ރާއްޖެއަށް ދިމާވެފައިވާ ހުރިހާކަމެއްގެ އަސްލަކީ ޔާމީން: އުމަރު ނަސީރު

ރާއްޖެއަށް ދިމާވެފައިވާ ހުރިހާ ނުބައިކަމެއްގެ އަސްލަކީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ޔަމީން އަބްދުލްގައްޔޫމް ކަމަށް ޕްރައިމަރީގައި ޔާމީންއާ ވަދަކޮށް ނާކާމިޔާބުވެ ވަޑައިގެންނެވި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ މެމްބަރަކަށްވެ ހުރެ ޖުމްހޫރީ ޕާޓީގެ ކޯލިޝަނާގުޅުނު އުމަރު ނަސީރު މިރޭ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ.ކުނޫޒުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަމުން އުމަރު ވަނީ ޔާމީންއަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައެވެ. އެގޮތުން އުމަރު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކަށް ޔާމީން ނެރެގެން ކާމިޔާބު ނުކުރެއްވޭނެ ކަމަށާއި އަދި ރައީސް ނަޝީދުއަށް އިންތިހާބު ކާމިޔާބު ކާމިޔާބު ވިޔަނުދިނުމަށްޓަކައި ކުރަންހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. އަދި ޕީޕީއެމްގެ ހުރިހާ މެމްބަރުންވެސް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަށް ވޯޓު ދެއްވުމަށްވެސް އުމަރު ގޮވާލާފައިވެއެވެ.
"ޕީޕީއެމް އުފެއްދީ އަޑުގަނޑުމެން. އަޅުގަނޑު މެންނަކީ ރައީސް މައުމޫންގެ ސަޕޯޓަރުން. އަޅުގަނޑުމެން ރައީސް މައުމޫންއަށް ބޭ އިހުތިރާމެއް ނުކުރާނަން. އެކަމަކު ޔާމީން ނެރެގެންނެއް ޕީޕީއެމްއަށް ރިޔާސީ އިންތިހާބެއް ކާމިޔާބެއް ނުވާނެ." ރައީސް މައުމޫން އަކީ ތަރައްގީގެ ބާނީކަމަށް ވިދާޅުވަމުން ރައީސް މައުމޫންއަށް ތައުރީފް ކުރައްވަމުން އަދި ރައީސް މައުމޫންގެ ކޮށްކޯފުޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އުމަރު ވިދާޅުވިއެވެ.
އިތުރަށް އުމަރު ވިދާޅުވީ ޔާމީންގެ މިނިސްޓަރުކަމުގައި ޔާމީން ހުންނެވި ދުވަސްވަރު ގަވާއިދާ ހިލާފަށް 40000 ބިދޭސީން ރާއްޖެ އެތެރެކުރި ކޮށްފައިވާ ކަމަށާއި ރާއްޖޭއަށް އެތެރެކުރާ މަސްތުވާތަކެއްޗާއި ޔާމީންއާއި ގުޅުންހުރިކަމަށް ބުނެ އުމަރުވަނީ ޔާމީންއަށް ތުހުމަތު ކުރައްވާފައިވެއެވެ.
"ޔާމީންއަކީ މިގައުމުގައި އޮތް ހުރިހާ މައްސަލަތަކުގެ އަސްލު. ގާވާއިދާ ހިލާފަށް ރާއްޖެ އެތެރެވެފައިތިބި 40000 މީހުންނަކީ އެމަނިކުފާނު ނޭފަތް ދަށުން އެތެރެވެފައިތިބި މީހުން. ރާއްޖޭގެ މަގުތަކުގައި ވިއްކާ މަސްތުވާތަކެއްޗާއި އެމަނިކުފާނާ ގުޅުން ހުރިކަމަށް މީހުން ބުނެއުޅޭ. އެހެންވީމާ އެފަދަ މީހަކަށް މިގައުމު ދެކެލޯބިވާ އެއްވެސް މީހަކު ވޯޓު ދިނުމަކީ ގައުމަށްވެވޭ ހިޔާނާތެއް ނޫނީ ނުވާނެ،" މީގެ ކުރިންވެސް އެކިއެކި ޖަލްސާތަކުގައި ޔާމީންއަކީ ގޭންގް (ބޮޑެތި ކުށްވެރިން) ގެންގުޅޭ އަދި ކޮރަޕްޝަނުން ފުރިފައިވާ ބޭފުޅެއްކަމަށް ވިދާޅުވެފައިވާ އުމަރު މިރޭ ފުރަތަމަ ފަހަރަށް ޖުމްހޫރީ ޕާޓީގެ ޖަލްސާގައި ވާހަކަ ދައްކަމުން ވިދާޅުވިއެވެ.
މީގެ އިތުރުން އުމަރު ވިދާޅުވީ ރާއްޖޭގެ ރައީސް ކަމަށް ޔާމީން ވަޑައިގެންފިނަމަ ދައުލަތުގެ ތިޖޫރީއެއްވެސް ނުހުންނާނެ ކަމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެރިކަމަށް ވަޑައިގެންނަވައިފިނަމަ ދައުލަތުގެ ތިޖޫރީއަށް ފައިސާ ލައްވާނެ ކަމަށާއި ރައްޔިތުން އުފަލުގައި ދިރިއުޅެވޭނެ ކަމަށެވެ.
"އިންތިހާބުގައި ވާދަކުރައްވާ ހަތަރު ކެނޑިޑޭޓުންނަށް ބަލާއިރު ގައުމުގެ ތިޖޫރީ ހުސްކޮށް ނުލާނެ އަދި ގައުމު ހަމަމަގަށް އަޅުވާނެ ދެބޭފުޅުންނަކީ ގާސިމްއާއި އޭނާގެ ރަނިންމޭޓް ޑރ.ހަސަން ސައީދު. އަޅުގަނޑު ވަރަށް ބޮޑަށް ރައީސް ވަހީދުއަށް ތާއީދު ކުރަން. އެކަމަކު އެމަނިކުފާނުގެ ރަނިންމޭޓްގެ ގޮތުގައި ނެންގެވި އަހުމަދު ތަސްމީން އަލީ އަކީ ގައުމަށް ހިޔާނާތްތެރިވެފައިވާ ބޭފުޅެއް،" އުމަރު ނަސީރު ވިދާޅުވިއެވެ.
އުމަރުވިދާޅުވީ ކުރިމަތި ލައްވާފައިވާ ރިޔާސީ ކެނޑިޑޭޓުން ވަމުންދަނީ ހުސްވައުދު ކަމަށާއި އެހެންނަމަވެސް އޭގެން އެއްވެސް ކަމެއް ކޮށްދެވިފައިނުވާކަމަށެވެ. ނަމަވެސް ގާސިމްއަކީ ރައްޔިތުންނަށް ކަންކަން ކޮށްދެއްވާ ދައްކާފައިވާ ތަޖުރިބާކާރު ބޭފުޅެއްކަމަށެވެ. ރަށުގެ ފަޅު ފުންކޮށް ރަށްރަށް ތަރައްގީ ކުރަން އެދޭނަމަ ގާސިމްއަށް ވޯޓު ދެއްވުމަށް އުމަރު ގޮވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ