ޔާމީން 2018 ފުޓްސަލް މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް ފަސްކޮށްފި

އައްޑޫ ސިޓީ ފޭދޫގައި މިހާރު ކުރިއަށްދާ ޔާމީން 2018 ފުޓްސަލް ޗެލެންޖްގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް ފަސްކޮށްފި އެވެ.
މިމުބާރާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދޭގޮތުގައި، މިރޭގެ މެޗުތައް ފަސްކުރަންޖެހުނީ ރާއްޖެއަށް އަދި އައްޑޫއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ކަމަށެވެ. މިރޭގެ މެޗުތައް ފަސްކުރަން ޖެހުމުން ޝެޑިއުލްއަށް ކުޑަ ބަދަލެއް އައިސްފައިވެއެވެ. މިމެޗުތައް ކުޅުމަށް ހަމަޖެހިފައިިވަނީ މާދަމާރޭ އެވެ.
މިމުބާރާތުގައި މިރޭ ތިން މެޗެއް ކުޅުމަށް ކުުރިން ހަމަޖެހިފައިވެއެވެ. އެއީ ގްރޫޕް އޭގައި ޒެފިއާ މޭޓްއާއި ޗެމްޕިއަން ޓީމު ބައްދަލުކުރާ މެޗާއި، ގްރޫޕް ބީގައި އަބާނި އާއި ހަފުސް ބައްދަލުކުރާ މެޗާއި، ގްރޫޕް ސީގައި މައިލޯ ސިޓީ އެފްސީއާއި ޑީސީ ސްޕޯޓްސް ބައްދަލުކުރާ މެޗެވެ.
މިދިިޔަ ހުކުރު ދުވަހު ފެށުނު މިމުބާރާތުގައި ޖުމްލަ 15 ޓީމް ބައިވެރިވެފައިވާއިރު، އެޓީމްތައް ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިފަ އެވެ. ގްރޫޕް އޭގައި ހިމެނެނީ ނައޯނާ ސްޓްރީޓާއި، ރޮޗެސްޓާއާއި، ޒެޕިއާ މައްޓޭ އަދި ޗެމްޕިއަން ޓީމެވެ.
ގްރޫޕް ބީގައި ހިމެނެނީ ޔުނައިޓެޑް ފޭދޫއާއި، ސްކަލް ސިޓީއާއި، އަބާނީ އަދި ހަފުސް އެވެ. ގްރޫޕް ސީގައި އެފްސީ އެމްޕީ، އެފްއާރްޓީ، މައިލޯ ސިޓީ އެފްސީ އަދި ޑީސީ ސްޕޯޓްސް ހިމެނޭއިރު، ގްރޫޕް ޑީގައި ހިމެނެނީ މޯނިންގް ސްޓާ އެފްސީ، އެފްސީ ޒިރަފޮން އަދި ގޯދިޔާ އެވެ.
މިމުބާރާތަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ވައިސް ކެޕްޓަން މުހައްމަދު އާރިފް (ބަކާ)ގެ އިސްނެގުމާއެކު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޒުވާނުންނަށްޓަކައި ކޮށްދެއްވަމުންދާ މަސައްކަތްޕުޅުގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.
މިމުބާރާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދޭ ގޮތުގައި މުބާރާތް ކުރިއަށްދަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާއި އެމަނިކުފާނުގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް (މެޑަމް ފާތުން)ގެ ބޮޑު އެއްބާރުލެއްވުމަކާއެކުގައި ކަމަށެވެ.
ޔާމީން 2018 ފުޓްސަލް ޗެލެންޖްގެ މީޑިއާ ޕާޓްނަރަކީ “ވަގުތު” އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ