ބަދަލުގެ ގޮތުގައި އެއްވެސް ފަރާތަކަށް ފައިސާ ދީފައެއް ނުވާނެ: މާލީ ވުޒާރާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ ހަފުތާ ތެރޭގައި ސަރުކާރުން ބަދަލުގެ ގޮތުގައި 101.7 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ބުނެ ފެތުރެމުންދާ ހަބަރުތައް މާލީ ވުޒާރާއިން ދޮގުކޮށްފިއެވެ.
މާލީ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓާ ހަވާލާދީ ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކުގައި ހަބަރުފެތުރިފައިވާގޮތުން މި 101.7 މިލިއަން ރުފިޔާއަކީ މި އަހަރުގެ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަލަށް ސަރުކާރުން ބަދަލުގެ ގޮތުގައި ދިން އަދަދެވެ. މިއީ ނޮވެމްބަރު މަހުގެ ފަހު 7 ދުވަހުގެ ތެރޭގައި ދޫކުރިވަރު ކަމަށް ނޫސްތަކުގައިވެއެވެ.
ނޫސްތަކުގައިވަނީ މި އަދަދަކީ މިއަހަރުގެ ބަޖެޓުގައި ބަދަލު ދޭން ކަނޑައެޅި އަދަދަށްވުރެ އިތުރު އަދަދެއްކަން ފާހަގަކޮށްފައެވެ.
މި ރިޕޯޓާ ހަވަލާދީ ނޫސްތަކުގައިވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ 5 އަހަރުގެ ދައުރު ނިމުނުއިރު ދައުލަތުގެ ބަޖެޓުން ބަދަލުގެގޮތުގައި ޖުމްލަ 438.1 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށެވެ. ރައީސް ސާލިހުގެ ސަރުކާރުގައި ބަދަލުގެ ގޮތުގައި ފައިސާ ދޫކޮށްފައިވަނީ އެއްވެސް އުސޫލެއް ހަމައެއްނެތި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ވަނީ ފާހަގަކޮށްފަައެވެ.
މިކަމަށް ރައްދުދީ މާލީ ވުޒާރާއިން ކުރި އެކްސް ޕޯސްޓެއްގައިވަނީ ބަދަލުދިނުމުގެ ނަމުގައި އެއްވެސް ފަރާތަކަށް ފައިސާ ދޫކޮށްފައިނުވާނެކަން ހާމަކޮށްފައެވެ. އަދި މިކަމާ ގުޅޭ ތަފުސީލުތައް ހިމެނޭ ނޫސްބަޔާނެއް ވަރަށް އަވަހަށް ނެރޭނެ ކަމަށް މާލީ ވުޒާރާއިން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ