ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަމުން ގެންދަވާ ގާޒީ ބަދަލު ކުރުމަށް ސްޕްރީމް ކޯޓުގައި އޭނާ އެދިވަޑައިގެންފި އެވެ.
ވީނިއުސްއަށް ކޮޕީ ލިބިފައިވާ މި ސިޓީގައި ސިޔާމް ވިދާޅުވެފައިވަނީ އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ އޭނާއާ މެދު ގާނޫނުން ބޭރުން އަމަލު ކުރައްވަފާނެކަން ދޭހަވާ ގޮތަށް ވާހަކަ ދެއްކުމުގައްޔާއި އަތާއި މޫނުގެ އިޝާރާތުން ދޭހަވާ ގޮތަތަކެއް ހުރުމުން އެ ކޯޓުގެ އިސް ގާޒީއާ ހިސާބަށް އެ ޝަކުވާ ގެންގޮސްފައިވާނެ ކަމަށެވެ. އަދި އެ ޝަކުވާތަކަށްފަހު ގާޒީ އޭނާމެދު ނުރުހުންތެރިވެވަޑައިގެން ހުންނެވި ކަމަށާއި އަދި ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އެނާގެ މައްޗަށް ހަރުކަށި އަދަބެއް ކަނޑައެޅުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ބައެއް ފަރާތްތަކުން މައުލުމާތު ދިފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އެ މައްސަލަ ކްރިމިނަލް ކޯޓަށާއި ސްޕްރީމް ކޯޓަށް ހުށަހެޅުމުން އެކަމަށް ހައްލެއް ހޯދައިދެވިފައިނުވާ ކަމަށް މިމަހުގެ 24 ވަނަ ދުވަހު ސިޔާމް ސޮއި ކުރައްވާ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިންއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑާއި މެދު ނެރުހުންތެރިކަން ފާޅުކުރަމުންދާ ފަނޑިޔާރަކު މެދުވެރިކޮށް ޝަރީއަތް ހިންގުން ހުއްޓުވައި ޒާތީކަމެއް ނުގެންގުޅުއްވާ ބޭފުޅަކު މެދުވެރިކޮށް އިންސާފުވެރި ނިޔާއެއް ލިބުމުގެ ފުރުސަތު ކްރިމިނަލް ކޯޓް އަދި ސްޕްރީމް ކޯޓުންވެސް އަޅުގަނޑަށް އަދި މިހާތަނަށް ފަހިކޮށްދެއްވާފަ އެއް ނުވޭ،" ސިޓީގައި ވިދާޅުވެފައިވެ އެވެ.
ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ އެފަދަ ޒާތީކަމެއް ގެންގުޅުއްވާ ފަނޑިޔާރަކު މައްސަލަ ބަލައިފިނަމަ ނުހައްގުން އޭނާގެ މައްޗަށް ހަރުކަށި އަދަބެއް ކަނޑައަޅުއްވަފާނެ ކަމަށެވެ. އަދި އެކަން އެގޮތަށް ވެއްޖެނަމަ އިޖުތިމާއީ ގޮތުން އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށައި އޭނާގެ ރީތި ނަމަށް އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ވެދާނެ ކަމަށް ވެސް ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.
"ވަކިން ހާއްސަކޮށް އަޅުގަނޑުގެ މައްޗަށް އުފުލިފައިވާ ދައުވާއަކީ ވެސް ބާރުގަދަ ފަރާތަކުން ރާވައިގެން ހީލަތްތެރިކަމާއެކު ގެއްލުމެއް ދިނުމަށްޓަކައި ސިޔާސީ ގޮތުން އުފައްދާފައިވާ ދޮގު ދައުވާއަކަށް ވުމާއެކު މި މައްސަލަ ބައްލަވާ ފަނޑިޔާރު މައްސަލާގައި ހުކުމް ކުރައްވާ ގޮތަށް ހަމަޖެހިއްޖެނަމަ ދުޝްމަނުން ނުހައްގު ގޮތުގައި ޖެއްސުމަށްޓަކައި ތައްޔާރުކޮށްފައިވާ މަޅިފަތީގައި އަޅުގަނޑު ޖެހުނީ އެވެ،" އެމްޑީއޭގެ ލީޑަރު ކަން ވެސް ކުރައްވަމުން ގެންދަވާ ސިޔާމްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
ސިޓި ނިންމާލަމުން ވިދާޅުވެފައިވަނީ މިދެންނެވި އަނިޔާވެރިކަމުން ސަލާމަތްވެވޭނެ މަގެއް ފަހިކޮށްދެއްވައި އޭނާ އާއި މެދު އަދާވާތްތެރިކަމެއް ގެންގުޅުއްވާ ގާޒީ ނޫން އެހެން ބޭފުޅަކު އެ މައްސަލަ ބެއްލެވުމަށް ހަމަޖައްސައި ދެއްވައި، އެކަން ކްރިމިނަލް ކޯޓަށް އަންގަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަަމަށެވެ.
ސިޔާމުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އޭނާ ރާއްޖެއިން ބޭރަށް ކުރެއްްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވިއިރު ގެންގުޅުއްވި ލަގެޖުގެ ތެރެއިން ރާ ފުޅިއެއް ފެނުނު މައްސަލައެއްގަ އެވެ. ސިޔާމް މައްސަލަ ބައްލަވަނީ ގާޒީ އަހްމަދު ސަމީރު އަބްދުލް އަޒީޒު އެވެ.
ސިޔާމްގެ މައްސަލަ ބައްލަވާ ގާޒީ ބަދަލު ކުރުމަށް އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ