ޑީއާރްޕީ ތެރޭގައި މިހާރު އޮތް ހަމަނުޖެހުންތަކަކީ ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީއަށް އޮތް "އެޑްވާންޓޭޖެއް" ނޫން: ޑރ. ޝަހީދު
އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީއަށް ގިނަ "އެޑްވާންޓޭޖް"ތަކެއް އެބަހުރި ކަމަށާއި ޑީއާރްޕީގެ ތެރޭގައި މިދުވަސްކޮޅު އުފެދިގެން އުޅޭ ޚިޔާލުތަފާތުވުމާއި ބައިބައިވުމަކީ އެމްޑީޕީ އަށް އޮތް އެޑްވާންޓޭޖެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އެމްޑީޕީގެ ތަރުޖަމާނަކަށް އައްޔަންކުރައްވާފައިވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ."ނޫން. އަޅުގަނޑުމެން ނުބަލަން އެއީ އެޑްވާންޓޭޖެއް ކަމަށް. އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަށް ދައްކައިދޭން އެމްޑީޕީކަން މޮޅީ އިނގޭތޯ. މެޗެއް ކުޅެން ޓީމެއް ދަނޑަށް އަރައި ތިއްބައި އަނެއްކޮޅު ޓީމަށް ނޭރުނީމަކާއެއް، އެހެނެއް ބޭނުންމެއް ނޫން އަޅުގަނޑުމެން ތަށި ހާސިލްކުރާކަށެއް. ހަމަ ބަލިކޮށްގެން ބޭނުންވަނީ ހާސިލްކުރަން ތަށި،" ފޮރިން މިނިސްޓަރަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައި ނުވާތީ އެ މަގާމުގައި ނުހުންނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރެއްވުމާ ގުޅިގެން އިސްތިއުފާ ދެއްވި ޑރ. ޝަހީދު ވިދާޅުވި އެވެ.ދަރުބާރުގޭގެ ފާށަނާމާލަމުގައި މިއަދު އެމްޑީޕީން ބޭއްވި ނޫސްކޮންފަރެންސެއްގައި ޑރ. ޝަހީދު ވިދާޅުވީ، ރައްޔިތުންނަށް ކަންތައް ކޮށްދޭން މިއަދު އުޅެނީ އެމްޑީޕީ ކަމަށާއި ޑީއާރްޕީގެ ހުރިހާ އަމާޒެއް މިހާރު ހުއްޓިފައި އޮތީ ރާއްޖޭގައި ދެން ވެރިކަން ކުރައްވާނެ ބޭފުޅަކަށް ކަމަށެވެ."އަސްލު ގައުމުގެ މައްސަލަތަކަކަށް [ޑީއާރްޕީއަށް] ފޯކަސް އެއް ނުކުރެވޭ. ޑީއާރްޕީގެ ހުރިހާ އަމާޒެއް މިހާރު އެ އޮތީ ކާކުތޯ ދެން ވެރިކަންކުރާނީ ރާއްޖޭގައި. އަދި މިއީ 2013 ގެ ވާހަކައެއް. މިއަދު އެބޭފުޅުން ސަމާލުކަން ނުދެއްވާ މިއަދު ރައްޔިތުންގެ ހާލު ހުރިގޮތަކަށެއް. އެބޭފުޅުންނަށް މުހިންމު ވަނީ ނުކުމެވަޑައިގަންނަވާނީ ޝާހިދުތޯ، ތަސްމީންތޯ، އުމަރުތޯ، މައުމޫނުތޯ. އަޅުގަނޑުމެން މިދައްކަނީ ބަނދަރު ހެދިއްޖެތޯ، ނަރުދަމާ އެބައޮތްތޯ، ސްކޫލް ރަނގަޅުތޯ، ބޭސްފަރުވާ ލިބޭތޯ،" ޑރ. ޝަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ