މަރުގެ އިންޒާރުގެ މެސެޖް ފޮނުވާތީ ގާސިމް ފުލުހަށް މައްސަލަ ހުށަހަޅައިފި

ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް މަރުގެ އިންޒާރުދޭ އެސްއެމްއެސް ތަކެއް ލިބެމުންދާތީ އެމައްސަލަ ބަލައި ދިނުމަށް އެދި ފުލުހަށް ހުށަހަޅުއްވައިފި އެވެ.
އެ މައްސަލަ ގާސިމް ހުށަހަޅުއްވާފައި ވަނީ އިއްޔެ އެވެ. ގާސިމް ފުލުހުންނަށް ފޮނުއްވި ސިޓީގައި އެމަނިކުފާނަށް މަރުގެ އިންޒާގެ އެސްއެމްއެސް ފޮނުވާފައިވާ ނަމްބަރު ވެސް ހިމަނާފައި ވެއެވެ. ގާސިމަށް ލިބިވަޑައިގެންފައިވާ ދެ އެސްއެމްއެސްގެ ތެރެއިން އެއް އެސްއެމްއެސް ގައި ބުނަނީ" ފާޑުފާޑު ވާހަކަ މީޑިއާގައި ދައްކަންޏާ ފުރާނަ ދުއްވާލާނަން" ކަމަށެވެ. ދެވަނަ އެސްއެމްއެސް ގައި ބުނެފައިވަނީ " ކަލެޔާ ކަލޭގެ މުޅި އާއިލާ މާލޭން ފޮހެލާނަން" ކަމަށެވެ.
ސިޓީ ބުނާ ގޮތުން އޭގެ ތެރެއިން އެއް އެސްއެމްއެސް ފޮނުވާފައިވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. ދެވަނަ އެސްއެމްއެސް 16 އިގަ އެވެ. އަދި އެ ނަމްބަރުން އެއީ އެފަރާތުން ދެނެހުރި ކަމެއް ނޫން ކަމަށާއި އެއީ ސޮފްޓެވެއާއެއް ބޭނުންކޮށްގެން ކޮށްފައިވާ ކަމަކަށް ނޫނީ ނުވާނެ ކަމަށް ބުނި ކަމަށް ވެސް ލިޔެފައިވެއެވެ.
"މިފަދަ އެސްއެމްއެސްތައް އަޅުގަނޑަށް ލިބެމުންދަނީ ރައްޔިތުންގެ މަޖިލީހުގަ އާއި މީޑިއާގަ އާއި އެނޫންވެސް ގޮތްގޮތުން ރާއްޖޭގެ ރައްޔިތުންގެ ސަލާމާތާއި ރައްކާތެރި ކަމާއި ކުރިއެރުމައްޓަކައި އަބަދުވެސް އަޅުގަނޑު ކުރަމުންދާ މަސައްކަތްތަކާމެދު ހިތްހަމަ ނުޖެހޭ ފަރާތްތަކަކުން ނުވަތަ ފަރާތަކުން ރާވައިގެން ހިންގާ ކަމަކަށް ވުމީ އެކަށީގެންވާ ކަމެކެވެ." ސިޓީގައި ވެއެވެ. "މިއީ އަޅުގަނޑުގެ ދިރިއުޅުމާއި ފުރާނައަށް ނުރައްކާވާ ޒާތުގެ ކަމެއް ކަމަށް ދެކޭތީވެ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދެއްވުން އެދި ދެންނެވީމެވެ،"
ގާސިމްގެ ފޯނަށް ލިބުނު ދެ މެސެޖްގެ ސްކްރީން ޕްރިންޓެއް ވެސް ސިޓީއާއެކު ހިމަނާފައިވެއެވެ. އަދި ސިޓީގެ ކޮޕީ ޑިފެންސް މިނިސްޓްރީ އަށާއި ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ފޮނުވާފަ އެވެ.
މީގެ ކުރިންވެސް ގާސިމް އަވަހާރަ ކޮށްލަން ބަޔަކު ރާވަމުންދިޔަ ކަމަށް ބުނާ މެސެޖް ތަކެއް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. އެ މައްސަލަވެސް މިދިއަ ޖޫން މަހުގެ އަށް ވަނަ ދުވަހު ވަނީ ފުލުހަށް ހުށަހަޅާފަ އެވެ.
މި ސިޓީއާ ގުޅިގެން ފުލުހުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ