ކަރަންޓުގެ ހާދިސާ ހިނގި ގޮތް ތަހްޤީޤްކުރާނަން- ފެނަކަ

ގއ. ވިލިނގިލީގައި ކަރަންޓު ކޭބަލެއް ގުޅުވުމުގެ މަސައްކަތްކުރަމުންދަނިކޮށް ކަރަންޓުގައި ޖެހިގެން މީހަކު މަރުވި ހާދިސާ ހިނގަން މެދުވެރި ސަބަބު ބަލާނެކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން ހާމަކުރައްވައިފިއެވެ. މިރޭ ހިނގި މިހާދިސާގައި ނިޔާވެފަިއވަނީ ފެނަކަ ކޯޕަރޭޝަންގެ ވިލިނގިލީ ބްރާންޗުގައި ވަޒީފާ އަދާކުރަމުންދިޔަ ޓެކްނީޝަން އަޙުމަދު ތައުފީޤްއެވެ. ފެނަކަ ކޯޕަރޭޝަނުން މިރޭ ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، މިހާދިސާ ހިނގަން މެދުވެރިވީ ވިލިނގިލީގައި މަގުހެދުމުގެ މަސައްކަތުގެ ތެރޭގައި ބުރިވެފައިވާ ކޭބަލެއް ޖޮއިންޓްކުރަން އުޅުމުގެ ތެރޭގައި ފޮޓޯސެލް ސުވިޗް އޮންވެގެން ކޭބަލްއަށް ކަރަންޓް އައިސްގެންކަމަށެވެ. ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ، މިމައްސަލަ ތަހްޤީޤްކުރުމަށް ޕޮލިހަށް މިހާރު ހުށަހަޅާފައިވާކަމަށާ އަދި މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އެކުންފުނީގެ ފަރާތުންވެސް ތަހްގީޤްކުރާނޭކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ހިތާވެރި ހާދިސާތައް ނުހިނގާނޭ ގޮތަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަމުންދާނޭކަމުގެ ޔަޤީންކަންދޭކަމަށްވެސް ފެނަކައިގެ ބަޔާނުގައިވެއެވެ. އެކުންފުނީގެ ބަޔާނުގައި ކަރަންޓުގައި ޖެހިގެން ނިޔާވި އަހުމަދު ތައުފީޤަކީ އަހްލާޤް ރަނގަޅު، މަސައްކަތަށް ފަރުވާތެރި، ހަވާލުކުރި ކޮންމެ މަސައްކަތެއް ކުރައްވަމުން ގެންދެވި ނަމޫނާ މުވައްޒަފެއްކަން ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ ހިތާވެރި ގޮތަކަށް އަހުމަދު ތައުފީޤް ނެތިގެން ދިޔުމަކީ ކުންފުންޏަށް ލިބިގެން ދިޔަ ބޮޑު ހިތާމައެއްކަމަށްވެސް ފެނަކައިގެ ބަޔާނުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ