މާފުށި މޮނީޓަރިން އަށް ގެންދިޔުމުން ޔާމީން ގެޔަށް ބަދަލުކޮށްދޭން އެދިއްޖެ

ކޮވިޑް-19 އާ ގުޅިގެން، ކ. މާފުށި މޮނީޓަރިންގެ ހާލަތަށް ލުމާއި ގުޅިގެން މާފުށި ޖަލުގައި ހުންނެވި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެޔަށް ބަދަލު ކޮށްދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން މާފުށި މޮނީޓަރިންގެ ހާލަތަށް ގެނެސް ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރަމުން އަންނައިރު އެ ރަށް މޮނީޓަރިން އަށް ލަފާފައިވާ އަސްލު ސަބަބު ތަފްސީލުކޮށް ބަޔާން ކޮށްދިނުމަށް އެދޭ ކަމަށެވެ.
ކުއްލި ގޮތަކަށް ރަށެއް މޮނީޓަރިން އަށް ލުމަކީ އެރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނާނެ ކަމެއްކަން ފާހަގަކުރައްވާ އެކަމުގެ ހަގީގަތް ހާމަކުރުމަށް އެ ކޯލިޝަނުން ވަނީ ގޮވާލައިފައެވެ.
މާފުށި މޮނީޓަރިންގެ ހާލަތަށް ގެނައިރު މިވަގުތު މާފުށި ޖަލުގެ ހާލަތެއް ވެސް ނޭނގޭކަން ބަޔާންކޮށް ކަންބޮޑުވުންފާޅު ކުރައްވާ ޕީޕީއެމް އަދި ޕީއެންސީން ގުޅިގެން ނެރެފައިވާ ނޫސްބަޔާނުގައި ބުނީ މާފުށި ޖަލުގައި މިވަގުތު ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ މިންވަރު އެނގެން ނެތުމަކީ އެ ކޯލިޝަންގެ ކަންބޮޑުވުމެއް ކަމަށެވެ. އަދި މާފުށި މޮނިޓަރިންގެ ހާލަތުގައި އޮއްވާ ރައީސް ޔާމީންގެ ލޯޔަރުންނާއި އެމަނިކުފާނާއި ބައްދަލުވުމަށް އޮތް ފުރުސަތު ވެސް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެމަނިކުފާނު ގެއަށް ބަދަލު ކޮށްދިނުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.
މާފުށި މޮނީޓަރިންގެ ހާލަތަށް ލުމުން ރައީސް ޔާމީން ގެޔަށް ބަދަލު ކޮށްދިނުމަށް އިދިކޮޅުން އެދުނުއިރު ރައީސް ޔާމީން ގެޔަށް ބަދަލު ކޮށްދިނުމުގެ ކަންކަން އަވަސް ކޮށްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ގޮވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ