ރައީސް ޔާމީނާއި ގޭންގްތަކާއި އެއްވެސް ގުޅުމެއް ނެތް - މިނިސްޓަރު އުމަރު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ގޭންގްތަކާއި ގުޅުމެއް ނެތް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ގަމު ދާއިރާގެ އެމްޑީޕީ މެންބަރު ފައްޔާޒް އިސްމާއިލް، މިނިސްޓަރާއި ކުރެއްވި ސުވާލުގައި ވިދާޅުވީ މީގެކުރިން ތަފާތު އެކި އެކި ފޯރަމްތަކުގައި ރައީސް ޔާމީނަކީ ގޭންގްތަކާއި ގުޅުން ހުރި ބޭފުޅެއް ކަމަށް މިނިސްޓަރު އުމަރު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެއީ ކިހާވަރެއްގެ އޮއްޓަރެއް ހުރި ވާހަކައެއްތޯ މެންބަރު ސުވާލުކުރެއްވި އެވެ.
"އަޅުގަނޑުގެ ސުވާލަކީ އެކި އެކި ފޯރަމްތަކުގައި މަނިކުފާނު ވިދާޅުވެފައި އެބަހުރި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކްރިމިނަލް ގޭންގްތަކުގެ އިންވޯލްމަންޓެއް އޮންނަ ކަމަށް، އަޅުގަނޑުގެ ސުވާލަކީ މިއީ ކިހާވަރެއްގެ އޮއްޓަރެއް ހުރި ވާހަކައެއްތޯ؟" މެންބަރު މިނިސްޓަރާއި ސުވާލުކުރެއްވި އެވެ.
"އެ ސުވާލުގެ ޖަވާބުގައި އަޅުގަނޑު ދަންނަވާނީ، ރައީސް އަބްދުﷲ ޔާމީނަކީ އެއްވެސް ގޭންގަކާއި ގުޅުން ހުރި ބޭފުޅެއް ނޫނޭ." މެންބަރުންގެ ސުވާލަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
އުމަރު މިހެން ވިދާޅުވި ނަމަވެސް މިދިޔަ އަހަރު ބޭއްވި ޕީޕީއެމްގެ ޕްރައިމަރީގައި އުމަރު ނަސީރު ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީީސް ޔާމީނަކީ ގޭންގްތަކާ ގުޅުން އޮންނަ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. އަދި އުނގޫފާރު ދާއިރާ ކުރީގެ މެންބަރު ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ބައިވެރިވި މީހަކާއި ރައީސް ޔާމީން ބައްދަލުކުރެއްވި ކަމަށް އުމަރު ތުހުމަތުކުރެއްވި އެވެ.
ނަމަވެސް ރިޔާސީ ކެމްޕެއިންގެ ތެރޭގައި ރައީސް ޔާމީން ވަނީ އުމަރުގެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ