އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާއަކަށް އެހެން ކޯޓުތަކުން އަމަލުކުރުމަށް ބުނެފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ސުޕްރީމް ކޯޓާއި ޖުޑިޝަލް ސާވިސް ކޮމިޝަނަށް ފާޑު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދު ބޭއްވި ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމުގައި ހަސަން ވިދާޅުވީ ސުޕްރީމް ކޯޓުގެ އެ ސާކިއުލާގައި ބުނެފައިވާ އިބާރާތަށް ބަލާއިރު އެއީ އިރުޝާދެއް ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީން އެންމެ ބޮޑަށް ޝަރުއީ ދާއިރާއަށް ފާޑު ކިޔާފައި ހުންނާނީ އާބިޓްރެލަލީ ކޯޓުތަކުގެ މައްޗަށް ސުޕްރީމް ކޯޓުން ބަސް ބުނަމުންދާތީ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑަށް ފެނިގެން މިދަނީ ހަމަ އަނެއްކާވެސް ކުރިޔެކޭ އެއްގޮތަށް، އެއްވެސް ތަފާތެއް ނެތް ހަމަ ކުރިޔެކޭ އެއްގޮތަށް ސުޕްރީމް ކޯޓުން އެހެން ކޯޓުތަކުގެ މައްޗަށް އިރުޝާދު ދެމުން ލަފާ ދެމުން ކަން ކުރަންވީ ގޮތް އަންގަމުންދާ މަންޒަރު. މިއީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން،" ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ މެންބަރުން ތިއްބަވާ ބައެއް ސޯޝަލް މީޑިއާގެ ގްރޫޕުތަކަށް ވެސް ސުޕްރީމް ކޯޓުގެ ސާކިއުލާއާ އެކަމާއި ގުޅޭ ވާހަކަތައް ދެއްކުމުން އެއްވެސް ވަރަކަށް އެ ވާހަކަތައް "ވައިގަ" ހިފާ ގޮތް ނުވާ ކަމަށެވެ. ނަމަވެސް އެކަމުގައި އޭނާ ހުންނެވީ ދޫކުރައްވާ ގޮތަކަށް ނޫނެވެ. ހަސަން ލަތީފް ވިދާޅުވީ އޭނާ އެންމެ ބޮޑަށް ބޭނުންފުޅުން ވަނީ ޖުޑީޝަރީ ކޮމެޓީގެ މެންބަރުންގެ އެއްބާރުލުން ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އެމްޑީޕީގެ ސަރުކާރެއް އޮތެކޭ ކިޔާފައި ސުޕްރީމް ކޯޓުން ކުރާހާ ކަމަކަށް ލޯ މަރާލައިގެން ނުހުންނަވާނެ ކަމަށް ހަސަން ވިދާޅުވިއެވެ.
"އަޅުގަނޑު އެދެން މި ކޮމެޓީގެ މެންބަރުންގެ ކިބައިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ދަންނަވަން ކިހިނެއްތޯއޭ ތިބޭފުޅުން ތި ހައްދަވަނީ ތިތާ ތިއްބަވައިގެން. ސުޕްރީމް ކޯޓުން ސާކިއުލާތަކާއި އެއްޗެހި ނެރުއްވައިގެން ހުރިހާ ކޯޓުތަކަށް ނުފޫޒު ފޯރުވަމުން އަންނައިރު އެބޭފުޅުން އެތާ ތިއްބަވަނީ ކީއްކުރަންތޯ. މަޖިލީހުގެ ރައީސް އެބަ އިންނަވާ، މަޖިލީހުގެ މެންބަރަކު އެބަ އިންނަވާ އެތަނުގެ ރިޔާސަތުގައި. ކީއްތޯ އެ ކުރައްވަނީ އެތާ ތިއްބަވައިގެން. މި ނޭނގެނީތޯ މި އެއްޗެހި ނެރޭކަން،" އެމްޑީޕީގެ ޗެއާ ޕަސަންގެ މަގާމުގައި ވެސް ހުންނެވި ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަކަށް ކޯޓުތަކަށް ވަކި ކަމެއް ނޭނގޭނެ ކަމަށެވެ. އެހެންނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަނަށް މަޖިލީހަށް ކަންކަން އެންގޭނެ ކަމަށާއި އެހެންކަމުން ސުޕްރީމް ކޯޓުގެ އެ ސާކިއުލާ ވަގުތުން ވަގުތަށް ބާތިލް ކުރަން އެ ކޮމިޝަނަށް އެންގުމަށް ހަސަން ގޮވާލެއްވިއެވެ.
"އަޅުގަނޑުމެން ހިތުން ވަރަށް މޮޅު ވަރަށް ޑިމޮކްރެޓިކް އުސޫލުތައް ދަންނަ ބޭފުޅުން އެތަނަށް އަޅުގަނޑުމެން ލާފައި އެތިބީ. އެބޭފުޅުންގެ ވިސްނުން ކުރީގައި ތިއްބެވި ބޭފުޅުންނާއި އެއްގޮތަށް ދިޔައީމަ އަޅުގަނޑު މާ ކަންބޮޑުވޭ އިނގޭތޯ،" ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް އެފަދައިން ވިދާޅުވިއިރު ދާދިފަހުން ޖޭއެސްސީން ވަނީ އެ ކޮމިޝަނުގެ ބައްދަލުވުމެއްގައި އެކަމާއި ގުޅިގެން މަޝްވަރާ ކޮށްފައެވެ. ޖޭއެސްސީން ބުނީ ސުޕްރީމް ކޯޓުގެ އެ ސާކިއުލާގައި އެހެން ކޯޓުތައް މި ދަނޑިވަޅުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވުމަކީ ޝަރުއީ ދާއިރާގެ މުސްތަގިއްލު ކަމަށް އެކަމުގެ ސަބަބުން އަސަރުތަކެއް ފޯރާނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.
ހަސަން ލަތީފްގެ ފާޑުކިޔުން ސުޕްރީމް ކޯޓަށާއި ޖޭއެސްސީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ