ރައީސް ޔާމީންގެ އާދޭސް: އަޅުވެތިކަމުން ސަލާމަތްކުރަން މުއިއްޒަށް ވޯޓު ދެއްވާ

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލް ދަމަހައްޓައި ރާއްޖެ އަޅުވެތިކަމުން ސަލާމަތް ކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް ވޯޓު ދެއްވުމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ. 
ރައީސް ޔާމީންގެ މި އިލްތިމާސް ރައްޔިތުންނާ ހަމައަށް ގެނެސްދެއްވީ ރޭ ޗެނަލް 13 މެދުވެރިކޮށް އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދެއްވި ހާއްސަ މެސެޖެއްގެ ތެރެއިންނެވެ. 
އެގޮތުން މެޑަމް ފާތުން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ދިވެހިންނަށް ލިބޭ ފުރުސަތަކީ ދިވެހިންގެ މިނިވަންކަން އިއާދަކުރަން ލިބޭ ފުރުސަތެއް ކަމަށެވެ. އަދި އެކަމަނާގެ ފިރިކަލުން ޖަލުގެ ތޭރިތަކުގެ ތެރޭގައި ސިޔާސީ ދައުވާކޮށް ބޭއިންސާފުން ގައިދުކޮށް ހައްޔަރު ކުރުމުގެ ކުރިން ކުރެއްވި އެންމެ މުހިންމު މަސައްކަތްޕުޅަކީ ރާއްޖެ މިނިވަން ކުރުމަށް ވަކާލާތު ކުރެއްވުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.
Advertisement
"އެމަނިކުފާނު އެ މަސައްކަތްޕުޅު ނުކުރެއްވި ނަމަ މިއަދު ވެސް ގޭގައި އާއިލާއާ އެކުގައި ހުންނެވުމުގެ ފުރުސަތު ބޮޑު." 
މެޑަމް ފާތިމަތު އިބްރާހީމް 
އެހެން ނަމަވެސް، ރައީސް ޔާމީނަށް އެމަނިކުފާނުގެ އާއިލާއަށް ވުރެ ބޮޑަށް މުހިއްމުވީ ދިވެހިންގެ އިސްލާމީ ދިރިއުޅުމާއި ގައުމުގެ މިނިވަންކަން ކަމަށާ، އަނިޔާވެރިންގެ އަނިޔާ އަންނާނެކަން އެނގިވަޑައިގެން، ހިޔާރުކުރެއްވީ ގައުމުގެ މިނިވަންކަމަށް ގުރުބާންވެވަޑައިގަތުން ކަމަށް މެޑަމް ފާތުން ވިދާޅުވި އެވެ. 
މެޑަމް ފާތުން މުޢިއްޒުގެ ކެންޕެއިނުގައި-- ފޮޓޯ/ ޕީޕީއެން
އެހެންކަމުން، ޔާމީންގެ މި މަސައްކަތުގައި ބައިވެރިވުމަށް މި ވަގުތު ކޮށްދެވޭނެ އެންމެ މުހިއްމު ކަމަކީ އެމަނިކުފާނު އެންޑޯޒް ކުރައްވާފައިވާ މުއިއްޒާއި ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފަށް އެންމެހާ ލޮބުވެތި ރައްޔިތުން ވޯޓު ދެއްވުން ކަމަށް ވެސް ފާތުން ވިދާޅުވިއެވެ.
"އެމަނިކުފާނުގެ އާދޭހަކ،ީ ދިވެހިރާއްޖެ އަޅުވެތިކަމަށް ދިއުމުން ސަލާމަތްކުރުމަށް ރައީސް ޔާމީންގެ އެންޑޯޒްމަންޓު ދެއްވާފައިވާ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ރަނިންގމޭޓް ހުސައިން މުހައްމަދު ލަތީފަށް އެންމެހާ ލޮބުވެތި ރައްޔިތުންގެ ވޯޓު ދެއްވުން"
މެޑަމް ފާތިމަތު އިބްރާހީމް 
ފާތުން އިތުރަށް ވިދާޅުވީ ރައީސް ޔާމީނާއި ދިމާވާ ކޮންމެ ފަހަރަކު އެމަނިކުފާނު ވިދާޅުވަނީ ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަ ވެރިކަން މިއަދު އޮތީ އެހެން ބައެއްގެ އަތްދަށުގައި އޮތް ވާހަކަ ކަމަށާ، މިއަދު ދިވެހި ބިމުގައި، ދިވެހީންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވަމުންދާ ކަމުގެ ވާހަކަ ކަމަށެވެ. އަދި ދިވެހީންގެ ދާހިލީ މައްސަލަތައް، ދިވެހީންގެ އަމިއްލަ ވިސްނުމުގައި ނިންމުމުގެ ބާރެއް ނެތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވާ ކަން ފާތުން ފާހަގަ ކުރެއްވިއެވެ.
"މި ވޯޓުގެ ނަތީޖާއަކީ ދިވެހިންގެ ރާއްޖެ ދިވެހިންނަށް ލިބުން. ޔާމީން ފެއްޓެވި ގައުމީ ތަރައްގީ އިއާދަވުން. ދިވެހިންނަށް ލާޒިމު ބޯހިޔާވަހިކަން މުޅި ރާއްޖޭގައި ގާއިމުވުން،" ފާތުމަތު ވިދާޅުވި އެވެ.
މިއާއެކު މެޑަމް ފާތުން ވިދާޅުވީ ޔާމީންގެ މިނިވަންކަމާ މި ވޯޓު ވަނީ ގުޅިފައި ކަމަށާ، މުއިއްޒަށް ދޭ ވޯޓަކީ ޔާމީނަށް އިންސާފުވެރި، އަވަސް ޝަރީއަތެއް ލިބިވަޑައިގަންނަވާނެ ކަމެއް ކަމަށެވެ. އަދި މި އިންތިހާބުން ކާމިޔާބު ހޯދާ އެންމެން އެކުގައި އުފާފާޅުކުރާނ،ީ ރައީސް ޔާމީން މިނިވަންކުރުމަށް ފަހު އެމަނިކުފާނުގެ ބައިވެރިވެ ވަޑައިގެންނެވުމާ އެކުގައި ކަމަށްވެސް ވިދާޅުވި އެވެ.
އަދި މިއީ ގައުމަށް ނަސްރުލިބި މިނިވަންކަން ދެމެހެއްޓުމަށް ލިބޭ ފަހި ފުރުސަތަކަށް ވެގެންދާނެ ކަމަށްވެސް ފާތުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ