ލ. އަތޮޅު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި މިއަހަރު ނުވަ ސްކޫލަކުން ވާދަކުރާނެ!

ލ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ލ. އަތޮޅު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ނުވަ ޓީމަކުން ބައިވެރިވެއްޖެއެވެ.
މިދިޔަ އަހަރުވެސް ފޯރިގަދަކޮށް ލ. އަތޮޅުގެ އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް ފެނިގެން ގޮސްފައިވާ އިރު، މިއަހަރުވެސް އަތޮޅު ކައުންސިލުން މަސައްކަތް ކުރަމުން ގެންދަނީ އިންތިޒާމް ފުރިހަމަ މުބާރާތެއް ބޭއްވުމަށެވެ. ސްކޫލްތަކުން މިހާރުވެސް ފަރިތަކުރުންތައް ކުރިއަށް ގެންދަމުންދެއެވެ. ނުވަ ސްކޫލަކުން މުބާރާތުގައި ބައިވެރިވެފައިވާ އިރު، މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
މިދިޔަ މަހު މުބާރާތުގެ ގުރުއަތުލުންވެސް ކުރިއަށް ގެންގޮސްފައިވާ އިރު، ގްރޫޕް ސްޓޭޖު ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް ސްޓޭޖަށް ގުރު ލާފައި ވަނީ މިދިޔަ އަހަރުގެ ނަތީޖާއަށް ބަލައި ޓީމުތައް ސީޑު ކޮށްގެންނެވެ. ގްރޫޕް ސްޓޭޖަށްފަހު އެންމެ މޮޅު ހަތަރު ޓީމު ސެމީގައި ވާދަކުރާ އިރު، މުބާރާތް ފަށާނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. މުބާރާތް އޮންނާނީ ލ. ގަމު ޒޯން ސްޓޭޑިއަމްގައެވެ.
ލ. އަތޮޅު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ގްރޫޕްތައް ގްރޫޕް އޭ: ލ. އަތޮޅު ސްކޫލް، ހަމަދު ސްކޫލް، މާވަށު ސްކޫލް، މާމެންދޫ ސްކޫލް ގްރޫޕް ބީ: ލ. އަތޮޅު ތައުލީމީ މަރުކަޒު، ދަނބިދޫ ސްކޫލް، ކަލައިދޫ ސްކޫލް، އިސްދޫ ސްކޫލް، އިހައްދޫ ސްކޫލް
ލ. އަތޮޅަކީ ފުޓުބޯޅައިގައި ރަނގަޅު ކުޅުންތެރިންތަކެއް އުފައްދަމުންދާ އަތޮޅެއްގެ ގޮތުގައި ފަހަކަށް އައިސް ވަނީ ފާހަގަވެގެން ގޮސްފައެވެ. އެގޮތުން ގައުމީ ފުޓުބޯޅަ ޓީމާއި، ފުރަތަމަ ޑިވިޝަނުގެ ކްލަބުތަކުގައިވެސް ލ. އަތޮޅުގެ ޒުވާން ކުޅުންތެރިން ފާހަގަވެގެން ދެއެވެ.
މިދިޔަ އަހަރު އިންޓަ ސްކޫލް މުބާރާތުންވެސް ޒުވާން އެތައް ކުޅުންތެރިންނެއްގެ ހުނަރު ފެނިގެން ގޮސްފައިވާ އިރު، ގަމު ޒޯން ސްޓޭޑިއަމްގައި ކުރިއަށްދިޔަ އެ މުބާރާތުގެ ފައިނަލުގައި ލ. އަތޮޅު ތައުލީމީ މަރުކަޒުގެ މައްޗަށް ކުރި ހޯދައި ޗެމްޕިއަންކަން ހޯދީ ލ. އަތޮޅު ސްކޫލުންނެވެ.
ލ. އަތޮޅު ކައުންސިލްގެ މިއަހަރުގެ އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޝީޝާއެވެ. މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ