ނަޝީދުގެ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން: ގާސިމް

ސީރިއާ އާއި އިރާގުގައި ހިނގާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވި ބައެއް ދިވެހީން އެނބުރި ރާއްޖެ އައިސް، ދިވެހި ސަލާމަތީ ބާރުތަކުގެ ތެރޭގައި ޚިދުމަތް ކުރާ ކަމަށް ބުނެ ކުރީގެ ރައީސް މަހުއްމަދު ނަޝީދު ދެއްކެވި ވާހަކަފުޅު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އިންޑިއާގެ "ޓައިމްސް އޮފް އިންޑިއާ" ނޫހުގައި މިއަދު ޝާއިއުކޮށްފައިވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ސީރިއާއާއި އިރާގުގައި ހަނގުރާމަކުރުމަށް ދާ ބައެއް މީހުން އެނބުރި ރާއްޖެ އައިސް، ފުލުހުންނާއި ސިފައިންގެ އިތުރުން ކަސްޓަމްސްއާއި އިމިގްރޭޝަނުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަށް ރައްދު ދެއްވައި ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން ޖަރުމަނު ވިލާތުގައި ހުންނެވި ގާސިމް މިރޭ ވިދާޅުވީ ފުލުހުންގެ ތެރޭގައި ޓެރެރިސްޓުން ތިބި ކަމަށް ބުނެ ނަޝީދު ދެއްކެވި ވާހަކަފުޅަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ. "އަޅުގަނޑު އެވާހަކަތައް ކުށްވެރިކުރަން. މަނިކުފާނު އެ ހެއްދެވީ ވަރަށް ބޮޑު ގޯހެއް. އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން. އެއީ ގައުމުގެ އިސްތިގްލާލަށާއި މިނިވަންކަމަށް ބުރޫއަރާފާނެ ކަމެއް އަދި ގައުމުގެ ރެސްޕެކްޓާއި އިހްތިރާމަށް ވަރަށް ބޮޑަށް ގެއްލުން ލިބިދާނެ ކަމެއް. އެހެންވީމަ އަޅުގަނޑު އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ރައީސް ނަޝީދު ހިމެނޭ ގޮތަށް އިދިކޮޅު ތިން ލީޑަރަކާ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ގާސިމް އިބްރާހިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ މީގެ ދުވަސްކޮޅެއް ކުރިން ބޭރުގެ މިލިޓަރީ ފަރާތްތަކުން ރާއްޖެ އައުމަށް ރައީސް ނަޝީދު ގޮވާލާފައިވާތީ އެކަން ވެސް ކުށްވެރިކުރާ ކަމަށާއި އެއްވެސް ހާލެއްގައި ބޭރުގެ ހަތިޔާރު އެޅި ފަރާތްތަކުން ރާއްޖެ އެރުމަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށެވެ. "އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ސިފައިންނާއި ފުލުހުން މިކަންކަން ހަމަމަގަށް އަޅުވައި ދޭނެ. އަޅުގަނޑުމެނަށް ފެންނަނީ ވެސް ހަމަމަގަށް އަޅުވައިދީފަ ހުރިތަން މީގެ ކުރީގައި ވެސް އަދި ފަހުން ވެސް. އަދި މާދަމާ ވެސް އެބޭފުޅުން ހަމަމަގަށް އަޅުއްވައިދެއްވާނެ،" ބޭސްފަރުވާއަށް ކަމަށް ބުނެ ޖަރުމަނު ވިލާތުގައި ހުންނެވި ގާސިމް ވިދާޅުވިއެވެ. ފުލުހުންނާއި ސިފައިންގެ ތެރޭގައި ޓެރެރިސްޓުން ނޫޅޭނެކަން ފާހަގަކޮށް ގާސިމް ވިދާޅުވީ އެ ދެ މުއައްސަސާގައި ތިބީ ސަތޭކަ ޕަސެންޓް ދިވެހިން ކަމަށާއި އެއްވެސް ފަރާތަކުން އެ ދެ މުއައްސަސާގެ އަގުވައްޓާލުމަށް ވާހަކަ ދައްކައިގެން ނުވާނެ ކަމަށެވެ. ގާނޫނާ ހިލާފަށް ސަލާމަތީ ބާރުތަކަށް ކުރާ އަމުރުތަކަށް އެފަރާތްތަކުން ކިޔަމަން ނުވާނެ ހިސާބައް ދިއުމުން އެކަން އެ ފަރާތްތަކުން ކުރައްވާނެ ކަމަށް ގާސިމް ފާހަގަކުރެއްވިއެވެ. އަދި އެވަގުތާ ހަމައަށް ކެތްތެރިވުމަށް ގާސިމް ވަނީ ގޮވާލައްވާފައެވެ. ރައީސް ނަޝީދުގެ ވާހަކަފުޅު ދޮގުކޮށް ފުލުހުން ވެސް ވަނީ މިއަދު ބަޔާނެއް ނެރުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ