ފެނަކައިގެ އެންމެ ބޮޑު ކާމިޔާބީއަކީ 24 ގަޑިއިރު ކަރަންޓް ޔަޤީންކޮށްދޭކަން: ޝަރީފް

ރާއްޖެތެރޭގަ ރަށްތަކަށް ކަރަންޓްގެ ޚިދުމަތް ދިނުމަށްޓަކައި ސަރުކާރުކުން އުފައްދާފައިވާ ކުންފުނި، ފެނަކައިގެ އެންމެ ބޮޑު ކާމިޔާބީއަކީ އެކުންފުނިން ޚިދުމަތްދޭ ރަށްތަކަށް 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ދެވޭކަން ކަމަށް ކުންފުނީގެ ސީއީއޯ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައިއިރު ރާއްޖޭގެ 90 އިންސައްތަ ރަށްތަކަށް 24 ގަޑިއިރު ކަރަންޓް ނުލިބޭ ކަމަށާއި އަދި ލިބޭ ރަށްރަށަށް ކަރަންޓް ލިބެނީ ވެސް ވަރަށް ގިނަ ދަތިތަކާއި އަދި މައްސަލަތަކާއިއެކުގައި ކަމަށެވެ.
ޝަރީފް ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައުމާއިއެކު އެންމެ އިސްކަންދިން އެއް ކަމަކީ ހުރިހައި ރަށަކަށް ރަނގަޅު ފެންވަރުގައި ކަރަންޓްގެ ޚިދުމަތް ދިނުން ކަމަށްވާތީ ރާއްޖޭގެ ހުރިހައި ރަށަކަށް މިހާރު ވަނީ 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސާފައި ކަމަށެވެ.
ޝަރީފް ވިދާޅުވީ ކަރަންޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެކުންފުނިން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރަށްރަށުގައި އަޅާފައިވާ ގިނަ ދުވަސްވީ ކޭބަލްތައް ރަނގަޅުފެންވަރުގެ ކޭބަލްތަކަށް ބަދަލުކުރުމުގެ މަސައްކަތާއި އަދި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެހެން ސަރަހައްދުތަކަށް ބަދަލުކުރުން ފަދަ މަސައްކަތްތައް މިހާރުވެސް ދަނީ ކުރެވެމުން ކަމަށެވެ.
ސަރުކާރުން ވަނީ ފެނަކައިގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް 150 މިލިއަން ރުފިޔާގެ ލޯނެއް ހަމަޖައްސައިދީފައެވެ.
ފެނަކައަށް ވަނީ ވަރަށް ބޮޑު ދެ ގެއްލުމެއް ލިބިފައެވެ. އެއީ ގދ. ތިނަދޫ އިންޖީނުގޭގައި ބައަކު ހުޅުޖަހައި އަންދާލުމުންނާއި ޑޮލަރު ގަތުމުގެ ނަމުގައި 17 މިލިއަން ރުފިޔާގެ ވަގު ޗެކެއް ފެނަކައަށް ދިނުމަށްފަހު ކުންފުނިން ފައިސާ ނެގުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ