އެމްޑީޕީއަށް ހަމަލާ ދެނީ ޕީޕީއެމްއަކުން ނޫން - މައުމޫން

މިފަހަކަށް އައިސް އެމްޑީޕީގެ ޖަލްސާތަކަށާއި އޮފީސްތަކަށް ދޭ ހަމަލާތަކަކީ ޕީޕީއެމްގެ ފަރާތުން ހިންގަމުން އަންނަ ކަމެއް ނޫން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އދ.މާމިނގިލިން ޕީޕީއެމްއާ ގުޅުނު 104 މެމްބަރެއްގެ މެމްބަރޝިޕް ފޯމު ހަވާލުކުރުމަށް މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، މައުމޫން ވިދާޅުވީ އެފަދަ ޢަމަލުތަކަކީ ޕީޕީއެމްއިން ކުރާ ކަމެއް ނޫން ކަމެވެ.
"އެއީ ޕީޕީއެމްއިން ކުރާ ކަމެއް ނޫން. އެކަން އަޅުގަނޑަށް ޔަޤީން. އެއީ ޕީޕީއެމްގެ އެއްވެސް މެމްބަރަކު ބައިވެރިވެގެން ކުރި ކަމެއް ނޫން. އަދި ކުރާނެ ކަމެއްވެސް ނޫން. އަޅުގަނޑުމެންނަކީ ސުލްހަވެރިކަމާ އެކު ކަންކަން ކުރިޔަށް ގެންދާ އަދި އެކަމަށް ގޮވާލާ ބައެއް. ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވިޔަސް ބައިވެރިވާނީ ސުލްހަވެރިކަމާ އެކު އަމަން އަމާންކަމާ އެކީގައި،" މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ، ޕީޕީއެމްއިން ސިޔާސީ ހަރަކާތް ހިންގާނީ ޤާނޫނީ އިމުގެ ތެރެއިން، މީހުންނާއި ތަންތަނަށް ގެއްލުން ވާނެ ގޮތެއްގެ މަތިން ނޫން ކަމަށެވެ.
"ޤާނޫނާ ޚިލާފަށް ކަމެއް ނުކުރާނަން މި ޕާޓީއަކުން. މީހަކަށް ގެއްލުމެއް ނުދޭނަން. ތަނަކަށް ނާރާނަން. އިމާރާތަކަށް ވެސް ހަމަލާއެއް ނުދޭނަން. ޕީޕީއެމްއަކީ ސުލްހަވެރި އަމާން ޕާޓީއެއް،" މައުމޫން ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެމްޑިޕީއަށް ދެމުންދާ ހަމަލާތައް ދެނީ ކޮން ބައެއް ކަމެއް ނޭނގެންޏާ، އެމީހުން އެކަމެއް ކުރި މަޤްސަދު ވެސް ނޭނގޭނެ ކަމަށެވެ.
"އަޅުގަނޑު އެއްވެސް ފަރާތަކަށް މި ޢަމަލު ތުހުމަތެއް ނުކުރަން. އެކަން ތަހްޤީޤު ކުރާފަރާތްތަކުން ތަހްޤީޤު ކުރައްވާފައި ވިދާޅުވާނެ ކޮންބައެއް ކުރި ކަމެއްތޯ. އެއީ އެކަމަކު ޕީޕީއެމްގެ ކަމެއް ނޫން،" މައުމޫން ވިދާޅުވިއެވެ.
އެމްޑީޕީއިން އައްޑޫ ސިޓީ ފޭދޫގައި ބޭއްވި ޖަލްސާގެ ތެރެއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަނީ ވަދެ، ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފައެވެ. އަދި އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ އޮފީހުގައި ރޯކޮށްލާފައިވާ އިރު، އެމްޑީޕީގެ އިދާރީ މައި އޮފީހުގައި ވެސް މީގެ ކުރިން ވަނީ ހުޅުޖަހައި، އެތަނުގެ ބިއްލޫރިތައް ތަޅާލާފައެވެ.
އެމްޑީޕީއިން ބުނެފައި ވަނީ، މި ޢަމަލުތައް ހިންގަނީ، ސަރުކާރުން ވެސް އެބައެއް ދެކެ ޖެހިލުންވާ "ތިންވަނަ" ފަރާތަކުން ކަމަށާއި، އެފަރާތާ މެދު ބަދުބަހެއް ބުނެފި ނަމަ ސަރުކާރު ވެއްޓޭނެ ކަމުގެ ބިރު ސަރުކާރަށް ހީވާ ކަމަށެވެ. ނަމަވެސް މި "ތިންވަނަ ފަރާތަކީ" ކޮން ބައެއް ކަމެއް އެމްޑީޕީއިން ވެސް ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ