ކޯލިޝަނާބެހޭ ވާހަކަތައް އަޑު އަހަނީ މީޑިއާއިން: ގާސިމް

ކޯލިޝަން އެއްބަސްވުން ރޫޅާލާފައިވާކަން އަޑު އެއްސެވީ ހަމައެކަނީ މީޑިއާއިން ކަމަށާއި އެހެން ނަމަވެސް މިހާރު ކޯލިޝަން އޮތް ކަމަށް ބެލުމުގެ ޖާގަ ނެތް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށްފަހު ނޫސްވެރިނާ ކުރިމަތިލައްވާ ގާސިމް ވިދާޅުވީ ރަސްމީކޮށް އެއްވެސް ގޮތަކަށް ދެ ޕާޓީގެ ކޯލިޝަން ރޫޅާލާފައިވާކަން ޕީޕީއެމާއި ސަރުކާރުން ވެސް އަންގާފައި ނުވާ ކަމަށާއި އެފަދަ ލިޔުމެއް ވެސް ލިބިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އެ މަނިކުފާނު މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވުމުން ކޯލިޝަން ރޫޅާލުމަކީ އިންސާފު ނޫން ކަމަށެވެ.
"މި އިނގޭ އެއްޗެއް އެނގެނީ މީޑިއާއިން!" ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކޯލިޝަން ރޫޅައިލި ކަމަށް ބުނާއިރު ޖޭޕީއާއެކު މަސައްކަތް ކުރަން ތައްޔާރަށް އެމްޑީޕީ އޮތް ކަމަށް އެ ޕާޓީގެ ވަގުތީ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމުން އުފާ ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެންނާއި އެމްޑީޕީ އަދި އެހެން ބަޔަކުވެސް ކޯލިޝަން ހަދަން ވިސްނާވަޑައިގަންނަވާ ނުވަތަ ރުހިވަޑައިގަންނަވާ، އެއްބަސްވެވަޑައިގެން ވިދާޅުވާ ކަމަށްވަންޏާ، ދެން އަޅުގަނޑުމެން އުފާކުރަން. އަޅުގަނޑުމެންނަކީ ކޮންމެވެސް ބައެއްކަން ބަޔަކު ފާހަގަކުރަން ތިބުން އެއީ އަޅުގަނޑުމެން ވަރަށް އުފަލާއެކީ ފާހަގަކުރާ ކަމެއް،" ޤާސިމް ވިދާޅުވިއެވެ. "އަޅުގަނޑުމެންނަކީ ތިބި ބައެއްކަން ކޮންމެވެސް މިންވަރެއްގެ ބައެއްކަން ފާހަގަ ކުރެއްވީތީ، އުފާ ކުރަން އަޅުގަނޑު ވަރަށް އިޚްލާސްތެރިކަމާއެކީ އެ މަނިކުފާނަށް [ރައީސް ނަޝީދަށް] ޝުކުރު ދަންނަވާލަން. ދެން، އެއްބަޔަކު އަޅުގަނޑުމެން މިއަދު ނަގާ ހޫރާލި އިރު، އަނެއްކާ ކޮންމެވެސް އެހެން ބަޔަކުވެސް އަޅުގަނޑުމެންނާ މެދު ބަލައިލާނެ ލޮލެއް ނުވަތަ ހިތެއް އޮތްކަން ވަރަށް ރަނގަޅު،"
ގާސިމް ވިދާޅުވީ، މަޖިލިސް ރައީސްކަން ލިބިވަޑައި ނުގެންނެވި ނަމަވެސް މަޖިލިހުގެ މަސައްކަތްތަކުގެ ތެރެއަށް އަމިއްލަ އެދުމާއި، ހިތްހަމަނުޖެހުން ނުވައްދަވާނެ ނެކަމަށާއި، ޖޭޕީ އަމާޒަކީ، ފަރުދުންގެ މިނިވަންކަމާއި ތަރައްގީ ގާއިމް ކޮށްދިނުން ކަމަށެވެ. ނަމަވެސް، ކޯލިޝަނެއް ނެތް ކަމަށް ޕީޕީއެމް އިން އިއުލާން ކޮށްފައިވާތީ، ކޯލިޝަނެއް އޮތްކަމުގެ ނުވަތަ ދެމެހެއްޓުމުގެ މާ ބޮޑު ވާހަކައެއް ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ.
"ކޯލިޝަން އެގްރީމެންޓް ބާތިލް ކުރީ ނާއިންސާފުން،" ވިދާޅުވި އެވެ.
ޤާސިމްގެ ވާހަކަފުޅުގައި، ކޯލިޝަން ހެދުމާއި، ކޯލިޝަން ރޫޅުމުގެ ތަޖުރިބާ މީގެ ކުރިންވެސް ކުރެވިފައިވާ ކަމަށާއި ކަންތައްވެގެން ދިޔަ ގޮތް ވަރަށް ސާފުކޮށް އޭރުވެސް، އަދި މިހާރުވެސް ރައްޔިތުންނަށް ފެނިފައިވާނޭ ކަމަށް ވިދާޅުވިއެވެ.
ޤާސިމް މި މޭރުމުން ވާހަކަ ދައްކަވާފައިވާ އިރު، ޕީޕީއެމާއި ޖޭޕީން ހަދާފައިވާ ކޯލިޝަން ރޫޅިފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވަނީ އާންމުކޮށް އިއުލާން ކުރައްވާ، ސަރުކާރުގެ ކެބިނެޓް އަދި ސިޔާސީ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން، އެބޭފުޅުންގެ ވަޒީފާއިން ވަކި ކުރެއްވުމަށް ރައީސް ޔާމީންއަށް ރަސްމީ ކޮށް ދަންނަވާފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ