ޖަލްސާއަށް މީހުން މަދުން ނިކުތަސް އިންތިހާބު ކާމިޔާބު ނުކުރެވެންވީ ސަބަބެއް ނެތް: ނަޝީދު

ރޭ އެމްޑީޕީން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމުގެ ގޮތުން ބޭއްވި ޖަލްސާއަށް އާއްމު މެންބަރުން މަދުން އައި ނަމަވެސް ކައުންސިލް އިންތިހާބު ކާމިޔާބު ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިހާބުގެ ތައްޔާރީތަކާއި ގުޅޭ ގޮތުން ނޫސްވެރިންނާއި ބައްދަލުކުރައްވާ އެމްޑީޕީ އޮފީހުގައި މިއަދު ވާހަކަދައްކަވަމުން ނަޝީދު ވަނީ ރޭގެ ޖަލްސާއަށް މީހުން މަދުން އައި ކަމަށް ގަބޫލުކުރައްވާފައެވެ. އެހެންނަމަވެސް ނަޝީދު ވިދާޅުވީ ޔަގީންކަމާއި އެކުގައި މާލެސިޓީގެ 18 ގޮނޑިވެސް އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ މިހާތަނަށް ބާއްވާފައިވާ ހުރިހާ އިންތިހާބެއްގައިވެސް މާލެސިޓީން ބޮޑު ކާމިޔާބީއެއް އެމްޑީޕީން ހޯދާފައިވާ ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ވަނީ އެ ނަތީޖާތަކަށް ބަލާ މާލެސިޓީީގެ ގޮނޑިތައް އެމްޑީޕީން ނަގާނެ ކަމަށް ވިދާޅުވި ވާހަކަ ތަކުރާރު ކުރައްވާފައެވެ.
ރޭގެ ޖަލްސާއަށް ޕާޓީގެ އާއްމު މެންބަރުން ނައި ސަބަބާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށް އެޕާޓީން ބާއްވާ އެހެން ޖަލްސާތަކާއި އަޅާ ބަލާއިރު މީހުން މަދުން ދިޔައީ މާލޭގެ ރައްޔިތުން ބޭނުންވާ ގޮތަށް މި ސަރުކާރަށްވެސް ކަންކަން ނުކޮށްދެވޭތީ ކަމަށެވެ. އަދި ވިދާޅުވީ އެކަންކަން ރަނގަޅު ކުރުމަށް ސަރުކާރާއި ކެންޑިޑޭޓުން ގުޅިގެން މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.
މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެމައްސަލަތަކަށްވެސް އަދި އެދެވިގެންވާ ހައްލެއް ލިބިފައި ނުވާކަމަށެވެ.
މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވަނީ ކައުންސިލް އިންތިހާބުގެ 60 ޕަސެންޓު ގޮނޑި އެޕާޓީން ނަގާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ