މާލޭގެ ރޯމަސް މާރުކޭޓު ތަރައްގީ ކުރުމަށް ގޮތް ނޭނގޭ ދެ އެއްބަސްވުމެއް ސިޓީ ކައުންސިލުން ހަދާފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، ސައިފް ފާތިހް އޭސީސީއަށް ހުށަހެޅުއްވީ މާލޭގެ މޭޔަރަކަށް، މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރު 6.1 މިލިއަން ޑޮލަރަށް މަސް މާރުކޭޓު ތަރައްގީ ކުރުމަށް ހަވާލުކޮށްފައި ވަނިކޮށް، މޭޔަރު ކަމުގެ ގޮނޑި ހުސްވި ދަނޑިވަޅުގައި އެ މަޝްރޫއަށް 3.5 މިލިއަން ޑޮލަރު އިތުރުކޮށް ޖުމްލަ 9.5 މިލިއަން ޑޮލަރަށް އެހެން ބަޔަކާ މަޝްރޫއު ހަވާލުކުރި މައްސަލަ އެވެ.
ސައިފް ވިދާޅުވީ ކައުންސިލްގެ ފަރާތުން މަސްމާރުކޭޓުގެ އައު އެއްބަސްވުމުގައި ސޮއިކުރީ ލީގަލް ސެކްޝަންގެ ވެރިޔާ އަލީ ނަސީރު ގާސިމް ކަމަށާއި، އެ އެއްބަސްވުމުގައި ސޮއިކުރާން ޖެހުނު ސަބަބާއި، އަގަށް 3.5 މިލިޔަން ޑޮލަރު އިތުރުވީ ގޮތް އޭނާ ސާފުކޮށްދީފައި ނުވާ ކަމަށެވެ.
ނަސީރަކީ މިހާރު ޕޮލިސް ބޯޑުގެ ވެސް މެންބަރެކެވެ.
އޮގަސްޓް 27، ގައި އޮންނަ މާލޭ ސިޓީގެ ކައުންސިލް ރަސްމީ ޖަލްސާއަށް އަލީ ނަސީރު ހާޒިރުކޮށްދެއްވައި، އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްދެއްވުމަށް ސައިފް ވަނީ އެދިފަ އެވެ.
މަސް މާރުކޭޓުގެ ފުރަތަމަ އެއްބަސްވުމާއި ދެވަނަ އެއްބަސްވުމުގައި ހުރި ތަފާތުތައް މޭޔަރުގެ ފަރާތްޕުޅުން ތަފްސީލީ ރިޕޯޓެއް ވެސް ކައުންސިލް ޖަލްސާއަށް ހުށަހަޅައިދެއްވުމަށް ސައިފް އެދިފައިވެ އެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައި އާޒިމް ވަނީ މަސްމާރުކޭޓު އެއްބަސްވުމުގެ ބައެއް މައުލޫމާތު ހާމަކުރައްވައިފަ އެވެ. މަސް މާރުކޭޓު ތަރައްގީކުރަން 6.1 މިލިއަން ޑޮލަރުގެ އެއްބަސްވުމަކާއި، 9.5 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް އޮތްއިރު، އޭތެރެއިން ސައްހަ އެއްބަސްވުމަކީ ކޮބައިކަން ނޭނގޭ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
ގާތްގަނޑަކަށް 147 މިލިއަން ރުފިޔާގެ ދެ ވަނަ ކޮންޓްރެކްޓުގައި ސޮއިކުރީ މުއިއްޒު ވެރިކަމާ ހަވާލުވުމަށް ފަހު އާޒިމް އިންތިހާބުވުމުގެ ކުރިންނެވެ. އޭރު މޭޔަރުގެ ޒިންމާތައް އަދާކުރަމުން ދިޔައީ މިހާރު ޔޫތު މިނިސްޓްރީގެ އެޑްވައިޒަރަކަށް މިނިސްޓަރެއްގެ ފެންވަރުގައި އައްޔަންކޮށްފައި ހުރި ޑެޕިއުޓީ މޭޔަރުކަން ކުރެއްވި އަހްމަދު ނަރީޝް އެވެ.
"ކޮންޓްރެކްޓް މިހާރު އޮތް ގޮތުން މި ފައިސާ ނުދެއްކިއްޖިއްޔާ އިމާރާތް އެއްކޮށް އެ މީހުންނަށް ލިބެނީ. އެހެންވީމާ މަސް މާރުކޭޓެއް ވެސް ނޭޅޭނެ، ލޯކަލް މާރުކޭޓެއް ނޭޅޭނެ،" އާޒިމް ވިދާޅުވި އެވެ.
ދެވަނަ އެއްބަސްވުމެއްގައި ސޮއިކުރަން ޖެހުނު ސަބަބު އެންގުމަށް ލީގަލް ކައުންސިލް އަލީ ނަސީރަށް މިހާރު އަންގާފައިވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އެ ކޮންޓްރެކްޓުގައި ސޮއިކުރިކަން އިތުރު އެއްވެސް މެންބަރަކަށް ނޭނގެ އެވެ.
މަސް މާރުކޭޓުގެ ހިޔާނާތުގެ މައްސަލަ އޭސީސީއަށް ހުށަހަޅައިފި މަސް މާރުކޭޓުގެ ހިޔާނާތުގެ މައްސަލަ އޭސީސީއަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ