ގާސިމް އެހުރީ އަމިއްލައަށް އެރުވިގެންފަ - ސަންދާނު އަހައްމައިދީ

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބުރާހިމް އެ ހުންނެވީ އަމިއްލަ އެރުވިގެންފައި ކަމަށް ސަންދާނު އަހައްމައިދީ ވިދާޅުވެއްޖެއެވެ.
މިއަދު އަދާލަތު ޕާޓީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަންދާނު އަހައްމައިދީ ވިދާޅުވީ ރަސްމީކޮށް އިއުލާންކޮށްފައިނުވި ނަމަވެސް ގާސިމް އިބުރާހިމް މިހާރު އެ ހުންނެވީ އަމިއްލައަށް ރާއްޖެއިން ބޭރަށް އެރުވިގެންފަ ކަމަށެވެ.
"ޖޭޕީގެ ލީޑަރަކީ ހުރިހާ މީހުންނަށްވެސް ވަރަށް ދީލަތި އެހީ ދެއްވަމުންދިޔަ ބޭފުޅެއް. އެބޭފުޅާ މިހާރު އެހުރީ އަޅުގަނޑުމެންނަށް ރަސްމީކޮށް ނޭނގު ނަމަވެސް އަޅުގަނޑުމްނެގެ ވެސް ބުއްދި ހުންނަނީ ކޮންމެވެސް ކަމަކު. ބުއްދިން ވިސްނާލުމުން އަޅުގަނޑުމެންނަށް އެބަ އެނގޭ އަމިއްލައަށް ބިރުން މި ގައުމުގައި ހުންނަން ނުކެރެގިން އަމިއްލައަށް އެހުރީ އެރުވިގެންފަ" ސަންދާނު އަހައްމައިދީ ވިދާޅުވިއެވެ.
އެހެންކަމުން ޖޭޕީގެ ހުރިހާ މެންބަރުންވެސް އަންނަ ހުކުރު ދުވަހު އަނިޔާވެރިކަން ނިންމަން ނިކުނަންޖެހޭ ކަމަށާއި ޤައުމީ ހަރަކާތުން ބާއްވާ މުޒާހަރާގައި ޖޭޕީގެ ހުރިހާ މެންބަރުން ބައިވެރިވާންޖެހޭނެ ކަމަށް ސަންދާނު އަހައްމައިދީ ވިދާޅުވިއެވެ.
ހަމައެފަދައިން ކުރީގެ ރައީސް ނަޝީދަށް ދެމުންގެންދާ އަނިޔާތަކާ ދެކޮޅަށް، އެ އަނިޔާވެރިކަން ހުއްޓުވުމަށް އެމްޑީޕީގެ ހުރިހާ މެންބަރުންވެސް ހުކުރު ދުވަހު މަގު މައްޗަށް ނިކުންނަންޖެހޭނެ ކަމަށް އަހައްމައިދީ ވިދާޅުވިއެވެ.
"ޝެއިހް އިމްރާންނަށް އެ ލިބެމުންދާ އަނިޔާއާ ދެކޮޅަށް އަދާލަތު ޕާޓީގެ މެންބަރުންވެސް ނިކުންނަޖެހޭ" އަހައްމައިދީ ވިދާޅުވެއްޖެއެވެ.
އަހައްމައިދީ ވިދާޅުވީ އެ ފަރާތްތަކުން މަސައްކަތް ކުރަނީ ޤައުމުގައި ހަމަނުޖެހުން އުފައްދަން ނޫން ކަމަށާއި މި މުޒާހަރާކުރުމަށް ޤާނޫނުން ތަންދޭ ކަމަށެވެ.
"އެކަކު އަނެކަކު ކައިރިން ހިތްވަރު ލިބިގެން އަޅުގަނޑުމެންގެ މޫނު ދައްކާލަން އެބަޖެހޭ ބައިވެރިވެލަން އެބަޖެހޭ. އަޅުގަނޑު ދިވެހި ރައްޔިތުންގެ އަރިހުގައި ބުނެލަން ބޭނުންވަނީ މިކަމުގައި ބައިވެރިވާށޭ މިއީ ގައުމީ ކަމެކޭ" އަހައްމައިދީ ވިދާޅުވިއެވެ.
ގައުމީ ހަރަކާތުން އަންނަ ހުކުރު ދުވަހު ބޮޑު އެއްވުމަކަށް ތައްޔާރުވެފައިވާއިރު އެ ހަރަކާތުން ނިންމާފައިވަނީ މަޖީދީ މަގުގައި އިށީނދެ ތިބެ ޝުއޫރު ފާޅުކުރުމަށެވެ. އަދި ރޭގަނޑު މުޒާހަރާއަށް ނިކުތުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ