މެމްބަރު ގައުމުތަކަށް ފީފާއިން އެހީވުމަށް ނިންމައިފި

ފެޑެރޭޝަން އޮފް އިންޓަނޭޝަނަލް ފުޓްބޯޅަ އެސޯސިއޭޝަން (ފީފާ) ގެ މެމްބަރު ގައުމުތަކަށް އެހީގެ ގޮތުގައި 150 މިލިއަން ޑޮލަރު ބަހާލުމަށް ނިންމައިފި އެވެ. ދުނިޔޭގެ ފުޓުބޯޅައާއި ބެހޭ މައި އިދާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގައުމުތަކުގެ ފުޓުބޯޅަ އެސޯސިއެޝަންތައް ހިންގުމަށް ދެވޭ ފައިސާގެ އިތުރުން މެމްބަރު 211 ގައުމަކަށް މާލީ އެހީތެރިވާން ނިންމާފައިވާ ކަމަށެވެ. އެގޮތުން ފީފާގެ މެމްބަރު ކޮންމެ އެސޯސިއޭޝަނަށް ހިންގުމުގެ ހަރަދުތަކުގެ އިތުރުން 500،000 ޑޮލަަރުގެ އެހީ ލިބޭނެ ކަމަށް ފީފާއިން ވަނީ ބުނެފަ އެވެ. ފީފާއިން މެމްބަރު އެސޯސިއޭޝަންތަކަށް މީގެ ކުރިން ފައިސާ ރައްދު ކުރަމުން އައީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ޕޭމަންޓް އަހަރު ފެށޭ ދުވަސްކޮޅު ހަވާލު ކުރާއިރު ދެވަނަ ޕޭމަންޓް ހަވާލު ކުރާނީ ޖުލައި މަހު އެވެ. އެކަމަކު މިފަހަރުގެ ދެވަނަ ޕޭމަންޓް އަވަސް ދިނުމަށް ނިންމާފައިވާ ކަމަށާއި، މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން އެސޯސިއޭޝަންތަކަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށް ފީފާއިން ވަނީ ބުނެފަ އެވެ. "މި ވަބާގެ ސަބަބުން މުޅި ފުޓުބޯޅަ ކޮމިއިނުޓީއަށް ވެސް މިވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައި. ދުނިޔޭގެ ފުޓުބޯޅައިގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން ފީފާއިން މިތިބީ މިވަގުތު ޖެހިފައިވާ ދަތި ހާލުން މެމްބަރު އެސޯސިއޭޝަންތަކަށް އެހީވުމަށް ތައްޔާރަށް،" ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ ވިދާޅުވެފައިވެ އެވެ. އިންފަންޓީނޯ ވިދާޅުވީ، ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކޮށްގެން ފުޓުބޯޅައަށް ލިބެމުންދާ ގެއްލުންތައް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި އެކަންކަމުން އަރައިގަތުމަށް ބޭނުންވާނެ މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރސަމުންދާ ކަމަށް އިންފަންޓީނޯ ވަނީ ވިފދާޅުވެފަ އެވެ. ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅު ތަކާ އެކު ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ 2019/2020 ވަނަ އަހަރުގެ ސީޒަނުގެ ބާކީބައި ކެންސަލް ކޮށްފައެވެ. އެގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ސީޒަނުގައި ކުރިއަށްދިޔަ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށްފައެވެ. އެފްއޭ ކަޕް ކެންސަލްކުރީ ކުއާޓާ ފައިނަލް މެޗުތައް ކުޅުނު ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ