އަބްދުﷲ ސައީދާއި އަލީ ހަމީދު ދޮޅު އަހަރަށް ޖަލަށްލުމަށް އިއްވި ހުކުމް އިސްތިއުނާފަށް ހުށަހަޅައިފި

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި މައްސަލަ އިސްތިއުނާފް ކުރުމަށް ހައިކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
މި ދެ ބޭފުޅުންގެ އިތުރުން ރައީސް މައުމޫން ވެސް އެއް އަހަރާއި ހަތް މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އަބްދުﷲ ސައީދާއި އަލީ ހަމީދު މިމައްސަލަ އިސްތިއުނާފް ކުރަން ހުށަހެޅުއްވި ނަމަވެސް ރައީސް މައުމޫން މިމައްސަލަ އިސްތިއުނާފް ކުރަން ހުށަހެޅުއްވި ކަމެއް އަދި އެނގިފައެއް ނުވެ އެވެ.
ރައީސް މައުމޫނާއި އަބްދުﷲ ސައީދާއި އަލީ ހަމީދު އެއް އަހަރާއި ހަތް މަހަށް ޖަލަށް ލުމަށް މިމަހުގެ 13 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކުރީ ދައުލަތުން މި ތިން ބޭފުޅުންގެ މައްޗަށް ދައުވާކުރި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.
މި ތިން ބޭފުޅުންގެ މައްޗަށް މިދައުވާ އުފުލީ މި ތިން ބޭފުޅުން މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ހައްޔަރުކުރުމަށްފަހު މިބޭފުޅުންގެ ފޯނު ދޭން އެދުމުން އެކަމަށް އިންކާރު ކުރެއްވި ކަމަށް ބުނެ އެވެ.
މިތިން ބޭފުޅުން އެއް އަހަރާއި ހަތް މަހަށް ޖަލަށް ލުމުގެ އިތުރަށް މި ތިން ބޭފުޅުންނަށް ދީނީ ނަސޭހަތް ދިނުމަށް ދީފައިވާ ހުއްދަ އާއި ގާނޫނީ ވަކީލު ކަމުގެ ހުއްދަ ވެސް ބާތިލްކުރަން ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އަބްދުﷲ ސައީދުގެ މައްޗަށް ތަފާތު ތިން ދައުވާއެއް ސާބިތުވެ އެމަނިކުފާނަށް ޖުމްލަ ތިން އަހަރާއި އެއް މަހުގެ ޖަލު ހުކުމް އިއްވާފައިވާއިރު އަލީ ހަމީދަށް ތަފާތު ދެ ދައުވާއެއ ސާބިތުވެ ދެ އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ ފިޔަވާ އިތުރު ދައުވާއެއް ރައީސް މައުމޫންގެ މައްޗަށް އަދި ސާބިތުވެފައެއް ނުވެ އެވެ.
ސަރުކާރުން ވައްޓާލުމަށް މަސައްކަތް ކުރުމުގެ ތުހުމަތުގައި ރައީސް މައުމޫނާއި އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފަ އެވެ. މިމައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ފަށާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ