"ރުޅިފިލުވާ ކޮޓަރި"އެއް ބްރެޒީލުގައި ތައްޔާރު ކޮށްފި

ކޮރޯނާވައިރަހުގެ ވަބާ މުޅި ދުނިޔޭގައި ފެތުރިފައިވާއިރު މިކަމުގެ ސަބަބުން ނަފްސާނީ އަސަރުތައް ކުރާ މީހުން ވެސް މަދެއް ނޫނެވެ. ބައެއް މީހުންނަށް ލިބޭ މާޔޫސްކަމާއި ހިތްދަތިކަން ބަދަލުވީ ރުޅިއަށެވެ. މިގޮތަށް އަންނަ ރުޅި ކޮންޓްރޯލް ކުރުމަކީ ގިނަ މީހުންނަށް އެހާ ފަސޭހަ ކަމެއް ނޫނެވެ.
މިހާރު ބްރެޒީލްގައި މިފަދަ މީހުން "ރުޅިފިލުވާ ކޮޓަރި" އެއް ވަނީ ހަދާފަ އެވެ.
ސައު ޕޯލޯގެ ރަށްބޭރުގައި ހުރި ގުދަނެއްގެ ތެރޭގައި ހަދާފައިވާ މި ތަނުގައި ވަރަށް ވަރުގަދަ ބޮޑެތި މަރުތޭލާއި ބާވެގެން ހަލާކުވެފައި ހުރި ޓީވީ، ކޮމްޕިއުޓަރު، ޕްރިންޓަރު އަދި ތަންތަން ހަލާކުކޮށް ސުންނަފަތިކުރަން ބޭނުންކުރާ މެޝިންތަކާއި ބިއްލޫރި ފުނޑުފުނޑުކުރެވެން ވެސް ހުރެ އެވެ.
މިތަނަކީ 42 އަހަރުގެ ވެންޑަލީ ރޮޑްރިގޫޒް ކިޔާ މީހަކު ވިޔަފާރި އުސޫލުން ހުޅުވި ތަނެކެވެ. އަދި އޭނާގެ މި ވިޔަފާރި ވަރަށް ރަނގަޅު ވެސް މެއެވެ. ރުޅިގަނޑު ގަދަވެގެން އެ ރުޅި ފިލުވާލަން ބޭނުންވެގެން މިތަނަށް މިހާތަނަށް ވަރަށް ގިނަ ބަޔަކު އައިސްފައިވާ ކަމަށް ރޮޑްރިގޫޒް ބުންޏެވެ. ޚާއްސަކޮށް ކޮރޯނާވައިރަސް ޕެންޑެމިކް ތެރޭގައި މި ތަނުގެ ވިޔަފާރި ރަނގަޅުކަމަށް އޭނާ ބުންޏެވެ.
"އަހަންނަށް ހީވަނީ މިއީ އެންމެ ރަނގަޅު ދުވަސްވަރުހެން މިފަދަ ތަނެއް ހުޅުވަން. ބައެއް މީހުންނަކީ އެންޒައިޓީ އާއި ސްޓްރެސްގެ ސަބަބުން ވަރަށް ރުޅިގަދަ ވެފައި ތިބޭ މީހުން. އެމީހުން އައިސް މިތަނަށް ވަދެ ރަނގަޅަށް އެއްޗެތި ސުންނާފަތިކޮށް ވަރުބަލިވާއިރު ހުންނަނީ ރުޅިގަނޑު މައިތިރިވެފަ،" ރޮޑްރިގޫޒް ބުންޏެވެ.
ރޮޑްރިގޫޒްގެ "ރޭޖް ރޫމް" ތަޖުރިބާކޮށްލަން ބޭނުންވަނީ ހަމަ އެންމެ 4.64 ޔޫއެސް ޑޮލަރެވެ.
މިތަނަށް ވަންނައިރު ޕްރޮޓެކްޓިވް ސޫޓު ލާން ޖެހެ އެވެ. އަދި ހެލްމެޓް ވެސް އަޅަން ޖެހެ އެވެ. މިތަނަށް ވަންނަ މީހުން އެމީހުންގެ ހިތުގައި އުފެދިފައިވާ ޖަޒުބާތުތައް ފާރުތަކުގައި ލިޔެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި ހުރެ އެވެ.
ރޮޑްރިގޫޒް ބުނި ގޮތުގައި އޭނާގެ ކްލައިންޓުންގެ ތެރެއިން އެންމެ ގިނަ މީހުން ރުޅިގަދަ ވެގެން އުޅެނީ "ކުރީގެ ލޯބިވެރިޔާ"، "ކުރީގެ ފިރިމީހާ"، "ކޮރަޕްޝަން"، އަދި "ވަޒީފާގައި ޖެހޭ މައްސަލަތަކުގައި" ކަމަށެވެ.
މިތަނަށް އައިސް ރުޅިގަނޑު ފިލުވާލި އެކަކީ 40 އަހަރުގެ އެލެކްސެންޑްރަ ޑި ކާވަޅޯ އެވެ. އޭނާއަކީ އެޑްވަޓައިޒިން ދާއިރާގައި މަސައްކަތްކުރާ މީހެކެވެ. ކޮންމެ ދުވަހަކު އޮފީހަށް ދާން ކާރުގައި އޭނާ ދެ ގަޑިއިރުގެ ދަތުރެއް ކުރަން ޖެހެ އެވެ. އަދި އެނބުރި އަންނަން ވެސް އެހާ ވަގުތު ނަގަ އެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ހާސްކަން ގުޅިފައިވަނީ ސިއްހަތާ އެވެ. ޕެންޑެމިކް ތެރޭގައި ސިއްހަތަށް ވާނެ ގޮތެއް ނޭނގިގެން އޭނާ އިންތިހާއަށް ހާސްވެ އެވެ. އެހެންވެ މިތަނަށް އައިސް "ރޭޖް ރޫމް"ގައި ރަނގަޅަށް އެއްޗެތި ސުންނާފަތިކުރަން ވަގުތު ހޭދަކޮށްލުމުން އޭނާގެ ހިތަށް ވަރަށް ބޮޑަށް ލުއި ލިބިއްޖެ ކަމަށް މި މީހާ ބުންޏެވެ.
ލޫސިއާނާ ހޮލިންޑާ، 35، އަކީ ވަޒީފާއެއް ނެތި އުޅޭ ދެ ދަރިންގެ މަންމަ އެކެވެ. އޭނާ ބުނީ އައިސްފައިވާ ހުންނަ ރުޅިގަނޑު "ރޭޖް ރޫމަށް" ވަދެ ދުއްވާލަން އޭނާއަށް ހުރިހާ ގޮތަކުން ވެސް މާ ހިތްހަމަޖެހޭ ކަމަށެވެ.
"މަންމައަކަށް ވެފައި ކުދިން ތިބީމަ އެކަށީގެންވާ ގޮތަށް ވަޒީފާއެއް އަދާ ނުކުރެވޭތީ އަހަރެން ވަރަށް ބޮޑަށް ސްޓްރެސްވޭ. އަހަރެން ބޭނުމެއް ނޫން އަހަރެން އަންނަ ރުޅި ދަރިންނަށް ނުވަތަ އެނޫން ވެސް މީހަކަށް ބާލުވާކަށް. އަހަންނަކީ ރުޅިއައިމަ އެއްޗެތި ތަޅާ ސުންނާފަތިކުރަން ބޭނުންވާ މީހެއް. އެހެންވީމަ މިތަނަށް އައިސް އެއްޗެތި ސުންނާފަތިކޮށްގެން ރުޅިގަނޑު ދުއްވާލަން އެހީތެރިކަން ލިބޭ،" ލޫސިއާނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ