މާޅޮހުގައި އުމުރުން ދުވަސްވީ މީހަކު މަރާލައިފި

އއ. މާޅޮހުގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ މަރާލައިފިއެވެ.
ފުލުހުން ބުނީ، މަރުވެފައި ވަނީ، އެ ރަށު އޯކިޑްމާގެ އަބްދުއްރަހްމާން އާދަމް (65އ.) ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން އިތުރަށް ބުނެފައި ވަނީ، އަބްދުއްރަހްމާން ނިދާފައި އޮއްވާ ހަމަލާދީ ބޮޑެތި ޒަމަހްތަކެއް ދީފައި އޮތް ކަމުގެ މައުލޫމާތު ރޭ ލިބުނު ކަމަށެވެ.
އަދި އޭނާ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދިޔަ ކަމަށާއި އެ ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ ދަންވަރު 1:50 ހާއިރު ކަމަށެވެ.
ފަރުވާ ދެމުން ދަނިކޮށް ފަތިހުގެ ވަގުތެއްގައި އޭނާ މަރުވެފައި ވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް މާލެއިން ހާއްސަ ތަހުގީގު ޓީމެއް މާޅޮހަށް ދިޔުމުގެ މަސައްކަތް ކުރަމުން ދާ އިރު މާޅޮހުގައި ތިބޭ ފުލުހުން ވެސް މިހާރު ގެންދަނީ މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ