ރައީސް ނަޝީދު އުފެއްދެވި ކޮމެޓީން އަރަބިއްޔާ ސްކޫލުގެ ބޯޑާ މަޝްވަރާކޮށްފައި ނުވާ ކަމަށް ސްކޫލް ބޯޑުން ބުނެފި
އަރަބިއްޔާ ސްކޫލްގެ މައްސަލައަށް ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިދިޔަ ހަފްތާގައި އެކުލަވާލި ކޮމެޓީން އަރަބިއްޔާ ސްކޫލާ މިހާތަނަށް އެއްވެސް މަޝްވަރާއެއްކޮށްފައި ނުވާ ކަމަށް ސްކޫލް ބޯޑުން ބުނެފި އެވެ.ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން އަރަބިއްޔާ ސްކޫލް ބޯޑުގެ މެންބަރު އަހުމަދު އަބްދުﷲ ސައީދު މިއަދު ވިދާޅުވީ ރަބިއްޔާގެ ދަރިވަރުންނަށް މިއަދު ދިމާވެފައިވާ މައްސަލަތަކާއި އަރަބިއްޔާގެ ބިމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރައީސް ނަޝީދު ކޮމެޓީއެއް އެކުލައްވައިފައިވާ ކަމަށް އެ ބޭފުޅުންނަށް އެނގުނީ ވެސް މީޑިއާ މެދުވެރިކޮށް ކަމަށެވެ. އަދި އެ ކޮމެޓީން އަރަބިއްޔާ ސްކޫލް ބޯޑާ ބައްދަލުކޮށް މަޝްވަރާ ކުރަމުންދާ ކަމަށް ދެކެވޭ ވަހަކަތައް ވެސް އޭނާ ދޮގު ކުރެއްވި އެވެ."އަރަބިއްޔާ މައްސަލައަށް ހައްލެއް ހޯދުމަށް ރައީސް ނަޝީދު އެކުލަވާލި ކޮމެޓީން އަދި މިހާތަނަށް އަޅުގަނޑުމެންނާ އެއްވެސް މަޝްވަރާއެއް ކޮށްފައެއް ނުވޭ. އަދި އެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުގައި ސްކޫލް ބޯޑުން އެދުނު ކަންތައްތައް މިހާތަނަށް ވަނީ ނާކާމިޔާބުވެފައި." އަހުމަދު އަބްދުﷲ ސައީދު ވިދާޅުވި އެވެ.މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ރައީސް ނަޝީދު އެކުލަވާލައްވާފައިވާ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާގެ ޕޮލެޓިކަލް އެޓްވައިޒަރު އިބްރާހިމް ހުސައިން ޒަކީ އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފައިނޭޝަލް ސެކްރެޓަރީ އަހުމަދު މައުސޫމް އާއި އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދާއި އެމްޑީޕީގެ ދެ ބޭފުޅަކު ކަމަށް ރައީސް އޮފީހުން ބުންޏެވެ. ނަމަވެސް އެއީ ކޮން ދެ ބޭފުޅުންނެއް ކަމެއް ރައީސް އޮފީހަކުން ނުބުނެ އެވެ.ރައީސް އޮފީހުގެ ޕްރެސް ސެކަޓަރީ މުހައްމަދު ޒުހައިރު ވިދާޅުވެފައި ވަނީ ރައީސް އެ ކުލަވާލި ކޮމެޓީގެ މަސައްކަތްތައް ވަރަށް ހަލުވިކަމާ އެކު ކުރިއަށްދާ ކަމަށާއި އަރަބިއްޔާގެ ސްކޫލް ބޯޑާ ވެސް ކޮމެޓީން ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ."އަރަބިއްޔާގެ މައްސަލައަކީ ސިޔާސީ ކުލަ ޖައްސައިގެން ބަޔަކު ކުރާ ކަމެއް. އެހެންނަމަވެސް ކޮމެޓީން ވަރަށް ވިސްނުންތެރިކަމާ އެކު ކަންކަން މިހާރު ކުރަމުންދަނީ. އެ ގޮތުން ސްކޫލް ބޯޑާ ވެސް ބައްދަލުކޮށްފައިވޭ." ޒުހައިރު ވިދާޅުވި އެވެ.އޭނާ ވިދާޅުވީ ސްކޫލް ބޯޑުގައި ވެސް ތަފާތު ހިޔާލުތަކުގެ މީހުން އެބަތިބި ކަމަށާއި އެ ހުރިހައި އެންމެންގެ ފިކުރަށް ބަރޯސާވެ، ކޮމެޓީގެ މަސްކަތްތައް ކުރިއަށް ގެންދަވާ ކަމަށެވެ.ޒުހައިރުގެ ވާހަކަފުޅުތަކާ ގުޅިގެން ސްކޫލް ބޯޑުގެ ރައީސް ވިދާޅުވީ "ރައީސް އޮފީހުގެ ޕްރެސް ސެކަޓަރީ ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަކީ ކަނޑައެޅިގެން އިތުރުފުޅެއް" ކަމަށެވެ."ތަކުރާރުކޮށް އަޅުގަނޑު މި ދަންނަވަނީ އެއްވެސް އިރެއްގައި ކޮމެޓީން އަޅުގަނޑުމެންނާ މަޝްވަރާކޮށްފައި ނުވާ ވާހަކަ. ސަރުކާރުން އަޅުގަނޑުމެންނަށް ކަމެއްކޮށްދެންޏާމުން މި އަހަރު ފެށުނީސް ސުރެ ދެއްކި ވާހަކަތަކަށް ސަރުކާރުން އިޖާބަދޭނެ،" ސްކޫލް ބޯޑުގެ ރައީސް ވިދާޅުވި އެވެ.އޭނާ ވިދާޅުވީ އަރަބިއްޔާ ބޯޑުން މިއަހަރުގެ ކުރީ ކޮޅު ރައީސް ނަޝީދާ ބައްދަލު ކުރެއްވި ކަމަށާއި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އަރަބިއްޔާގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށާއި އަރަބިއްޔާގެ ބިން އަރަބިއްޔާއާ ހަވާލުކޮށްދެއްވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ރައީސް ނަޝީދު އަރަބިއްޔާގެ ބޯޑުގައި ވައުދުވެލެއްވި އެއްވެސް ކަމެއްކޮށްދެއްވާފައި ނުވާ ކަމަށް އަހުމަދު އަބްދުﷲ ސައިދު ވިދާޅުވި އެވެ.ސަރުކާރުން މިފަދަ ބީދައިން ކަންތައް ކުރާތީވެ، އެތައްފަހަރެއްގެ މަތިން ސުލްހަވެރިކާމާ އެކު ހައްލެއް ހޯދުމަށް ރައީސް ނަޝީދާ ބައްދަލު ކުރުމަށް ރައީސް އޮފީހުގައި އެދިފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް އެކަންތައް ނާކާމިޔާބު ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.އަރަބިއްޔާގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ރައީސް ނަޝީދު އެކުލަވާލައިފައިވާ ކޮމެޓީން ގޮތެއް ނުނިންމަނީސް އަރަބިއްޔާގެ މައްސަލައަށް ހައްލެއް ހޯދައި ނުދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝިފާ މުހައްމަދު ވަނީ ވިދާޅުވެފަ އެވެ. އެ މައްސަލާގައި ސްކޫލް ބޯޑުން ސަރުކާރުގައި އެދުނު ކަންތައްތަކަށް ސަރުކާރުން އިޖާބަ ނުދިނުމުން އެ މައްސަލަ ކޯޓަށް ހުށަހަޅާ ގޮތަށް ސްކޫލްގެ ބެލެނެވެރިންތަކެއް ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ