އިސްރާއީލް ރައްޔިތުން އައިއެސް އާއި ގުޅިގެން ހަނގުރާމަކުރަނީ

އިރާގާއި ސީރިއާގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުން އަންނަ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިންނާއި ގުޅިގެން އިސްރާއީލް ބައެއް ރައްޔިތުން ހަނގުރާމަކުރަމުންދާ ކަމަށް އިސްރާއީލްގެ މީޑިއާތަކުން ފުރަތަމަ ފަހަރަށް ހާމަކޮށްފި އެވެ.
އިސްރާއީލްގެ މަޝްހޫރު ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިސްރާއީލްގައި ބުނެފައިވަނީ އިސްރާއީލަށް އުފަން އަރަބި ދަރިކޮޅު 10 މީހަކު އެގައުމު ދޫކޮށް އައިއެސް އާއި ގުޅިގެން ހަނގުރާމަ ކުރަމުންދާ ކަމަށެވެ.
އަދި ދުނިޔޭގެ އެކި ގައުމުތަކުގެ ރައްޔިތުން ހައްދުފަހަނަ އަޅާފައިވާ ހަނގުރާމަވެރި ޖަމާއަތާއި ގުޅިގެން ހަނގުރާމަކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި ޔޫރަޕްގެ ގައުމުތަކުގެ ރައްޔިތުން ވެސް ހިމެނޭ ކަމަށް އެ ނޫހުން ފާހަގަކޮށްފައިވެ އެވެ.
އިސްރާއީލްގެ ނޫހެއް ކަމަށްވާ ޔިދިއޮތު އަހްރޮނިތުގައި ވަނީ ސީރިއާގައި ހަނގުރާމަކުރަމުން އަންނަ އިސްރާއީލްގެ ރައްޔިތެއް ކަމަށްވާ ރަބިއްޔާ ޝަހަދޭގެ 26، ގެ މައުލޫމާތު ހާމަކޮށްފައެވެ. ސީރިއާގައި އޭނާއަށް ކިޔައި ނަމަކީ އަބޫ މޫސާވް އަލާސުފްރީ އެވެ.
އެ ނޫހުން ބުނީ ޝަހާދޭ ހައްދުފަހަނައަޅައި ދިއުމުގެ ކުރިން އޭނާގެ ރައްޓެހިންގެ ގޮތުގައި ޔަހޫދީންނާއި ކްރިސްޓިއަނުންނާއި އެކު ގާތް ގުޅުމެއް ބާއްވަމުން ދިޔަ ކަމަށާއި ހަނގުރާމަ ކުރަން ޝަހާދޭ ސީރިއާއަށް ގޮސްފައިވަނީ އަނބިމީހާ އާއި ދަރިފުޅު ވެސް ދޫކޮށްލުމަށްފަހު ކަމަށެވެ.
ޝަހާދޭ އާއި އެކު ހައި ސްކޫލްގައި ކިޔެވި މީހަކު ބުނީ ޝަހާދޭއަކީ ކްލާހުގައި ތިބި މޮޅެތި މީހުންގެ ތެރޭގައި ފާހަގަކޮށްލެވޭ މީހެއް ކަމަށާއި އެގޮތުން ހުރިހާ މާއްދާއަކުން ވެސް ޝަހާދޭ މަތީ ވަނަތައް ހާސިލްކުރަމުންދިޔަ ކަމަށެވެ.
"ޝަހާދޭއަކީ ރަނގަޅު މިޒާޖެއްގެ މީހެއް، އެއްވެސް މީހަކު ދެރަވާ ގޮތަކަށް އޭނާ ކަންތައްތަކެއް ނުކުރާނެ، އޭނާ ޔަހޫދީންނާއި އެކު ވެސް ގާތް ގުޅުމެއް ބާއްވާނެ." އެމީހާ ބުންޏެވެ.
ޝަހާދޭއަކީ ސީރިއާއަށް ދިއުމުގެ ކުރިން މޮޅު އިންޖީނިއަރެކެވެ.
ޝަހާދޭގެ ވީޑިއޯއެއް މިހާރު އާންމުވެފައިވާއިރު އޭނާ ބުނެފައިވަނީ އައިއެސް އާއި ގުޅިފައިވަނީ މީގެ މަސްތަކެއް ކުރިން ފޭސްބުކް މެދުވެރިކޮށް ބަޔަކާއި ވާހަކަދައްކައިގެން ކަމަށާއި އައިއެސް އާއި ގުޅިގެން ސީރިއާގައި ހަނގުރާމަކުރަމުންދާ ކަން ކަށަވަރުކޮށްދޭން ބޭނުންވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ