ހުރިހައި ހިއްސާދާރުންގެ ބައިވެރިވުމާއި އެކު ހިންގަން އަމުރު ކުރުމުން ހުއްޓާލާފައިވާ "ހަވީރު" ނޫހުގެ އެއްހިއްސާދާރު ކަމަށްވާ ޑރ.މުހައްމަދު ޒާހިރު ހުސެއިންގެ އާއިލީ ކުންފުނިން "ހަވީރު" ގެ މުވައްޒަފުން ބޭނުންކޮށްގެން އުފައްދާ ނޫހުގެ މަސައްކަތް ހުއްޓުވަން ކޯޓަށް މައްސަލަ ހުށަހަޅަން ނިންމައިފިއެވެ.
މިމައްސަލަ ހުށަހަޅަން ނިންމާފައި ވަނީ "ހަވީރު" ގެ ތިން ހިއްސާދާރުން ކަމަށްވާ ފާރޫގު ހަސަނާއި އިބްރާހީމް ރަޝީދު މޫސާ އަދި މުހައްމަދު ނައީމް (މޮނާޒާ ނައީމް) ގެ ޤާނޫނީ ވަކީލުންގެ ޓީމުންނެވެ. މައްސަލަ ކޯޓަށް ހުށަހަޅަން ތައްޔާރުވަމުންދާކަން އެޓީމުން ވަނީ "ވަގުތަށް" ކަށަވަރު ކޮށްދެއްވާފައެވެ.
ޤާނޫނީ ވަކީލުންގެ ޓީމުގެ އޮފިޝަލަކު "ވަގުތަށް" މައުލޫމާތު ދެމުން މިރޭ ވިދާޅުވީ "ހަވީރު" ގެ މުވައްޒަފުން ބޭނުންކޮށްގެން ނޫހެއް ނެރުމަކީ ޤާނޫނާއި ޚިލާފު ކަމެއް ކަމަށެވެ.
"ކޯޓުން މީގެ ކުރިން ނެރެފައި އޮތް އަމުރާ ޚިލާފަށް ކުރާ ކަމެއް އެއީ. ކޯޓު އަމުރެއް އޮއްވާ އެ އަމުރަށް ގޮން ޖަހައި، އެ އަމުރުން ރައްކާތެރިކޮށްފައިވާ، ހަވީރުގެ ހިއްސާދާރުންގެ ހައްގުތައް ގެއްލިގެން ދާ ގޮތަށް އަދި ހަވީރު ނޫސް ބަނގުރޫޓު ކޮށްލުމަށް ކުރާ ކަމެއް އެއީ" މައުލޫމާތު ދިން ބޭފުޅާ ވިދާޅުވިއެވެ.
ހިއްސާދާރުންގެ ބައިވެރިވުމާއި އެކު "ހަވީރު" ނޫސް ހިންގަން ކޯޓުން އަމުރު ކުރުމުން "ހަވީރު" ގެ ބައެއް މުވައްޒަފުން ވަނީ ވަޒީފާ އިން ވަކިވުމަށް 30 ދުވަހުގެ ނޯޓިސްއެއް ދީފައެވެ. އަދި ބައެއް މުވައްޒަފުންގެ ކޮންޓްރެކްޓް މިމަސް ތެރޭގައި ހަމަވެފައި ވާތީ އެމުވައްޒަފުން ވަނީ "ހަވީރު" ގެ ވަޒީފާ އިން މިހާރު ވަކިވެފައެވެ. އަދި ބައެއް މުވައްޒަފުން ވަނީ ނޯޓިސް ނުދީ "ހަވީރުން" ވަކިވެފައެވެ.
ޒާހިރު ހުސެއިންގެ ދަރިންގެ ހިއްސާ އޮންނަ ކުންފުންޏަކުން މިހާރު ދަނީ "ހަވީރު" ނޫހުގައި މަސައްކަތް ކުރި ހުރިހައި މުވައްޒަފުން ބޭނުން ކޮށްގެން ދުވަހު ނޫހަކާއި އޮންލައިން ނޫހެއް ފެށުމަށް ތައްޔާރުވެފައި ކަމަށް މައުލޫމާތު ލިބެއެވެ.
"ހަވީރު" ގެ ކުރީގެ މުވައްޒަފުން އުފައްދާ ނޫސް ހުއްޓުވަން ކޯޓަށް ހުށަހަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ