މޯލްޑިވްސް އީ ކޯޓު މެނޭޖްމަންޓް ސިސްޓަމް (މެމްސް) ބޭނުންކޮށްގެން ކޯޓު އަމުރު ތައްޔާރުކުރަން ފެށި ފުރަތަމަ ކޯޓަކަށް ޑްރަގް ކޯޓު ވެއްޖެ އެވެ.
ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން ޑްރަގް ކޯޓު ހިންގުމާއި މިވަގުތު އެންމެ އިސްކޮށް ހަވާލުވެވަޑައިގެން ހުންނެވި ގާޒީ މަހާޒް އަލީ ޒާހިރު ވިދާޅުވީ މެމްސް ބޭނުންކޮށްގެން ކޯޓް އަމުރު ތައްޔާރުކުރަން ފެށިފަހުން ދުވަސްކޮޅެއް ފާއިތުވެއްޖެ ކަމަށެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ތައްޔާރުކޮށްފައިވާ އީ ކޯޓު މެނޭޖްމަންޓް ސިސްޓަމް ޑްރަގް ކޯޓުގައި ބޭނުންކުރަން ފެށީ ކޯޓުން ބޭނުންވާ ބައެއް ބަދަލުތައް ގެނައުމަށްފަހު ކަމަށް މަހާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މެމްސް މެދުވެރިކޮށް އަމުރުތައް ތައްޔާރުކުރަން ފެށުމުގެ ކުރިން ކޯޓަށް ހުށަހަޅާ މައްސަލަތައް އެންޓްރީ ކުރުމާއި، ރަޖިސްޓްރީކުރުމާއި، މައްސަލަ ކުރިއަށް ގެންދާނެ ގާޒީން ކަނޑައެޅުން ފަދަ މަސައްކަތްތައް މިދިޔަ އަހަރުގެ ތެރޭގައި މެމްސް މެދުވެރިކޮށް ކުރަން ފަށާފައިވާ ކަމަށެވެ.
"މިހާރު ތިން މަރުހަލާ އަކަށް ބަހާލައިގެން ކޯޓުގައި މިސިސްޓަމް ޑިވެލޮޕްކޮށް ބޭނުންކުރަމުން ދިޔައީ. ކޯޓް އަމުރު ތައްޔާރުކުރަމަކީ މީގެ ތިންވަނަ މަރުހަލާ. ނަމަވެސް އަދިވެސް މުޅި ސޮފްޓްވެއާގެ މަސައްކަތް ނުނިމޭ،" މަހާޒް ވިދާޅުވި އެވެ.
މެމްސް ބޭނުންކުރަން ފެށުމުގެ ކުރިން ޑްރަގް ކޯޓުން، ކޯޓު އަމުރު ތައްޔާރުކުރަމުން ދިޔައީ މައިކްރޯ ސޮފްޓްވޯޑް ބޭނުންކޮށްގެން ހުރިހާ މައުލޫމާތެއް ވެސް މެނުއަލްކޮށް އެންޓަކުރާ ގޮތަށް ކަމަށް ވެސް މަހާޒް ވިދާޅުވި އެވެ. ނަމަވެސް މެމްސް ބޭނުން ކުރަން ފެށުމުން ސިސްޓަމަށް އެއް ފަހަރު މައުލޫމާތު އެންޓަކުރުމާއެކު ބޭނުން ކޮންމެ ވަގުތަކު ބޭނުން ކޮންމެ މައުލޫމާތެއް ބަލާލެވޭނެ ކަމަށާއި މިއީ ޑްރަގް ކޯޓުގެ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ކުރީގައި ވެއްޖިއްޔާ އަޅުގަނޑުމެން މިޖެހެނީ މިތަނުގައި ހިނގަމުންދާ މައްސަލައެއްގެ މައުލޫމާތު ހޯދަން މީހަކު އައީމާ އެ މައުލޫމާތު ހޯދަން ގިނަ ވަގުތުތަކެއް ހޭދަކުރަން. ނަމަވެސް މިހާރު މީހަކު މައުލޫމާތެއް ހޯދަން އައިސް އަޅުގަނޑުމެންގެ ކައުންޓަރުގައި މައްސަލައިގައި ހިމެނޭ މީހާގެ އައިޑީކާޑް ނަންބަރު، ފުރިހަމަ ނަން، ގޭގެ އެޑްރެސް މިއިން ކޮންމެ މައުލޫމާތެއް ބުނެލުމާއެކު ވަގުތުން ބަލާލެވޭނެ ގިނަ އިރުތަކެއްް މަޑުނުކޮށް. މިއީ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ހަލުވިކަމެއް،" މަހާޒް ވިދާޅުވި އެވެ.
ޑްރަގް ކޯޓަކީ ރާއްޖޭގައި އެންމެ ފަހުން އުފެދުނު ކޯޓަށް ވާތީއާއި ޑްރަގް ކޯޓަށް އަދި މިވީ ދެ އަހަރު ކަމަށްވާތީ ޓެކްނޮލޮޖީގެ ގޮތުން އެހެން ކޯޓް ތަކަށް ވުރެ ކުރިއަށް ދިއުމަކީ ލިބުނު ކާމިޔާބެއް ކަމަށް ވެސް ޑްރަގް ކޯޓުން ދެކެ އެވެ.
މެމްސް ޑިވެލޮޕްކޮށް އެއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ހުރިހާ ކަމެއް ކުރަމުންދަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ފަންނީ ބޭފުޅުންނެވެ.
މެމްސް ބޭނުންކޮށްގެން ޑްރަގް ކޯޓުން ފުރަތަަމަ ފަހަރަށް ކޯޓު އަމުރު ތައްޔާރުކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ