ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެދުހެންވޭރު ދާއިރާއަށް ކުރިމަތިލައްވާފައިވާ އިބްރާހީމް ނާޒިމް އެދާއިރާގެ ސަރުކާރު ކޯލީޝަންގެ ކެންޑިޑޭޓް އައިޝަތު ލީޒާއަށް ތާއީދުކުރައްވަން ނިންމަވައިފި އެވެ.
މިއަދު ދިޓީވީގެ ސުޓޫޑިއޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ އޭނާގެ ކެމްޕޭންގެ ހުރިހާ ހަރަކާތްތަކެއް ހުއްޓާލައި ސަރުކާރު ކޯލީޝަންގެ ޕީޕީއެމްގެ ކެންޑިޑޭޓް ލީޒާއަށް ތާއީދުކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ މެދުހެންވޭރުގެ ގޮނޑި އެމްޑީޕީއަށް ލިބުން ހުއްޓުވުން ކަމަށެވެ.
އެމްޑީޕީން މަސައްކަތް ކުރަމުންދަނީ ޝަރުއީ ދާއިރާ ފުނޑާލާ ގައުމުގައި ބޮޑު ހަމަނުޖެހުމެއް އުފައްދަން ކަމަށް ވެސް ނާޒިމް ވަނީ ތުހުމަތުކުރައްވާފަ އެވެ.
"މިހެން މިކަން އޮތީމާ އަޅުގަނޑު ބޭނުންވީ އެމްޑީޕީއަށް މިގޮނޑި ނުލިބޭނެ ހުރިހާ ގޮތެއް ހަދަން. އަޅުގަނޑާ ލީޒާއާ ދެމީހުން މިދާއިރާއަށް ވާދަކޮށްފިނަމަ އެކަކަށް ވެސް ގޮނޑި ނުލިބިދާނެ ކަމަށް އަޅުގަނޑަށް ފެންނާތީ މި ނިންމުން މިނިންމީ ގައުމަށްޓަކައި. މިއަދުން ފެށިގެން އަޅުގަނޑާއި އަޅުގަނޑު ޓީމް ލީޒާއާއެކު މަސައްކަތް ކުރާނެ. އަދި އަޅުގަނޑުގެ ހުރިހާ ސަޕޯޓަރުންވެސް ލީޒާއަށް ތާއީދުކޮށްދެއްވުމަށް އަޅުގަނޑު އެދެނީ،" ނާޒިމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ރައީސް ކަން ވެސް ކުރިން ކުރައްވާފައިވާ ނާޒިމް ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ރަޖިސްޓްރާއެއްގެ މަގާމު ވެސް ފުރުއްވާފަ އެވެ. އަދި އޭނާ ވަނީ 2011 ވަނަ އަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި މެދުހެންވޭރު ދާއިރާއަށް ކުރިމަތިލައްވާ ގިނަ އަދަދެއްގެ ވޯޓް ހޯއްދަވާފަ އެވެ. ނަމަވެސް އިންތިހާބު އޭރު ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.
ނޫސްވެރިންގެ މިއަދުގެ ބައްދަލުވުމުގައި ލީޒާ ވިދާޅުވީ ނާޒިމް އޭނާއަށް ތާއީދުކުރަން ނިންމެވުމާ ގުޅިގެން މެދުހެންވޭރު ގޮނޑި ކާމިޔާބުވާނެ ކަން ޔަގީންކުރެވިއްޖެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކޯލީޝަންގެ ކެންޑިޑޭޓް ލީޒާއާއި ވާދަކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަލީ އާޒިމް އެވެ. މި ދެބޭފުޅުންނާ ނާޒިމްގެ އިތުރުން އަމިއްލަގޮތުން އިތުރު ދެ ބޭފުޅަކު މިދާއިރާއަށް ކުރިމަތިލައްވާފައިވެ އެވެ.
މެދުހެންވޭރު ދާއިރާގެ ކޯލީޝަން ކެންޑިޑޭޓް ލީޒާއަށް ތާއީދުކުރުމަށް ނާޒިމް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ