެ ކައުންސިލް މެމްބަރު ފާއިޒު އެމްޑީޕީއާ ގުޅިއްޖެ

ރައީސް މުހައްމަދު ވަހީދުގެ ގައުމީ އިއްތިހާދުގެ ކުރީގެ ކައުންސިލް މެމްބަރު އަދި ރައީސް ވަހީދުގެ އަރިސް ބޭފުޅެއް ކަމަށްވާ އަހުމަދު ފާއިޒު އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.
ފާއިޒު އެމްޑީޕީއަށް ގުޅިވަޑައިގެންފައިވާކަން ރޭ ރާއްޖެ ޓީވީ ގެ ސުންގަޑިސުންމިނެޓް ޕްރޮގްރާމަށް އަރާވަޑައިގެން ފާއިޒުވެސް ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ. އެ ޕްރޮގްރާމްގައި ފާއިޒު ވިދާޅުވީ އެބޭފުޅާ އެމްޑީޕީއާ ގުޅިވަޑައިގެންނެވި ސަބަބަކީ އެމްޑީޕީ ނޫނިއްޔާ ރާއްޖޭގެ ޖުޑިޝަރީ އިސްލާހު ކުރަން މަސައްކަތްކުރާ އެހެން ސިޔާސީ ޕާޓީއެއް ނެތްކަމަށާއި ޖުޑިޝަރީ އިސްލާހު ކުރުމަކީ އެމްޑީޕީގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން އެކަމުގައި އެމްޑީޕީއަށް އެހީތެރި ވެވިދާނެކަމަށް ބަލާ އެމްޑީޕީއަށް ގުޅިވަޑައިގެންނެވީ ކަމަށެވެ.
"އަޅުގަޑުގެ ނެތް އެޑީޕީގެ ނިވާފަތްގަނޑަކަށްވެގެން ސިޔާސީ މަގާމެއް ހޯދުމުގެ ބޭނުމެއް. ރާއްޖޭގެ ޖުޑިޝަރީ އިސްލާހު ކުރައް މަސައްކަތްކުރާ ހަމައެކަނި ސިޔާސީ ޕާޓީއަކީ އެމްޑީޕީ ކަމަށް އަޅުގަނޑު ދެކެނީ. އެހެންވެ އަޅުގަނޑު އެމްޑީޕީއާ މިގުޅުނީ،" ފާއިޒު ވިދާޅުވިއެވެ.
އިތުރަށް ފާއިޒު ވިދާޅުވީ ރާއްޖޭގެ ސްޕްރީމް ކޯޓުގައި ބަދުއަހުލާގީ އަމަލުތަކެއް ހިންގާފައިވާ އަދި ވީޑިއޯއެއް ލީކުވެފައިވާ ފަނޑިޔާރަކު ހިމަނައިގެން އެކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަށް ހުކުމް ކުރަން ބޭތިއްބުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި އެ ލީކުވި ވީޑިއޯއާ ގުޅިގެން ފާއިޒު ހައްޔަރު ކުރަންވީމާ އެ ވީޑިއޯއަކީ އޮރިޖިނަލް ވީޑިއޯއަކަށް ވެފައިވާ ކަމަށާއި ނަމަވެސް އެވީޑިއޯ ކުޅެފައިވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އާމެދު ފިޔަވަޅެއް އަޅަންޖެހުނީމާ އެ ވީޑިއޯ ވެފައިވަނީ ކާޓޫނު ފިލްމަކަށް ނުވަތަ ފޭކް ވީޑިއޯއަކަށް ކަމަށެވެ.
ރައީސް ވަހީދުގެ ގައުމީ އިއްތިހާދުގެ ކައުންސިލްގެ މަގާމުން ފާއިޒު ވަކިކޮށްފައިވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ވީޑިއޯކަމަށް ބުނާ ވީޑިއޯ ގެންގުޅެ އަލީ ހަމީދު ބްލެކް މެއިލް ކޮށްފައިވާ ކަމަށްބުނެ ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނިކޮށެވެ. ނަމަވެސް މިހާރު ފުލުހުންވަނީ ފާއިޒު ބަންދުން ދޫކޮށްލާފައެވެ. ފާއިޒަކީ ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވެގެން ދިއުމުގައި ހިނގާދިޔަ ކަންކަމުގައިއާއި މުޒާހަރާތަކުގައި އަދި ބައްދަލުވުންތަކުގައި ވަރަށް އިސްކޮށް ރައީސް ވަހީދުގެ ގައުމީ އިއްތިހާދުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އެޕާޓީގެ ކައުންސިލް މެމްބަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ