ލޯކަލްކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހަމަ ހަމަ ފުރުސަތު، ދައުލަތުގެ މީޑިއާއިން ނުދޭކަމަށް ބުނެ "ދައުލަތުގެ މީޑިޔާ ރައްޔިތުންގެ އަތްމައްޗަށް" މި ނަމުގައި ބޮޑު މުޒާހަރާއެއް މާލޭގައި ބާއްވަން އުމަރު ފެކްޝަނުން ތައްޔާރުވެއްޖެ އެވެ.
އުމަރާއެކު ހަރަކާތްތެރިވެވަޑައިގަންނަވާ ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވީ އަންނަ ހޯމަ ދުވަހުގެ ރޭގެ ބޮޑު މުޒާހަރާ ފަށާނީ އާޓިފިޝަލް ބީޗުން ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ސަރުކާރުން ދައުލަތުގެ މީޑިއާ ކޮންޓްރޯލް ކޮށް ހަމަ އެކަނި ފުރުސަތު ދެނީ އެމްޑީޕީގެ ކެޑިޑޭޓުންނަށް އެކަނި ކަމަށާއި ދައުލަތުގެ މީޑިއާ، ދިވެހިރާއްޖޭގެ އަޑާއި ޓީވީމޯލްޑިވްސް މިނިވަންކޮށް އެމްބީސީ އާ ހާވާލުކުރަން ޖެހޭ ކަމަށެވެ.
"ރައީސް ނަޝީދު ބޭނުންފުޅު ގޮތަކަށް އެތަނުގެ ކަންކަން ހިނގަމުން މިދަނީ. ހަމަ އެކަނި އެމްޑީޕީ މީހުންނަށް އެކަނި މި ލިބެނީ ފުރުސަތު. އެންމެންނަށްވެސް ހަމަ ހަމަ ކޮށް ދައުލަތުގެ މީޑިއާއިން ފުރުސަތު ލިބެންޖެހޭނެ. އެހެންމެ މަގުމައްޗަށް މި ނުކުންނަނީ އެކަމަށްޓަކައި،" މަހުލޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން ކެންޑިޑޭޓުންނަށް އެކަނި ދައުލަތުގެ މީޑިއާއިން ފުރުސަތު ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށާއި އެއީ އިންސާފެއްވެސް ނޫންކަމަށެވެ.
"އަޅުގަނޑުމެން އިންސާފު ހޯދަން މި ނުކުންނަނީ މަގުމައްޗަށް. މިއީ ވަރަށް ބޮޑު މުޒާހަރާއަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ އެ މުޒާހަރާ އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ މިހާރު ޑިއާރުޕީން ވަކި ކޮށްފައިވައި އެ ޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރާއި ޑެޕިއުޓީ ލީޑަރު އިލްހާމް އަހުމަދާއި ވިލިމާފަންނު ދާއިރާގެ މެންބަރު ނިހާނާއި އަދި ވައިކަރަދޫ ދާއިރާގެ މންބަރު އަލީ އާރިފު ކަމަށެވެ. އެ މުޒާހަރާގައި ކުރީގެ ރައީސްގެ ސްޕޯކްސް ޕާސަން މުހަންމަދު ހުސައިން ޝަރީފް (މުންދު) ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދައުލަތުގެ މީޑިއާއިން ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދިނުމަށް ގޮވާލާ މުޒާހާރާއަކަށް އުމަރު ފެކްޝަނުން ތައްޔާރުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ