މެޗު ނިމެން ކައިރިވެފައި އޮށްވައި ޖެހި ދެ ލަނޑުން މެކްސިކޯއިން ވަރުގަދަ އުރުގުއޭގެ މައްޗަށް ކުރި ހޯދާ ކޮޕާ އެމެރިކާ ސެންޓެނާރިއޯގެ ފެށުން އެ ގައުމުން ރަނގަޅު ކޮށްފިއެވެ.
އެރިޒޯނާގެ ޔުނިވާސިޓީ އޮފް ފީނިކްސް ސްޓޭޑިއަމްގައި ކުޅުނު ގްރޫޕް ސީގެ މި މެޗު ކުރީ ކޮޅު އުރުގުއޭގެ އަލްވާރޯ ޕެރޭރާގެ އަތުން ބައިކޮޅަށް ލަނޑެއް ވަދެ މެކްސިކޯ އަށް ލީޑު ހޯދައިދިނެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މިޑްފީލްޑަރ މަތިއަސް ވެސީނޯ ކުރި ފައުލަކާ ގުޅިގެން ދެވަނަ ރީނދޫ ކާޑެއް ދައްކައި ވަނީ ދަނޑުން ފޮނުވާލާފައެވެ.
ނަމަވެސް ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި މެކްސިކޯގެ އަންދްރޭސް ގުރާޑޯ އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައި ވަނީ ދަނޑުން ފޮނުވާލާފައެވެ. ދެ ޓީމު ވެސް 10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔުމުގެ ނަތީޖާއަކަށް ވީ އޭގެ އެއް މިނެޓު ފަހުން އުރުގުއޭގެ ކެޕްޓަން ޑިއޭގޯ ގޮޑިން ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ.
އެހެން ނަމަވެސް މެޗުގެ 85 ވަނަ މިނެޓުގައި މެކްސިކޯގެ ކެޕްޓަން ރަފައެލް މާކޭޒް ޕެންލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލާ މެކްސިކޯ އަށް ލީޑު ނަގައިދިނެވެ. އޭގެ ފަސް މިނެޓު ފަހުން ހެކްޓަ ހެރޭރާ އިތުރު ލަނޑެއްޖަހައި މެކްސިކޯ އަށް މޮޅެއް ކަށަވަރު ކޮށްދިނެވެ.
މެޗުގައި ގިނަ ހަމަލާތަކެއް މެކްސިކޯގެ ފަރާތުން ފެނިގެން ގޮސްފައިވާއިރު، އުރުގުއޭގެ ސްޓްރައިކަރ އެޑިސަން ކަވާނީ އަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބި ވަނީ ބޭކާރު ވެފައެވެ.
މުބާރާތުގެ ގްރޫޕް ސީ ގެ އިތުރު މެޗެއް ވެސް މިއަދު ވަނީ ކުޅެވިފައެވެ. ޖެމޭކާ އަދި ވެނެޒުއޭލާ ބައްދަލުކުރި މެޗު 0-1 ގެ ހަނި ނަތީޖާ އަކުން ކާމިޔާބު ކުރީ ވެނެޒުއޭލާ އެވެ. މެޗުގެ ގިނަ ވަގުތު ޖެމޭކާ ކުޅެފައި ވަނީ އެއް ކުޅުންތެރިއެއް މަދު ކޮށެވެ. އެ ޓީމުގެ ރުޑޮލްފް އޮސްޓިން އަށް މެޗުގެ 24 ވަނަ މިނެޓުގައި ވަނީ ކުރި ފައުލަކާ ގުޅިގެން ރަތް ކާޑު ދައްކާފައެވެ.
މުބާރާތުގައި މާދަމާ ވެސް ދެ މެޗެއް ކުޅެވޭނެ އެވެ. ފުރަތަމަ މެޗުގައި ފެނިގެންދާނީ ޕެނަމާ އަދި ބޮލީވިއާގެ ކުރިމަތި ލުމެކެވެ. އަދި ދެވަނަ މެޗުގައި މުބާރާތުގެ ދެ ފޭވަރިޓުން ކަމަށް ވާ އާޖެންޓީނާ އަދި ޗިލީގެ ފޯރިގަދަ ކުރިމަތިލުމެއް ފެނިގެންދާނެއެވެ.
އުރުގުއޭގެ މައްޗަށް ކުރި ހޯދާ މެކްސިކޯއިން ފެށުން ރަނގަޅު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ